ހަބަރު

އައްޑޫގައި އެކްސިޑެންޓުވި ޕިކަޕް ދުއްވި މީހާ ހައްޔަރުކޮށްފި

މި މަހުގެ 26 ވަނަ ދުވަހު އައްޑޫ ސިޓީ ލިންކު ރޯޑުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޕިކަޕާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްއާ ގުޅިގެން އެކްސިޑެންޓްވި ޕިކަޕްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 33 އަހަރުގެ އެ މީހާ ކޯޓު އަމުރެއްގެ ދަށުން މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ވެހިކަލް މިހާރު ޓޯ ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އެ އެކްސިޑެންޓުގައި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ. އެކްސިޑެންޓަށްފަހު އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ގދ. ވާދޫ، ނެސްޓު އަރުޝަމް އިބްރާހީމް އެވެ. އެކްސިޑެންޓު ހިނގިއިރު އަރުޝަމް އިނީ ސައިކަލުގެ ފަހަތުގަ އެވެ. އަދި އެ ސައިކަލު ދުއްވަން އިން ސ. މަރަދޫ، ހިރުނދުގަސްދޮށުގޭ ހުސެއިން އަނަސްގެ ދެފައި ވަނީ ބިނދިފަ އެވެ. އިތުރު ފަރުވާއަށް އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

މިދިޔަ އަނގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި ލިންކް ރޯޑުގައި އެ އެކްސިޑެންޓު ހިނގި މަންޒަރު ދުށް މީހަކު "އަވަސް"އަށް ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ ލިންކު ރޯޑު ފަޅު ރަށު ހިސާބުން ކަމަށެވެ. އެގޮތުން ސައިކަލުގެ ފަހަތުން ވަރަށް ބާރަށް އެންވާރަމަންޓް މިނިސްޓްރީގެ އުޅަނދެއް ދުއްވާފައި ދިޔަ ކަމަށާއި ދެން ބާރު އަޑެއް އިވި އެކްސިޑެންޓު ހިނގާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސަގައި މަރުވި އަރުޝަމްއަކީ އޭނާގެ ބޭބެއާއެކު މަހަށް ގޮސް ކުޑަ ދުވަސްކޮޅަކަށް އައްޑޫގައި މަޑު ކުރި ކުއްޖެކެވެ. އޭނާ މަރުވި އިރު ދިޔައީ އާ އަހަރަށް ސްކޫލަށް ދާން އެއްޗެހި ތައްޔާރު ކުރަމުންނެވެ.