ހަބަރު

މިއުޒިކާއި ހަވަޔާއި ލަވަޔާއެކު އާ އަހަރު ފަށައިފި

ފޯރިގަދަ ޝޯ އަކާއި ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު 2018 ފެށުން ފާހަގަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއައިޓީޑީސީ ގުޅިގެން މިރޭ ކާނިވާ ސްޓޭޖުގައި ބޭއްވި ޝޯ ގައި ޕާކިސްތާނުގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރާހަތު ފަތޭ އަލީ ހާން އަދި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގުވެސް ވަނީ ޕާފޯމްކޮށްފަ އެވެ. އޭގެ އިތުރުން ބޮލީވުޑްގެ ޑާންސް ގްރޫޕްތަކުގެ ހަރަކާތްތައްވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

"މޭރޭ ރަޝްކޭ ކަމަރް"، "އާފްރީން އާފްރީން"، "ތު މެރޭ އަގަލް ބަގަލް" ފަދަ ލަވަތައް އިވިގެން ދިޔަ އެވެ. އޭގެ އިތުރުންވެސް އެ ދެ ފަންނާނުންގެ ރީތި ލަވަތަކެއްވަނީ އިއްވާލާފަ އެވެ.

ޝޯގެ ފޯރި ގެނައުމުގެ ގޮތުން ބޮޑުބެރު ގްރޫޕްތަކުގެ ޕާފޯމަންސްތަކެއްވެސް ވަނީ ގެނެސްދީފަ އެވެ. އެ ގޮތުން 1438 ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ތަފާތު ލަވަތަކެއް ގެނެސްދިނެވެ.

އޭގެ އިތުރުން ރާއްޖޭގެ ލަވަ ކިޔުންތެރިންގެ ހުށަހެޅުންތަކެއްވެސް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި ޔާމިން ރަޝީދު، މަރިޔަމް އަޝްފާ، ހައްވާ އަޝްރާ، އަބްދުﷲ ފާލިހު، ހަދީޖާ މުހައްމަދު (ރިޒޫ)، ލަހްފާ ފާއިޒު، ސަމާހަތު މޫސާ އަދި ޔޫސުފް ސޮފްވާން (ސޮއްޕެ)ގެ ހުށަހެޅުންތަކެއް ފެނިގެން ދިޔަ އެވެ.

އާ އަހަރު ފެށުން ފާހަގަ ކުރަން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައިވެސް މިރޭ ވަނީ ޝޯއެއް ބާއްވާފަ އެވެ. އެ ޝޯގައި ހަބޭސް ބޮޑުބެރު ގްރޫޕާއެކު ދިވެހި މިއުޒިކް ލެޖެންޑް ހަސަން މުހައްމަދު (މޭނާ ހައްސާން) ވަނީ ޕާފޯމްކޮށްފަ އެވެ. އަދި މޯލްޑިވިއަން އައިޑޮލް ސީޒަން ތިނަކުން ވިދާލި ޝަމްވީލް މުހައްމަދުވެސް ވަނީ ޕާފޯމްކޮށްފަ އެވެ.