ކުޅިވަރު

ވެންގާގެ 811 އިން ގަދަ ފަހެއް

Jan 2, 2018

އާސެން ވެންގާ، އާ އަހަރާއި ކުރިމަތިލީ، ބޮޑު ރެކޯޑެއް ހެދުމަށް ފަހު އެވެ. ޕްރިމިއާ ލީގްގައި އެންމެ ގިނަ މެޗުގައި ކޯޗް ކޮށްދިން ކޯޗްގެ ގޮތުގައެވެ. ވެސްޓްބްރޯމްވިޗާ ދެކޮޅަށް އާސެނަލް ކުޅުނު މެޗަކީ އާސެނަލްއާއެކު ޕްރިމިއާ ލީގްގައި ވެންގާ، ކޯޗް ކޮށްދިން 811 ވަނަ މެޗެވެ.

ބުރާސްފަތި ދުވަހު، ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ވެންގާ ވަނީ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކޯޗް އެލެކްސް ފާގަސަންގެ ރެކޯޑާ ހަމަ ކޮށްފަ އެވެ. ވެންގާ އާސެނަލްގެ ކޯޗްގެ ގޮތުގައި 21 އަހަރު ހޭދަ ކޮށްފި އެވެ. އެއިން ކޮންމެ އަހަރަކުވެސް، އާސެނަލް ވަނީ ލީގްގެ ކުރިގައި ވާދަ ކޮށްފަ އެވެ. އާސެނަލްގެ އެންމެ ހާއްސަ ސީޒަނަކީ 2003/04 ސީޒަނެވެ. އެ ފަހަރުގެ ޕްރިމިއާ ލީގް، އާސެނަލް ހޯދީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

ޕްރިމިއާ ލީގްގައި ވެންގާގެ، ރެކޯޑް ބްރޭކިން ކެރިއާގެ 811 މެޗުގެ ތެރެއިން މި ބަލާލަނީ އެންމެ ވަރުގަދަ ފަސް މެޗަަށެވެ.

މެއި 2002، ޔުނައިޓަޑް 0 - 1 އާސެނަލް

އޭގެ ކުރީގެ ތިން ސީޒަންގައި ލީގް ޗެމްޕިއަން ހޯދީ ޔުނައިޓަޑެވެ. ނަމަވެސް ހަތަރު ވަނަ ފަހަރަށް އެކަން ކުރަން ޔުނައިޓަޑްގެ ބާރު ކަނޑު ވާލި ޓީމަކީ އާސެނަލް އެވެ. އެ ސީޒަންގެ ލީގް ޗެމްޕިއަންކަން ހޯދީ އާސެނަލް އެވެ.

ލީގް ޗެމްޕިއަންކަން އާސެނަލް ހޯދީ، މެންޗެސްޓާގެ ސްޓޭޑިއަމް އޯލްޑް ޓްރަފާޑްގައި ކުޅުނު މެޗު 1-0 ގެ ނަތީޖާ އަކުން ޔުނައިޓަޑް ބަލި ކުރުމަށްފަހު އެވެ. އޭގެ ކުރިން އާސެނަލް ވަނީ އެފްއޭކަޕް ފައިނަލުގައި ޗެލްސީ 2-0 ން ބަލި ކޮށްފަ އެވެ.

މެއި އަށެއް 2002 ގައި ޔުނައިޓަޑާ ދެކޮޅަށް ކުޅުނު މެޗު

ޔުނައިޓަޑްގެ މެޗަށް އާސެނަލް ނިކުތީ، ޓީމުގެ މުހިންމުގެ ކުޅުންތެރިންކަމަށްވާ، ތިއޮރީ ހެންރީ އަދި ޓޯނީ އެޑަމްސް ނުލަ އެވެ. އަދި ޑެނިސް ބާގްކޭމްޕްވެސް ހުރީ ބެންޗުގަ އެވެ. އާސެނަލްގެ ހަމައެކަނި ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސިލްވާން ވިލްޓޯޑް އެވެ.

އޭޕްރީލް 2004، އާސެނަލް 4 - 2 ލިވަޕޫލް

އާސެނަލްއިން އެމަޗަށް ކުރިމަތިލީ، ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުން އެ ޓީމު، ކެޓުމުން އެ ހިތްދަތި ކަމުގަ އެވެ. ޕްރިމިއާ ލީގްގައި ބަލިނުވެ 31 މެޗު ގެ ރެކޯޑަށްވެސް ނިމުން އަތުވެދާނެ ކަމަށް އެ މެޗުގައި ބެލެވުނެވެ.

އެއީ މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި، ސާމީ އައިޕިއާ ލިވަޕޫލަށް ލިޑް ނަގައިދިނުމުންނެވެ. ހެންރީ، 31 ވަނަ މިނެޓްގައި އާސެނަލް އަށް އެއްވަރު ކޮށް ދިން ނަމަވެސް، މައިކަލް އޮވެން ވަނީ ލިވަޕޫލަށް ލީޑް ނަގައިދިފަ އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ލިވަޕޫލް 2-1 ލީޑް ގައި އޮވެގެންނެވެ.

ދެ ވަނަ ހާފުގައި އާސެނަލް އަށް އުންމިދެއް ހޯދައިދިނީ ރޮބަޓް ޕިރެސް އެ ޓީމަށް ނަތިޖާ ހަމަހަމަ ކޮށްދިނުމުންނެވެ، ހެންރީ ވަނީ އޭނާ އިންޑަވިޖުއަލް ހުނަރު ބޭނުން ކޮށްގެން މޮޅު ގޯލެއް ކާމިޔާބު ކޮށްފަ އެވެ. މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށް ހެންރީ ވަނީ ހެޓްރިކް ހަދައި 4-2 ން އާސެނަލް މޮޅު ކޮށްދީފަ އެވެ.

އެ މެޗުން މޮޅުވެ، ތާވަލުގެ އެއް ވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެ ސީޒަންގެ ލީގް އާސެނަލް ކާމިޔާބު ކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. އެއީ އިނގިރޭސި ފުޓްބޯޅައިގައި ކުލަބަކުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބެވެ.

ނޮވެމްބަރު 2004، ޓޮޓެންހަމް 4 - 5 އާސެނަލް

އުތުރު ލަންޑަންގެ ޑާބީ މެޗު ތަކަކީ އަބަދުވެސް، ވަރަށް ފޯރިގަދަ މެޗުތަކެކެވެ. ހީނުކުރާ ކަހަލަ ތަފާތު ނަތީޖާތަކެއް ނިކުމެދާނެ މެޗެކެވެ. ޖަކް ސަންޓިނީ ކޯޗް ކަމުން ވަކިކޮށް ޓޮޓެންހަމް އެ މެޗަށް ނިކުތީ މާޓިން ޖޮލް ކޯޗް ކަަމަށް ހަމަޖައްސައިގެންނެވެ. ޖޮލްގެ ފުރަތަމަ މެޗަކަށްވީ އާސެނަލްއާ ދެކޮޅަށް ކުޅުނު އެ މެޗެވެ.

މޮރަކޯގެ ކުރީގެ ކުޅުންތެރިޔާ ނޫރުއްދީން ނައިބަތު ޓޮޓެންހަމްއަށް ލީޑް ނަގައިދިފައި ވަނިކޮށް،، އާސެނަލް ހާފް ނިންމާލީ ހެންރީގެ ލަނޑުން ނަތީޖާ ހަމަހަމަ ކޮށްގެންނެވެ.

ޓޮޓެންހަމް 5-4 ބަލި ކުރި މެޗުގެ މުނާސަބަތުގައި

އާސެނަލްއަށް ލިބުނު ޕެނަލްޓީ އަކުން ލައުރެން އާސެނަލްއަށް ލީޑް ނަގައި ދިނެވެ. އަދި އޭގެ ފަހުން ޕެޓްރިކް ވިއޭރާ ވަނީ އާސެނަލްގެ ލީޑް ފުޅާ ކޮށްދީފަ އެވެ. އަދި ފްރެޑީ ލުންބާގް ލަނޑު ކާމިޔާބު ކޮށް ނަތީޖާ 4-1 އަށް އާސެނަލް ކޮޅަށް ބަދަލު ކޮށްލި އެވެ. ޢެގެ ފަހުން ޖާމަން ޑިފޯ ވަނީ ޓޮޓެންހަމް އަށް ނަތީޖާ ފަރަގު ކުޑަކޮށް ދީފަ އެވެ. އޭގެފަހުން ލެޑްލީ ކިންގް ބޮލުން ކާމިޔާބު ކުރި ލަނޑުން އެއް ލަނޑަށް ފަރަގު ކުޑަ ކުރި އެވެ. ނަމަވެސް ރޮބަޓް ޕިރެސް އަނެއްކާވެސް އާސެނަލް އަށް ލީޑް ފުޅާ ކޮށް ދީފި އެވެ. ޓޮޓެންހަމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފްރެޑްރިކް ކެނޯޓް އެވެ. އެ މެޗަކީ އެ ދެ ޓީމު ކުޅުނު މެޗުގެ ތެރެއިން އެންމެ ގިނަ ލަނޑު ފެނުނު މެޗެވެ. ދެ ޓީމުން ޖެހި ލަނޑު ތަކާއެކު ޖުމުލަ ނުވަ ލަނޑެވެ.

އޮކްޓޯބަރު 2011، ޗެލްސީ 3 - 5 އާސެނަލް

ޗެލްސީގެ ކޯޗް ކަމާ އަންދުރޭ ވިޔަސް ބޯސް ހަވާލުމުން ގިނަ އުންމީދުތަކެއް ކުރެވުނެވެ. ޕޯޗްގަލްގައި އޭނާ ދައްކާލި ފެންވަރާއެކު، އޭނާ އާ މެދު ކުރެވުނު އުންމިދުތައް ވަރަށް މަތިވި އެވެ. ނަމަވެސް އޭނާގެ ވަޒީފާ ސަލާމަތް ނުކުރެވުނެވެ.

އެ މެޗުގައި ޖޯން ޓެރީ، ފްރޭންކް ލަމްޕާޑް އަދި ހުއާން މާޓާގެ ލަނޑުތަކުން ޗެލްސީއަށް ކުރި ހޯދައިދިނެވެ. ނަމަވެސް ދެ ވަނަ ހާފުގައި، އެންޑްރޭ ސަންޓޯސް އާއި ތިއޯ ވޮލްކޮޓްގެ ލަނޑުތަކުން އާސެނަލް އަށް ހިތްހަމަ ޖެހުމެއް ދިނެވެ. ފަހުން ވެން ޕާސީގެ ޖާދޫއިން ތިން ލަނޑު ޖަހައި ހެޓްރިކް ހެދުމަށްފަހު އާސެނަލްއަށް 5-3 މެޗު ހޯދައި ދިނެވެ.

ޖެހިގެން އައި ފެބްރުއަރީގައި، ވިޔަސް ބޯސް ވަޒީފާއިން ވަކިކޮށް، ރޮބާޓޯ ޑި މަޓާއޯއާ ޗެލްސީގެ ކޯޗް ކަން ހަވާލު ކުރި އެވެ.

އޮކްޓޯބަރު 2015 އާސެނަލް 3 - 0 ޔުނައިޓަޑް

ވެންގާ އާސެނަލް މިހާރު ދޫކޮށްލިޔަސް، އޭނާގެ ލެގަސީ ފަނޑެއް ނުވާނެ އެވެ. އާސެނަލްގެ ގޭމް ސްޓައިލާއި ސްޓްރެޓަޖީ ވެންގާ ފައްކާ ކޮށްފައި ވަނީ ޒަމާނީ ފުޓްބޯޅަ ސްޓައިލްއާ އެއްގޮތަށެވެ. އަވަސް ހަލުވި ޕާސިން ގޭމެއްގެ މައްޗަށެވެ. ވެންގާ ދައުރަށް 21 އަހަރު ވެގެން އޭނާ މުސްކުޅި ވެއްޖެ ކަމަށް ބުނެ ފާޑު ކިޔަސް، އޭނާ އަކީ ޕްރިމިއާ ލީގްގައި ފެންނާނެ ފުޓްބޯޅައިގެ އެންމެ އަޕްޑޭޓެޑް ކޯޗެވެ.

މިޒަމާނުގެ ފުޓްބޯޅައިގެ މުއްސަނދި ސްޓައިލް އާސެނަލްގެ ކިބައިން ފެނުނު މެޗަކަށް މި މެޗު ވާނެ އެވެ. ޓީމުގެ މެދުތެރެއިން މެސްޓް އޮޒިލްގެ ނުފޫޒު ގަދަކޮށް މިޑްފީލްޑްލައިނުން މުޅި ގޭމް ކޮންޓްރޯލް ކުރި އެވެ.

އާސެނަލްގެ ފުރަތަމަ ލަނޑު އެލެކްސިސް ސަންޗޭޒް ކާމިޔާބު ކުރީ، އޮޒިލް ނަގައިދިން ހުރަހަކުންނެވެ. އެއަށްފަހު، މޮޅު ކައުންޓަ އެޓޭކް ހަމަލާއެއްގައި އޮޒިލް އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނެވެ.

މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް، ސަންޗޭޒް ވަނީ ޔުނައިޓަޑްގެ ތިން ޑިފެންޑަރުންގެ ކައިރިން ނައްޓާލުމަށްފަހު އޭރިއާގެ ރޮނގުމަތިން ބާރު ހަމަލާއެއް ޔުނައިޓަޑްގެ ގޯލަށް ފޮނުވާލާފަ އެވެ. އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާއަށް އެއްވެސް ފުރުސަތެއް ނުދެ އެވެ. ޔުނައިޓަޑްގެ ކޯޗް ލުއިސް ވެންހާލް އަށް ދެން އިތުރަށް ހެދޭނެ ގޮތެއް ނެތެވެ.