ބޮލީވުޑް

ޓައިގާ އާއި ދިޝާގެ ހިތް ރާއްޖެއަށް

Jan 1, 2018

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުއަރާފައިވާ ބޮލީވުޑްގެ ޒުވާން ދެތަރިން ކަމަށްވާ ޓައިގާ ޝްރޮފް އާއި ދިޝާ ޕަޓާނީ އާ އަހަރު ފާހަގަކުރަމުން އަންނަނީ ރާއްޖޭގަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާ އަހަރު ފާހަގަކުރަމުން އަންނައިރު ޓައިގާ އާއި ދިޝާ އާ އަހަރުގެ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ ރީތި ރިސޯޓެއްގަ އެވެ.

ޓައިގާ އާއި ދިޝާ ރާއްޖެ އައިސްފައިވަނީ ލަންކާ މަގުންނެވެ. މީގެ ދެ ދުވަސްކުރިން އެކްޓަރު ރަންވީރު ސިންގް ވަނީ އެ ދެތަރިންނާ އެކު ލަންކާ އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި މި ދެތަރިން އާ އަހަރު އެކުގައި ފާހަގަކުރަމުން އަންނަނީ އަވަށްޓެރި ސްރީލަންކާގައި ކަމަށް ވަނީ ރެޕޯޓްކޮށްފަ އެެވެ. ނަމަވެސް ދިޝާ އާއި ޓައިގާ އިންސްޓަގްރާމުގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަނީ ނޫކުލައިގެ ކަނޑާއި ރާއްޖޭގެ ހިތްގައިމު ގޮނޑު ދޮށެވެ.

އަދި ދިޝާ ލާފައިވާ ވީޑިއޯއެއްގައި މޫދުގައި ހަދާފައިވާ ޖެޓީއެއްގެ މަތިން ދުވަމުން އަންނައިރު، ފަހަތުން ފެންނަނީ މޫދު ވިލާތަކާއި ރިސޯޓުގެ ފެހި ގަސްތަކާއި ހުދު ދޮންވެލި ގަނޑު ފެންނަން އޮވެ އެވެ.

ޓައިގާ މިހާތަނަށް އާންމުކޮށްފައިވަނީ އެންމެ ފޮޓޯ އެކެވެ. ގައިގެ މަސްތައް ވަރުގަދަކޮށްފައިވާ ހަށިގަނޑު ދައްކައިގެން ހުންނަ ފޮޓޯގެ ފަހަތުގައި ވެސް ފެންނަނީ މަޑު ނޫކުލައިގެ ރީތި މޫދެވެ.

ބޮލީވުޑްގެ ތަރިންގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ މަގުބޫލު އެއް މަންޒިލެވެ. މަޝްހޫރު އެކްޓަރު ވަރުން ދަވަން ވެސް އަންނަނީ އާ އަހަރު ރައްޖޭގައި ފާހަގަކުރަމުންނެވެ.