ބޮލީވުޑް

ޝާހްރުކްގެ ޑްވާފް ފިލްމުގެ ނަމަކީ "ޒީރޯ"

ސުޕަސްޓާ ޝާހްރުކް ޚާން ޑްވާފެއްގެ ރޯލުން ފެނިގެންދާ ޑައިރެކްޓަރު އާނަންދް އެލް ރާއިގެ ފިލްމުގެ ނަމާ ގުޅޭގޮތުން އެކި އަޑުތައް އެރި ނަމަވެސް، އިއްޔެ އެންމެފަހުން ވަނީ ފިލްމުގެ ނަން ހާމަކޮށްފަ އެވެ.

ފިލްމުގެ ނަން ހާމަކުރުމުގެ ގޮތުން ވަނީ ފުރަތަމަ އޮފިޝަލް ޓީޒާ ވެސް ދައްކާލާފަ އެވެ.

ޝާހްރުކާ އެކު ބަތަލާގެ ރޯލުން އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކައިފް ފެނިގެންދާ މި ފިލްމުގެ ނަމަކީ "ޒީރޯ" އެވެ. މިއީ ކުރިން އަޑުތައް އެރިގޮތާ ހިލާފަށް ވަރށް ތަފާތު ނަމަކެވެ. ކުރިން ބުނެވުނީ މި ފިލްމަށް ކިޔަނީ "ކެޓްރީނާ މެރި ޖާން" އެވެ.

ގާތްގަނޑަކަށް އެއް މިނިޓްގެ ޓީޒާއިން ފެންނަ ގޮތުގައި މި ފިލްމަކީ ހުރިހާ ރަހައެއް އެކުލެވޭ ފިލްމެއްކަން އެނގެ އެވެ.

ޝާހްރުކް ޑްވާފް މީހެއްގެ ގޮތުގައި ފެނިގެންދާއިރު، އޭނާ ޑަބަލް ރޯލަކުން ފިލްމުގައި ފެނިގެންދާނެ ކަމަށްވެ އެވެ. އަދި ކެޓްރީނާ އާއި އަނުޝްކާ ފެނިގެންދާނީ އޭނާގެ ލޯބިވެރިންގެ ރޯލުންނެވެ.

"ޒީރޯ" ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 21 ވަނަ ދުވަހު އެވެ. މިހާރު އޮތް ގޮތުން މި ފިލްމާ ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ ފިލްމު "ކެދާރްނާތް" ރިލީޒްކުރާނީ އެއް ދުވަހެއްގަ އެވެ.