ބޮލީވުޑް

ދިޕިކާ އާއި ރަންވީރު މިފަހަރު ރާއްޖެ އަކަށް ނާދޭ

ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްނުވިޔަސް، މި ދެތަރިންގެ މެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަކީ ޔަގީންވާ ކަމެކެވެ. މިދެތަރިންގެ ހުރިހާ ހަރަކާތަކަށް ޕަޕަރާޒީން ފާރަލަނީ ވެސް އެހެންވެ އެވެ.

އެކުގައި އާ އަހަރު ފާހަގަކުރަން ދިޕިކާ އާއި ރަންވީރު މި ފަހަރު ވެސް އައުމަށް ހަމަޖެހިފައިވަނީ ރާއްޖެ އަށް ކަމަށް އަޑުތައް އެރި ނަމަވެސް އެ ދެމީހުން އާ އަހަރުގެ ޗުއްޓީ ފާހަގަކުރަމުން އަންނަނީ އަވަށްޓެރި ސްރީލަންކާގަ އެވެ.

ދިޕިކާ ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާގެ މަންމަ އާއެކު ވިއެނާގައި ޗުއްޓީއެއް ހޭދަކޮށްފަ އެވެ. ރަންވީރާ އެކު އާ އަހަރު ފާހަގަކުރުމަށް ދިޕިކާ ވަނީ ވިއެނާގެ ޗުއްޓީ ނިންމާލައި މިދިޔަ ބުރާސްފަތި ދުވަހު ލަންކާ އަށް އައިސްފަ އެވެ.

އެ ދެތަރިންގެ ގާތްފަރާތަކުން ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އާ އަހަރުގެ ޗުއްޓީ ލަންކާގައި ހޭދަކުރަން ނިންމީ ލަންކާގެ ރައްޔިތުންނަށް އެމީހުން އެނގުނު ނަމަވެސް އެ ގައުމަކީ ތަރިންގެ ޒާތީ ދިރިއުޅުމާ ބެހި އަދި އެމީހުންގެ މިނިވަންކަން ގެއްލޭނެ ފަދަ ކަމެއް ކުރާނެ ބަޔަކަށް ނުވާނެތީ އެވެ.

ލަންކާގައި ހޭދަކުރަމުން އަންނަ ޗުއްޓީގައި ސްނޯކްލިން އަށް ދިއުމަކީ ރަންވީރާއި ދިޕިކާ ރާވާފައިވާ އެއް ކަމެކެވެ.

މި ދެތަރިން އެކުގައި އެންމެފަހުން ކުޅުނު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އާ ދެކޮޅަށް ކުރި މުޒާހަރާގެ ސަބަބުން ސެނަސަރު ބޯޑުން ފާސްކޮށްނުދީ އޮތުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފިލްމުގެ ނަން، "ޕަދްމާވަތް" އަށް ބަދަލުކޮށް ބައެއް މަންޒަރުތަކަށް ބަދަލު ގެނެސް ފާސްކޮށްދީފަ އެވެ.

އިންޑިއާގެ ހިންދޫ ގްރޫޕްތަކުން މި ފިލްމާ ދެކޮޅަށް ކުރަމުން އައި މުޒާހަރާތަކުގައި ފިލްމުގެ ތަރިންނަށް ވެސް ވަނީ އިންޒާރުދީފަ އެވެ، އޭގެތެރެއިން އެންމެ ބޮޑަށް އިންޒާރު ދިނީ ދިޕިކާ އާއި ޑައިރެކްޓަރު ބަންސާލީ އަށެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ އާ އަހަރު ރަންވީރާއި ދިޕިކާ ފާހަގަކޮށްފައިވަނީ ރާއްޖޭގަ އެވެ. އޭގެފަހުން މިދުޔަ އަހަރު ވެސް ވަނީ އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

ބޮލީވުޑްގެ ތަރިންގެ ތެރެއިން ވަރުން ދަވަން އާއި ޓައިގާ ޝްރޮފް އަދި ލޯބިވެރިޔާ ދިޝާ ޕަޓާނީ ވެސް އަނަނީ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.