(31 ޑިސެމްބަރ 2017 އާ ގުޅޭ)
"ތީ ހައިކަލްތަ؟ ނޫނީ ތީތަ ހައިކަލްއަކީ؟" އެއްފަހަރު ޒޭނަށް އަނެއްފަހަރު ހައިކަލްއަށް އިޝާރާތްކޮށް ސުހާ އަހާލިއެވެ. އެތަނުން ހައިކަލްއަކީ ކޮބާކަމެއް ސުހާއަށް ޔަޤީނެއްނުވިއެވެ. ސުހާގެ އުމުރުން މިހާރު ފަސްދޮޅަހަށް އަރައިފިއެވެ. ކުރި އަލަތު ކައިވެނީގައި ލޯބިވާ ފިރިމީހާއާއިއެކު ދެ ފިރިހެން ކުދީން ލިބުނެވެ. ދޮށީދަރިފުޅު މާކިން މިހާރު މީހަކާ ވެސް އިނދެފިއެވެ. ނަމަވެސް ހަގުދަރިފުޅު މާތިން ހުރީ އަދިވެސް ހުސްހަށިބަޔަށެވެ.
ހައިކަލް ކުރިއަށް ޖެހިލާ ސުހާއަށް ގޮވާލާފައި އޭނާގެ އަތުގައި ހިފާލަމުން އެންމެ ކައިރީގައި ހުރި ބޮޑު ސޯފާގައި އިށީނެވެ. އެމީހުންގެ ވައަތްފަރާތުގައި ހުރި ސޯފާގައި ޒޭން އިށީނެވެ. ދަރިފުޅަށް ބަލާލާފައި ހައިކަލްގެ ނަޒަރު ސުހާއާ އަމާޒުކޮށްލިއެވެ. އަދި ވާހަކަދައްކަން ފެށިއެވެ.
"މީ ހައިކަލް! އެއީ އަހަންނާއި މިންނުއަށް ލިބުނު ދަރިފުޅު. ޒޭން ކިޔަނީ" ހައިކަލްގެ އަޑުގައި އާދަޔާ ޚިލާފު މަޑުމައިތިރިކަމެއްވިއެވެ. ހައިކަލްއަށް ބަލަން އިނދެފައި ސުހާ ބަލާލީ ޒޭންއަށެވެ. ސުހާގެ އެ ބަލާލުމަށް ލުއި ހިނިތުންވުމެއް ޒޭން ރައްދުކުރިއެވެ.
"މިންނު! މިންނުގެ ދަރިފުޅު..." ހިތުން ނުކުތް އާހެއް ފަދައިން ސުހާއަށް ބުނެލެވުނެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދިޔަ ހައިރާންކަމުގެ ތެރެއިން އިތުރު އަސަރުތަކެއް ފާޅުވާންފެށިއެވެ. އައިނުގެ ބިއްލޫރިކޮޅު ފުސްވާހެން ސުހާއަށް ހީވިއެވެ. ނަމަވެސް އައިނަށް ބަދަލެއް އައީކީ ނޫނެވެ. ސުހާގެ ލޯ ފެންކަޅިވީއެވެ. މަޑުމަޑުން އިންތަނުން ތެދުވެގެން އައިސް ޒޭންގެ ގާތުގައި ސުހާ އިށީނެވެ. އޭނާގެ ރޫޖެހިފައިވާ ދެއަތް އުފުލާލައި ޒޭންގެ މޫނުގައި ޖައްސާލިއެވެ. ލޯބިވާ ކޮއްކޮ ކައިވެނިކޮށްގެން ގެއިން ނުކުމެގެން ދިޔަ ރެއިން ފެށިގެން ސުހާއަށް ވަނީ ގެއްލިފައެވެ. އަހަރުތަކެއް ފާއިތުވުމަށްފަހު ސުހާއަށް ލިބުނީ މިލްނާގެ މަރުގެ ޚަބަރެވެ. އުފަންވީކަން ދެނަހުރީ އެންމެ ކުއްޖެކެވެ. އެ ކުއްޖާ އެ ދުވަހު މިލްނާއާއެކު ވަޅުލީއެވެ. މިލްނާގެ ހަނދާންތަކާއެކު ސުހާގެ ދެ ލޯ ފުރި ބަންޑުންވިއެވެ. ރޮވެންފެށުނު ސުހާގެ ކޮނޑުގެ ދެފަރާތުން ޒޭން ހިފަހައްޓާލިއެވެ. އަދި އޯގާތެރިކަމާއެކު ސުހާއަށް ގޮވާލިއެވެ.
"ސުހައްތާ!..." ޒޭން ގޮވާލި ނަމުގެ ސަބަބުން ސުހާއަށް މިލްނާގެ މަތީން ވަކިން ބޮޑަށް ހަނދާންވިއެވެ. އޭނާ ޒޭންގެ މޫނުގައި ފިރުމާލުމާއެކު ނިތްކުރީގައި ބޮސްދިނެވެ.
"ތީ މިންނުގެ ދަރިއެއްތަ؟ ކީއްވެތަ ކުރީން ދައްތަމެންގެ ގާތަށް ނައީ؟ މިންނު! މިންނު ނުބުނި ތަނުގައި ހައިކަލް ކީއްވެތަ ނުބުނީ؟ މިންނުގެ ދަރިއަކު ހުރި ވާހަކަ ކީއްވެތަ ނުބުނީ؟" ޒޭންގެ ގައިގާ ފިރުމަމުން ދެ ލޯ ފުހެލަމުން ކަހަލަ ގޮތަކަށް ސުހާ ވާހަކަދެއްކިއެވެ.
ޒޭން ސުހާގެ ގައިގާ ބައްދާލިއެވެ. ހައިކަލް ބުނި ފަދައިން ސުހާއަކީ އޭނާގެ މަންމަދެކެ ލޯބިވާ ދައްތައެއްކަން ޒޭނަށް ޔަޤީން ކުރަން އިތުރު ހެކިތަކެއް ބޭނުމެއްނުވިއެވެ. ހަމައެއާއެކު މިންނުގެ ޑައިރީގައި ބުނެފައިވާ ފަދައިން ސުހާއަކީ ހިތްހެޔޮ މީހެއްކަން ވެސް އެނގުނެވެ.
ސުހާގެ ސުވާލުތަކަށް ޖަވާބުދޭން ފެށީ ހައިކަލްއެވެ. އޭނާ ކިތަންމެ ޖެހިލުންވެފައި ހުރި ނަމަވެސް ހުރިހާ ކަމެއް ސުހާއަށް ކިޔައިދޭން ނިންމިއެވެ. އެހެންވެ ހައިކަލްއާއި މިންނުގެ ދިރިއުޅުމާ ބެހޭގޮތުން ސުހާއަށް ކިޔާދޭން ފެށިއެވެ. ވާހަކަދައްކަން ހައިކަލް ފެށިތަނާހެން ކުއްލިއަކަށް އެތަނަށް އައީ ހައިކަލްމެން ގޭތެރެއަށް ވަނުމަށް ބުނި އަންހެންކުއްޖާއެވެ. އޭނާގެ އަތުގައި އޮތް ތަބަށް ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި މޭޒުމަތީ ބެހެއްޓިއެވެ. އޭގައި ހައިކަލްއާއި ޒޭނަށް ޓަކައި ފިނިބުއިމެއް އަޅާފައި ހުރި ދެ ތަށިހުއްޓެވެ.
"މީ ކޮންކުއްޖެއްތަ؟" ގޭގައި ގެންގުޅޭ ކުއްޖެއް ވައްތަރު ނުޖަހާތީ ހައިކަލް ސުވާލުކޮށްލީ ސުހާއަށް ބަލާލާފައެވެ. ސުހާއަށް ޖަވާބު ނުދެވެނީސް އެ އަންހެންކުއްޖާ އަމިއްލައަށް ވާހަކަދައްކަން ފެށީ ތަބަކުގައި ހުރި ތަށިތަކުން ފަހަރަކު ތަށްޓެއް ނަގައި ހައިކަލްއާއި ޒޭނަށް ދިއްކުރަމުންނެވެ.
"އަޅުގަނޑަށް ކިޔަނީ ޝެލީން. އަޅުގަނޑަކީ މާކިންގެ އަންހެނުން" ހިނިތުންވެލުމާއެކު ޝެލީން ބުނެލިއެވެ.
"އަހަރެންގެ ދޮށީ މީހާގެ އަންހެނުން" ސުހާ ބުނެލިއެވެ. ހައިކަލްއާއި ޒޭން ވެސް ޝެލީންއަށް ހިނިތުންވުމެއް ދިނެވެ. އެތަނުގައި ޝެލީން މަޑުކޮށްލަން އުޅޭހެން ހީވުމުން ހައިކަލް އެދުނީ ސުހާއާ އެކަނި ތިބެ ވާހަކަދައްކާލަން ބޭނުންވާ ކަމުގައެވެ. އެއާއެކު ޝެލީންގެ ގާތުން ސުހާ އެދުނީ އެނބުރި ދިއުމަށެވެ. ކަމެއް ބޭނުންވެއްޖެނަމަ ގޮވާލާނޭ ކަމަށެވެ. ހައިކަލް އޭނާގެ ވާހަކަ ފެށީ އެމީހުންގެ ލޯމައްޗަށް ޝެލީން ގެއްލުމުންނެވެ. ސުހާ ނޫން އިތުރު ފަރާތަކަށް އޭނާގެ ދިރިއުޅުމުގެ ވާހަކަތައް އިވޭކަށް ހައިކަލް ބޭނުމެއްނޫނެވެ. އޭނާ ސުހާއަށް ވެސް ކިޔައިދޭން ނިންމީ އޭނާއަށް އެނގެންޖެހޭ ކަމެއްކަމުގައި މިލްނާގެ ވާހަކަތަކުން ވިސްނިފައި އޮތީމައެވެ.
ހައިކަލްގެ ވާހަކަތައް އަޑު އަހަން އިން ސުހާއަށް ހައިކަލްގެ ހުރިހާ ވާހަކަތަކެއް ޤަބޫލުކުރަން ދަތިވިއެވެ. އެ ހުރިހާ ކަމަކީ ސުހާއަށް ކުޑަކޮށް ވެސް އެނގިފައިނުވާ ކަންތައްތަކެވެ. ހައިކަލްއާއި މިލްނާއާ ދެމެދުގައި ހިނގައިފާ އެއްވެސް ކަމެއްގެ ހިލަން ވެސް ސުހާއަށް ވެފައި ނެތެވެ. އަޑުއަހަން ފަސޭހަ ނޫނަސް ހައިކަލްގެ ވާހަކަތައް އަޑުއަހަން ސުހާ އިނެވެ. އޭނާގެ ހިތާއި ނަފްސުގެ ހަމަޖެހުން އެ ވާހަކަތަކުގެ ސަބަބުން ގެއްލެމުންދިޔައެވެ. ސުހާއަށް އޭނާގެ ލޮލުގައިވާ އައިނު ނެގުމާއެކު މޫނުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އޭނާއަށް ރޮވެނީކަން ޒޭނަށް އެނގުނު ހިނދު ސުހާގެ ކޮނޑުގައި ހިފާ ގާތްކޮށްލިއެވެ. އެހެންވިޔަސް ހައިކަލް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނާ ބުނެދޭން ބޭނުންވި ހުރިހާ ކަމެއް ސުހާއަށް ކިޔައިދިނުމަށްފަހު ހިމޭނުން އިނެވެ.
ދުވެފައިކަހަލަ ގޮތަކަށް ސިޑިން އެރި ޝެލީން އަވަސް އަވަހަށް ގޮސް ކޮޓަރިއަށްވަނެވެ. އޭރު އެނދުގައި ފިލްމު ބަލަން އޮތް މާކިންއަށް މި މަންޒަރު ފެނުމުން ސުވާލުކުރިއެވެ.
"އިޓްސް އަ މިރަކަލް..." ޝެލީން އެނދުގައި އިށީންނަމުން ބުނެލިއެވެ. އޭނަ އިނީ އަޖައިބުވެފައި އިން މީހަކު ހެންނެވެ.
"ކޯއްޗެއްތަ؟.... ކޮބާތަ" މާކިން އަހާލިއެވެ.
"ސިޓިން ރޫމުގައި އެބަތިބި، މަންމަ ހޯދަން އައި ބައެއް، އެ ދެ މީހުން ހާދަ ވައްތަރޭ، މަންމައަށް ވެސް އޮޅުނު.... މާކީ! ދޭބަލަ އެއީ ކޮންބައެއްތޯ ބަލާލަން، މަންމަ ވަރަށް އެބަ ރޮއޭ އެމީހުންނާ ވާހަކަދައްކާފަ. އަހަރެން އެތާ ހުއްޓަ ފޮނުވާލީ މަންމައާ އެކަނި ތިބެ ވާހަކަދައްކަންށޭ ކިޔާފައި... މަންމަ ބުނީ ވެސް ދާށޭ އެހެންވެ ނުކެރޭނެ ދެން އަލުން ދާކަށް"ޝެލީން މާކިންއަށް ބަލާލަމުން ބުނެލިއެވެ.
"މަންމަ ރޮނީއޭ!... ކީއްވެ؟..." އެނދުގައި ބަންޑުން އޮތް މާކިން ތެދުވެ އިށީނެވެ. އޭނާ އިރުކޮޅަކު ވިސްނާލަން އިނެވެ. ސުހާ ރޯކަން އެނގުން މާކިންއަށް އެކަންވީ ކަންބޮޑުވާންޖެހޭވަރު ކަމަކަށެވެ. އޭނާ ހަނދާން ހުންނަން ފެށީސުރެ ސުހާ ރޯތަން ދުށީ އެމީހުންގެ ބޮޑުދައިތައެއް މަރުވެގެންނެވެ. އެ ހިތާމައިން ސުހާ އަރައިގަތީ ފުދޭ ވަރަކަށް ދުވަހުންނެވެ. އެ ނޫނީ ސުހާ ރޯތަނެއް އެކުދިންނަށް ފެނިފައެއްނުވެއެވެ. ބައްޕައަށްވުރެ ވެސް މަންމަދެކެ މާކިންމެން ކުދީން ލޯބިވެއެވެ.
"ހިނގާބަލަ! އިހަށް ދީބަލަ ތި އޮތް ޓީޝާޓު" މާކިން އެނދު ތެދުވަމުން ބުނެލިއެވެ. އެއާއެކު ޝެލީން އަވަސް އަވަހަށް ލިޔާމޭޒު ދޮށުގައި ހުރި ގޮނޑީގެ ލެނގޭބައިގައި އަޅުވާފައި އޮތް ޓީޝާޓު ނަގާ މާކިންއަށް ދިއްކޮށްލިއެވެ.
ސިޑިން ފައިބައިގެން އައި ޖައުންއަށް ހުއްޓެވުނީ ސޯފާގައި އިން ހައިކަލް ފެނުމުންނެވެ. އޭރު އޭނާއަށް ސުހާއަށް އަންނަމުންދިޔަ ބަދަލުތައް ފެނެއެވެ. ސުހާގެ ގައިގާ ހިފަހައްޓާލައިގެން އިން ޒުވާނާއަކީ ހައިކަލްގެ ދަރިއެއްކަން ޔަގީން ކުރާން ޖައުންނަށް އުނދަގުލެއްނުވިއެވެ. އޭނާ އެމީހުންނަށް ނުފެންނާނޭހެން މަޑުކޮށްލީ ދެކެވެމުންދިޔަ ވާހަކަ އަޑު އަހާލާށެވެ.
"އެ ހުރިހާ ކަމެއް ވީއިރު އަހަންނަށް ނޭނގުނީ ކީއްވެ؟ މިންނު ހުރިހާ ކަމެއް އަހަންނަށް ކިޔައިދެމުން އައީ. އޭނާއަށް ލޯބިވެވުނީ ކޮންއިރަކުންކަން އަހަންނަށް އެނގޭ. މިންނުއަކީ މީހުންގެ އިހުސާސްތަކާ ކުޅޭނެ ކުއްޖެއްނޫންކަން އަހަންނަށް އެނގޭ. އެހެންވިޔަސް އޭރު އަހަރެން އަޖައިބުވި ކަމަކަށްވީ އޭނާ އެންމެ ލޯބިވާ މީހާއާ ކުއްލިއަކަށް ދުރަށް ގޮސް ހައިކަލްއާ އިންނަން އުޅުން. މިންނު! އަހަރެންގެ ލޯބިވާ ކޮއްކޮ! މިންނު ކައިވެނި ކުރާން އުޅުނުއިރު ވެސް އަހަންނަށް ހީވި އެކުއްޖާ ހުރީ އުފަލުންނެއްނޫނޭ. އެންމެ ފަހު ވަގުތު ވެސް އެކަމާ އަހަރެން ސުވާލު ވެސް ކުރީން. އެންމެންގެ އިހުސާސްތަކާ މެދު މިންނު ވިސްނާފައި އެހެން ކަންތައްކުރި ނަމަވެސް އެކަމުން އަހަރެންގެ މިންނު ތަހައްމަލް ކުރި ވޭނާއި ހިތްދަތިކަން... އާހް! މިންނު!... ހައިކަލްއަށް އަހަންނާއި ޖައުން ހާދަ އިތުބާރެއް ކުރީމޭ. އަހަންނާއި އެ ކޮއްކޮ ވަކިވެ ދިއުމަށްފަހު ބައްދަލުވިއިރު އެ ހަށީގައި އެއްވެސް ދިރުމެއްނެތް. ކީއްވެތަ އެހެން ހެދީ؟ ބުނެބަލަ؟ ހައިކަލް...."
ޒޭންއާ ދުރަށް ޖެހިލާފައި ސުހާ އޭނާގެ ދެ ލޯ ކަނާތުން ފުހެލިއެވެ. އަދި މަޑުމަޑުން ސޯފާއިން ތެދުވިއެވެ. އެއާއެކު ހައިކަލް ވެސް ތެދުވެއްޖެއެވެ. ސުހާ އައިސް ހައިކަލްގެ ކުރިމަތީ ހުއްޓި ކަރުނުން ފުރިފައިވާ ދެ ލޮލުން ހައިކަލްއަށް ބަލާލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކުރާން ހައިކަލްއަކަށް ނުކެރުނެވެ. އެހެންވެ މަޑުމަޑުން އިސްޖަހާލީއެވެ. އެހިނދު ހައިކަލްގެ ކަންފަތް މަތީ ހޫނުކަމާއެކު ބީހިލީ ސުހާގެ އަތްތިލައެވެ. ދެވަނަ ފަހަރަށް ސުހާ ޖަހަން އުޅުނެވެ.
"ސުހާ" ކުއްލިއަކަށް އިވިގެން ދިޔަ ޖައުންގެ އަޑާއެކު ހައިކަލް ނޫން އެންމެން އެ ދިމާއަށް ބަލާލިއެވެ. ޖައުން އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލިއެވެ.
"ހައިކަލް" ހައިކަލްގެ ކޮނޑުގައި ޖައުން އަތްޖައްސާލަމުން އޭނާއަށް ގޮވާލިއެވެ.
"މިންނު! ޖައުން!... އަހަރެންގެ މިންނު... އެކުއްޖާ... އިއްފަތްތެރިކަން..." ސުހާއަށް ވާހަކައެއް ނުދެއްކުނެވެ. އައިގޮތަށް އައިސް ޖައުންގެ މޭގައި އޭނާގެ މޫނު ފޮރުވާލީ ރޮމުންނެވެ. ސުހާގެ ބޮލުގައާއި ބުރަކަށީގައި ޖައުން ފިރުމާލަމުން އޭނާ ގޮވައިގެން ވަކިން ހުރި ސޯފާގައި އިށީނެވެ. އަދި ހައިކަލްއާއި ޒޭނަށް ވެސް އިޝާރާތްކޮށްލީ އިށީނުމަށެވެ. ޒޭން އައިސް ހައިކަލްގެ ގާތުގައި އިށީނެވެ. އޭނާގެ ބައްޕަ އެ ހުރިހާ ވާހަކަތަކެއް އެ ކިޔައިދިނީ ކިހާ ހިތްވަރެއްކޮށްފައިކަން ޒޭނަށް އެނގެއެވެ. އެހެންވެ މަންމަގެ ޢާއިލާ މީހުންގެ ކުރިމަތީ އެ ބައްޕަގެ ހިތްވަރުކަމުގައި ޒޭންވީއެވެ.
ސުހާގެ ރުއިން ހުއްޓާލެވޭތޯ ޖައުން މަސައްކަތް ކުރިއެވެ. އެހެން އިން އިރު އޭނާ ދޭތެރެއަކުން ހައިކަލްއާއި ޒޭނަށް ބަލާލައެވެ. އޭނާއަށް ވެސް ހައިކަލް އެންމެފަހުން ފެނުނީ އާ ސަހަރާއިންނެވެ. އެ ދުވަހު ހައިކަލްގެ ގާތުގައި އިން ޒުވާނާއެއް ޖައުން ނުދެކެއެވެ. ހައިކަލްގެ ދަރިއެއްކަން ޒޭންއަކީ އޭނާ ނުބުނި ނަމަވެސް އެ ސޫރައަށް ބަލާލާ އެއްވެސް މީހަކަށް އެކަން ސިއްރެއް ނުވާނޭކަން ޖައުންއަށް އެނގެއެވެ.
"ދަރިފުޅުގެ މަންމައަކީ ދަރިފުޅު ހީކުރާހާ ގޯސް ރަހުމެއްނެތް މީހެއް ނޫން..." ސުހާ ދެ ލޯ ފުހެލާފައި ސޯފާގައި ހަމަޖެހިލަމުން ޒޭނަށް ބުންޏެވެ. ޒޭން މަޑުމަޑުން އައިސް ސުހާގެ ގާތުގައި އިށީނދެ އެ މޫނުގައި ދެއަތުން ހިފާލާ ކޯތާފަތް ފުހެލަ ދިނެވެ. އަދި ސުހާގެ ދެއަތްތިލާގައި ހިފާލަމުން ސީދާ ސުހާގެ ލޮލާ ލޯ އަމާޒުކޮށްލިއެވެ.
"އަޅުގަނޑަށް އެނގުނުލެއް ލަސްވީ. އަޅުގަނޑު ވެސް މަންމަދެކެ ލޯބިވޭ. މަންމަ ވަރަށް ގިނައިން ސުހައްތަގެ ވާހަކަދައްކާފައި އޮތީ. އެހެންވެ އަޅުގަނޑު ވެސް ބޭނުންވީ ސުހައްތައާ ބައްދަލުކުރަން. އަޅުގަނޑު މިއަދު ވަރަށް ދެރަވޭ. ވަރަށް ލަދުވެސް ގަނޭ މަންމައާ މެދު ކަންތައް ކުރެވުނު ގޮތުން..."
ޒޭންގެ ހިތުގައިވާ ހުރިހާ އެއްޗެއް އޭނާ ސުހާއަށް ހާމަ ކުރިއެވެ. އޭނާއަށް މަންމަގެ ލޯތްބާއި އަޅާލުން ލިބުނު ކަމުގައެވެ. އެހެންނަމަވެސް އެކަމަށް ފުރަގަސް ދިނީ އަނދިރިކަމުގައި އޭރު ހުރެވުނު ޒޭން އަމިއްލައަށް ކަމެވެ. އަދި މިލްނާގެ ހަޤީޤީ ދިރިއުޅުން ސުހާއަށް އަންގަން ބޭނުންވީ ރަނގަޅު މަޤްޞަދެއްގައި ކަމެވެ. މިލްނާގެ ހަޔާތުގެ ހުރިހާ ކަމެއް ޒޭނަށް އެނގުނީ ޑައިރީ ފެނުނު ފަހުންކަން ވެސް އޭނާ ބުންޏެވެ. އޭނާގެ މަންމަގެ ހަޔާތް ފުރިފައިވަނީ ހަމައެކަނި ވޭނާއި ހިތްދަތިކަމުގައި ނޫންކަން ޒޭން ޔަގީން ކޮށްދިނެވެ. މިލްނާގެ ދިރިއުޅުން އުފާވެރިކަމެވެ. ހައިކަލްއާއެކު އުމުރުގެ ބާކީ އޮތް ދުވަސްތައް ނިމިގެން ދިއުމަށް މިލްނާ ބޭނުންވިކަމެވެ. ހައިކަލްގެ ކުށަށް މިލްނާ މަޢާފު ކުރިކަމެވެ. ޒޭންގެ ނަފުރަތަށް ވެސް އެ މަންމަ މަޢާފުކޮށްފައިވާކަމެވެ. އެހެންވެ ސުހާ ރުޅި އައިސްފައި ހުރުމަކީ މިލްނާ ބޭނުންވާނޭ ގޮތެއް ނޫންކަން ޒޭން ހަނދާންކޮށްދިނެވެ. އޭނާ ބޭނުންވަނީ ހައިކަލްއަށް ސުހާ މަޢާފުކުރަންކަން ބުންޏެވެ. އެހިނދު ޖައުން ވެސް ސުހާގެ ކޮނޑުގައި ހިފާލަމުން ބޯޖަހާލީ ޒޭން އެ ދެއްކި ވާހަކަތައް އޭނާ ވެސް ޤަބޫލުކުރަމޭ ބުނާ ފަދައިންނެވެ.
"ހައިކަލްއަށް ހެދުނު ގޯސް އޭނާ ހަނދާންނައްތައެއްނުލާ. އޭނާ ބޭނުންނަމަ މިންނު ނިކަމެތިކޮށްލެވުނީސް. އެކަމަކު އޭނާ އެހެނެއްނުހަދާ. އިންސާނަކަށް ކުށެއް ކުރެވިދާނެ. އޭގެ މާނައަކީ އޭނާ ކުރި ހުރިހާ ރަނގަޅުކަންތައްތަކެއްގެ މަތީން ހަނދާންނައްތާލާ އެ ކުށުގެ މަތީން އަބަދާ އަބަދު އެމީހަކަށް ހަނދާންކޮށްދިނުމެއްނޫން. މަޢާފުކުރުމަކީ ރަނގަޅު މަގަށް އޭނާއަށް ދެވޭ ހިތްވަރެއް އަދި އަހަރެމެންގެ އަމިއްލަ ނަފްސަށް ދެވޭ ހަމަޖެހުމެއް. މިއަދު އަހަރުމެންނާއެކު މިންނުއެއް ވެސް ނެތް. އެއީ އަހަރެންގެ ވެސް ކޮއްކޮ ކަމުގައި ދުށީ. އަހަރެން ވެސް މިންނުގެ ދިރިއުޅުން ބާއްޖަވެރިވެ އުފާވެރިވުމަށް ދުޢާކުރީން. ވޭތުވެދިޔަ ކަންކަމަގެ ތެރެއިން ހަނދާންކުރަންވީ މިންނު ހޭދަ ކުރި އުފާވެރި ދިރިއުޅުން. މިންނުގެ ފުރާނައަށް ބުރަކަމެއް ލިބޭފަދަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ނޭދެން" ޖައުންގެ ވާހަކައިގެ ތެރެއިން އޭނާ ހައިކަލްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާގެ ހިތުގައި ހައިކަލްއާ މެދު ޝަކުވާއެއް ނެތޭ ބުނާ ފަދައިންނެވެ.
"ތީ އަހަރެންގެ މިންނު!... ޖައުންބެ ބުނިހެން ދަރިފުޅުގެ މަންމަގެ ފުރާނައަށް ބުރަކަމެއް ލިބޭފަދަ ކަމެއް ނުކުރާނަން. މިންނު ވެސް ހައިކަލްއާ ވަކިވާން ބޭނުންނުވާނީ އޭނާގެ ކިބައިން ރަނގަޅު ސިފަތަކެއް ފެނިގެން. ހައިކަލް ބޭނުންވަނީ އަހަރެންގެ މަޢާފުނަމަ އަހަރެން މަޢާފުކޮށްފިން" ޒޭންއާ ވާހަކަދައްކަމުން ހައިކަލްއަށް ސުހާ ބަލާލިއެވެ.
ސިޑިމަތީގައި ގުދުވެގެން ސިޓިންރޫމުގައިވާ ހިނގާކަންކަން ބަލަން ތިބި މާކިންގެ ދެމަފިރިންނަށް ވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް ނޭގުނެވެ. ޔަގީނުން ވެސް ގެއަށް އައިސް ތިބި ދެ މީހުންނަކީ ވަރަށް ޙާއްޞަ ދެ މީހުންކަން އެނގުނެވެ.
"ސަޅި ދޯ......" ޒޭނަށް އިޝާރާތްކޮށް ޝެލީން ބުނެލިއެވެ.
"އެއީ ފިރިހެނެކޭ... އަހަންނަށް ފިރިހެނުން ކަމަކު ނުދޭ. އެހެންނޫނަސް ޝެލީއަށް މަށަށްވުރެ އޭނާ ރީތީ" މާކިން ފޮނިގޮތަކަށް ބުނެލިއެވެ.
"އެހެނެއްނޫނޭ ލޯބީ، ތީ ހަމަ މިސްޓާރ ޕާރފެކްޓު، ފިރިހެނެއް ރީއްޗޭ ބުނެލުމަކީ އަދި އޭނާ ކަމުދިއުމެއްނޫނެއްނު" ޝެލީން މާކިންއަށް ލޯބިން ބަލާލަމުން ބުނެލިއެވެ. އެއާއެކު ދެ މީހުން ހޭންފެށިއެވެ.
ސުހާ ޒޭންގެ އަތުގައި ހިފައިގެން މަޑުމަޑުން ލަސް ފިޔަވަޅުތަކުގައި އެތެރެއަށް ހިނގައިގަތެވެ. ޖައުން ހައިކަލްގެ ގާތުގައި ވާހަކަދެއްކުމަށް އިށީނީއެވެ. ސުހާއަށް ސިޑިމަތިން މާކިންއާއި ޝެލީން ފެނުމުން އެމީހުންނަށް ޒޭން ތަޢާރުފުކޮށްދޭން ފެށިއެވެ. ޒޭންއަށް ޝެލީން ފެނުމާއެކު އޭނާގެ ގާތުގައި ހުރި ފިރިހެނަކީ މާކިންކަން އެނގުނެވެ. އަވަހަށް ހިނިތުންވެލަމުން މާކިންއާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ޒޭންގެ އަތުގައި ހިފާ ސަލާމްކޮށްލަމުން މާކިން އަމިއްލަ ނަން ބުނެލިއެވެ.
ޒޭންއަށް ސުހާގެ ޢާއިލާއާ ބައްދަލުވުމުން އޭނަގެ މަންމަމަތިން ވަކިން ބޮޑަށް ހަނދާންވިއެވެ. ޢާއިލާގައި ގިނަ ކުދީން ތިބުމަކީ ކިހާ އުފާވެރި މާޙައުލެއްކަން ޒޭނަށް ތަސައްވުރު ކުރެވުނެވެ. މިއަދު މަންމައާއި ކޮއްކޮ ދުނިޔޭގައި ހުރިނަމައޭ ޒޭންގެ ހިތަށްއެރީ އެހެންވެއެވެ. އޭރުން އެ މީހުން ވެސް އުޅޭނީ މިފަދަގޮތަކަށްކަން ޔަގީނެވެ. އެންމެން އެކުގައި ލޯބިވާ މަންމައާއި ބައްޕައާ އެކުއެވެ. އެމީހުން މުސްކުޅިވާ ދުވަހު ދަރިން ގާތުގައި އެއްކޮށްއުޅެމުންދާ މަންޒަރުފެނުމުން އެމީހުންނަށް ކިހާބޮޑު ހިތްހަމަޖެހުމެއްލިބޭނެހެއްޔެވެ.
ސުހާއާއި މާކިން އާއިއެކު އެ ގޭގެ ހުރިހާ ބައެއް ޒޭން ބެލިއިރު ވެސް އޭނަގެ މަންމަ އުޅުނުކަހަލަ ކޮޓަރިއެއް އެގެއަކުނެތެވެ. ޒޭން ސުހާގެ ގާތުން މިންނު އާއިބެހޭ ވާހަކަތައް އޮޅުންފިލުވިއެވެ. ކުރިން އެގެ އޮންނަގޮތް ވެސް އޮޅުންފިލުވިއެވެ. އަޒާންގެ ޚަބަރު ވެސް ސުހާއަށް އޮޅުން ފިލުވައިދިނީ ޒޭންއެވެ. އޭނައަށް ވެސް ދަރިއަކު ލިބިއްޖެކަމާ، ޔާނާ އާއި ޒޭންގެ ލޯބީގެ ގުޅުމުގެ ވާހަކަ ވެސް ކިޔާދިނީ ޒޭންއެވެ. ސުހާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުން ފެންނަމުންދިޔައެވެ. އޭނަ މިންނުދެކެ ވީލޯބި މިއަދު އޭނަގެ ދަރިފުޅުދެކެ ވެސް ވެއެވެ. އެކުއްޖާ ހަމައެކަނި ހައިކަލްގެ ސިފައިގައި ހުރިކަމެވެ. އެކަމަކު އޭނާގެ ހަރަކާތްތަކުގައި ހުރީ މިންނުގެ ގޮތްތަކެވެ. ޒޭންގެ ކޮންމެ ހަރަކާތަކުން އެހެންމީހުންގެ ހިތަށް އަސަރުކުރުވައެވެ. ސަމާލުކަންހޯދައެވެ. އޭނާގެ ވާހަކަދެއްކުމުގައި ހުރީ މިންނުގެ އޯގާތެރި ސިފައެވެ. ސުހާ މިންނުއާއި ޒޭންއަށްޓަކައި ހައިކަލްއަށް މާފުކުރިއެވެ. މިންނުގެ ދަރިއަކު ހުރެ އެ ދަރިފުޅާ ބައްދަލުވުމުގެ ނަސީބު ސުހާއަށް ލިބުމުން އެކަމާ އޭނާ ނުހަނު އުފާވިއެވެ. (ނުނިމޭ)