ދުނިޔެ

ސޮނީ ހެކުކުރި މައްސަލަ އަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއް: ވައިޓް ހައުސް

ސޮނީ ޕިކްޗާސް އަށް ހެކަރުންގެ ޓީމަކުން ދިން ހަމަލާ އަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ދިން ހަމަލާއެއް އެ ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުން ދަނީ ގައުމީ ސަލާމަތާ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފި އެވެ.

ހެކަރުންގެ ވަރުގަދަ ހަމަލާތަކެއްގައި ސޮނީ ފަޅާލުމަށް ފަހު އެމީހުންގެ ސިއްރު ލިޔެކިޔުންތަކާއި އާ ފިލްމުތަކެއް ވަގަށް ނަގާފައި ވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. މި ހަމަލާ އައީ ސޮނީން ނެރުމަށް ތައްޔާރުވަމުން ދިޔަ ކޮމެޑީ ފިލްމު "ދަ އިންޓަވިއު" މަނާކުރުމަށް ގޮވާލައި އުތުރު ކޮރެއާ އިން ސޮނީ އާއި އެމެރިކާގެ ސަރުކާރަށް އިންޒާރުތަކެއް ދީފައި ވަނިކޮށެވެ.

ޖޭމްސް ފްރޭންކޯ އާއި ސެތު ރޯޖެން ލީޑް ރޯލުކުޅެފައިވާ މި ކޮމެޑީ އަކީ ދެ ނޫސްވެރިޔަކު ބޭނުންކޮށްގެން ސީއައިއޭ އިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަވަހަރާކޮށްލާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. އުތުރު ކޮރެއާ އިން ފިލްމާ ދެކޮޅަށް ނުކުތީ މި ފުރައްސާރައާ ގުޅިގެންނެވެ.

ސޮނީ އަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އުތުރު ކޮރެއާ ކަމަށް އެމެރިކާގެ ބައެއް އޮފިޝަލުން ވިދާޅުވަމުން ގެންދެވި ނަމަވެސް އުތުރު ކޮރެއާ އިން މި މައްސަލައާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ. ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުން މިއީ ޗައިނާގައި ހަރަކާތްތެރިވާ އުތުރު ކޮރެއާގެ ވަފާތެރި ހެކަރުންތަކެއްގެ ހަމަލާއެކެވެ.

މި ހަމަލާ އަށް ފަހު އެމީހުން ދަނީ ސޮނީގެ ސިއްރު އީމެއިލްތަކެއް ވެސް ލީކުކުރަމުންނެވެ. އަދި މި އަހަރު ނެރެން ހަމަޖެހިފައި ހުރި އާ ފިލްމުތަކެއް ވެސް ވަނީ ލީކުކޮށްލައިފަ އެވެ.

އެންމެފަހުން މި ބިރު ދެއްކުންތަކާ ގުޅިގެން ސޮނީން ވަނީ "ދަ އިންޓަވިއު" ނުދެއްކުމަށް ނިންމައިފަ އެވެ. އެއީ ހެކަރުންގެ ޓީމުން ސިނަމާތަކަށާއި ފިލްމު ބަލަން ދާ މީހުންނަށް ވެސް އިންޒާރު ދިނުމާ ގުޅިގެންނެވެ.

ވައިޓް ހައުސް އިން ބުނެފައި ވަނީ އެ ފިލްމު ނުހުއްޓުވި ނަމަ މިއަދު ފެންނާނީ މާ ބިރުވެރި މަންޒަރެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ފިލްމު ނެރެން ހަމަޖެހިފައި އޮތީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

"އިންޓަވިއު" ގެ އިތުރުން، އުތުރު ކޮރެއާގެ ލީޑަރަށް ފުރައްސާރަކޮށްފައިވާ އެހެން ފިލްމެއް ކަމަށްވާ "ޓީމް އެމެރިކާ" ގެ ޝޯތައް ވެސް ވަނީ މިހާރު ކެންސަލްކޮށްފަ އެވެ.