ބޮލީވުޑް

ޝާހިދާއި ޝްރަދާގެ އިތުރު ފިލްމެއް

އެކްޓަރު ޝާހިދު ކަޕޫރު ދެން ކުޅޭ ފިލްމަކީ މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ޓޮއިލެޓް" ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައިގެ މައްޗަށް އުފައްދާ ފިލްމު "ބައްޓީ ގުލް މީޓަރު ޗަލޫ" އެވެ.

މި ފިލްމުގައި ޝާހިދާ އެކު ފެނިގެންދާނެ ބަތަލާ ހަމަނުޖައްސާއިރު ވެސް އޭނާ އާއެކު ފެނިގެންދާނެ ކަމަށް ލަފާކުރެވޭ އެތަކެއް ބަތަލާއިންގެ ވާހަކަ ދެކެވިއްޖެ އެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ބަތަލާ އަކީ ކެޓްރީނާ ކައިފް އެވެ. ކެޓްރީނާ އަށް މި ފިލްމުގެ ބަތަލާގެ ރޯލު ހުށަހެޅި ނަމަވެސް ފިލްމުގައި އޭނާ ކުޅެން ޖެހެނީ ރަށްފުށު އަންހެނެއްގެ ރޯލަށް ވުމުން އެމީހުންގެ ބަހުރުވައިން ވާހަކަދައްކަން އުނދަގޫވާނެތީ ވަނީ ފިލްމު ދޫކޮށްލާފަ އެވެ.

ކެޓްރީނާ އަށް ފަހު މި ފިލްމު ދެން ހުށަހެޅި ބަތަލާ އަކީ ވާނީ ކަޕޫރެވެ. ނަމަވެސް އޭނާގެ ބަދަލުގައި ފިލްމުގެ ބަތަލާގެ ރޯލަށް ވަނީ ޝްރަދާ ކަޕޫރު ހަމަޖައްސާފަ އެވެ.

ޝްރަދާ މި ފިލްމު އެއްބަސްވެފައިވާ ކަމަށް ހަބަރުތައް ބުނާއިރު މި ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ޕްރޭނާ އަރޯރާ ވަނީ ޝާހިދާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޝްރަދާ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފެބްރުއަރީގައި ފަށާނެ ކަމަށް ވެސް އޭނަ ވަނީ ބުނެފަ އެވެ.

ޝާހިދު މި ފިލްމުގައި ގާނޫނީ ވަކީލެއްގެ ރޯލު ކުޅޭއިރު، ޝްރަދާ ކުޅޭނީ އޭނާގެ ލޯބިވެރިޔާގެ ރޯލެވެ.

މިއީ ޝާހިދާ އެކު ޝްރަދާ ފެނިގެންދާނެ ދެވަނަ ފިލްމެވެ. ދެހާސް ސާދަވަނަ އަހަރު ނިކުތް "ހެއިދަރް" އަކީ އެ ދެތަރިން އެކުގައި ކުޅުނު ފުރަތަމަ ފިލްމެވެ.

"ބައްޓީ ގުލް މީޓަރު ޗަލޫ" އަކީ އިންޑިއާގައި ދިމާވެފައިވާ ކަރަންޓުގެ ދަތިތަކާއި ކަރަންޓުގެ ބޮޑު އަގުގެ މައްޗަށް އަލިއަޅުވާލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު އެވެ.

ޝާހިދު މިހާރު އިންތިޒާރުކުރަމުން ދަނީ އޭނާ އެންމެފަހުން ކުޅުނު ފިލްމު "ޕަދްމާވަތް" ރިލީޒްކުރާނެ ދުވަހަކަށެވެ. ޝްރަދާ ޕްރަބާސް އާއެކު މިފަހުން "ސާހޯ" ގެ ޝޫޓިން ނިންމާލާފައިވާއިރު އޭނާ އަންނަނީ ސާއިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ކުޅެން ވެސް ތައްޔާރުވަމުންނެވެ.