އެނބޫދޫ ލެގޫން

އެނބޫދޫ ލެގޫންގައި ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް

Jan 3, 2018

ތައިލެންޑުގެ ސިންހަ އެސްޓޭޓް ކުންފުނިން އެނބޫދޫ ފަޅު ހިއްކައިގެން ހިންގާ، މަޝްރޫއުގެ ދަށުން، ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ވެސް އަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރިޓެއިލް އިން އޭޝިއާ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ތައިލެންޑުގެ ތިންވަނައަށް އެންމެ މަޝްހޫރު ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު ކިތްސަނަން ވިދާޅުވީ ރާއްޖޭގެ ކަލްޗަރަލް ސެންޓެއް ހިމެނުމަކީ މި މަޝްރޫއުގެ ބައެއް ކަމަށާ، އެއީ އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އަތްތެރި މަސައްކަތް ޕްރޮމޯޓްކޮށް، މާކެޓު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި މީގެ އިތުރުން، އެނބޫދޫ ލެގޫންގައި ތަރައްގީ ކުރާ މެރީނާގައި ސަފާރީ މެރިން ޑިސްކަވާ ސެންޓަރެއް އަޅާނެ ކަމަށެވެ.

"މި ސެންޓަރުގައި ދުނިޔޭގެ އެކި މެރިން ބަޔޮލޮޖިސްޓުން ގެނެސް، ރާއްޖޭގެ ކަނޑުގެ ދިރުންތަކާބެހޭ ގޮތުން އެކި ދިރާސާތައް ކުރާނެ،" ސީއެމްއޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫއު އެ ކުންފުނިން ރާއްޖޭގައި ފެށި މައިގަނޑު ސަބަބަކީ ސަރުކާރުން ދިން އެއްބާރުލުމާއި ރާއްޖޭގެ އިގްތިސާދު ހެޔޮ ބަދަލުތަކެއް ގެންނަން ކުރަމުންދާ މަސައްކަތް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް 44 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.