އެނބޫދޫ ލެގޫން

އެނބޫދޫ ފަޅުގެ ރިސޯޓުތަކަށް ކްރިޕްޓޯކަރަންސީން ޕޭމަންޓް ހަދަން ފަށައިފި

ރާއްޖޭގެ އެނބޫދޫ ލެގޫންގައި ހިންގާ އެސްހޮޓެލްސްގެ ރިސޯޓު ތަކުން އާޖީލުގެ ފައިސާ "ކްރިޕްޓޯކަރަންސީ" އިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖަސައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރި އެނބޫދޫފަޅުގައި ސައިލެގޫން މޯލްޑިވްސް އާއި ހާޑްރޮކްގެ ރިސޯޓު ހިންގާ އެސްހޮޓެލްސް އިން ބުނި ގޮތުގައި އާޖީލުން ފައިސާ ދައްކަން ބޭނުން ކުރާ ޑިޖިޓަލް ކަރަންސީ ނުވަތަ ފައިސާ ކަމަށްވާ ކްރިޕްޓޯކަރަންސީން ބޭނުންކޮށްގެން އެ ކުންފުނީގެ ދެ ރިސޯޓަށް މިހާރު ޕޭމަންޓް ހެދޭނެ ކަމަށެވެ.

ކްރިޕްޓޯކަރަންސީން ޕޭމަންޓް ހަދަން މަގުފަހި ކުރުމުގެ ގޮތުން އެސްހޮޓެލްސް އިން ވަނީ މިކަމުގައި އެންމެ ކުރިއަރާފައިވާ ދުނިޔޭގެ އެއް ކުންފުނި ކަމަށްވާ އެފްޓީއެކްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެނބޫދޫ ފަޅުގައި ހިންގާ މި ރިސޯޓުގެ ހާޑްރޮކް މޯލްޑިވްސް އާއި ސަައިލެގޫންގައި ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކަށް މިއަދުން ފެށިގެން ކްރިޕްޓޯކަރަންސީ އިން ފައިސާ ދެއްކޭނެ އެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓް ކުންފުނިން ތަރައްގީކުރި ބިލިއަން ޑޮލަރުގެ އަގު ބޮޑު މި ރަށުގައި ހިންގާ އެސްހޮޓެލްސް އިން ބުނި ގޮތުގައި ކްރިޕްޓޯކަރަންސީ ބޭނުން ކުރަން ފެށުމާއެކު މިއީ ރާއްޖޭގެ ރިސޯޓަކުން ޑިޖިޓަލް އޮންލައިންގެ މި ފައިސާ އިން ޕޭމަންޓް ހަދަން ފެށި ފުރަތަމަ ކުންފުންޏަށްވާނެ ކަމަށެވެ.

ޒަމާނީ މި ބަދަލާއެކު އެސް ހޮޓެލްސް އިން ފުރަތަމަ ބަލައިގެންފައިވަނީ ކްރިޕްޓޯކަރަންސީގެ ފައިސާގެ މުއާމަލާތް ކުރަން ބޭނުންކުރާ ޔޫއެސްޑީ ކޮއިންސް (ޔޫއެސްޑީސީ) އާއި ޔޫއެސްޓީޑީ ކޮއިންސް އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު ޑިޖިޓަލް ކޮއިންސްތައް އެ ކުންފުނިން ބަލައިގަންނަމުން ދާނެ ކަމަށް އެސްހޮޓެލްސް އިން ބުނެފައިވެ އެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓުން ތަރައްގީ ކުރި އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީ ކުރި "ކްރޮސް ރޯޑް" މަޝްރޫއުގައި ޖުމްލަ ނުވަ ރަށް ހިމެނެ އެވެ.

އެނބޫދޫ ފަޅުން ހަތް ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން 2017 ވަނަ އަހަރު ފެށި، "ކްރޮސްރޯޑް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުވާފައިވަނީ "މިއުޒިކީ ފުށި - ހާޑްރޮކް ހޮޓެލް" އާއި "ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް" އަދި ރާއްޖޭގައި ހަދާފައިވާ އެންމެ ބޮޑު ޔޮޓް މެރީނާ "ދަ މެރީނާ މޯލްޑިވްސް" އެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ހިންގި "އިންޓަގްރޭޑެޑް ޓޫރިޒަމް"ގެ ހަމައެކަނި މަޝްރޫ އެވެ.