ރޭ ފަތިހު މާލެއަށް ގަދަ ވަޔާއެކު ބޯކޮށް ވަނީ ވާރޭ ވެހިފަ އެވެ. ރޭ ވެހުނު އެ ވާރޭގައި ތެމި ފޯވެފައި ތިބެންޖެހުނީ މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ އާންމުންނަށެވެ. މީގެ 13 ވަރަކަށް އަހަރު ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އާންމުން ދިރިއުޅެން ދޫކުރި މާލެހިޔާ އެކެއް އަދި ދޭއްގެ ފްލެޓްތަކުގައި ފެންބޮޑުވީ ދިޔަދޮތްވެއް ނުލާ ހުންނަ އެ ދެ އިމާރާތުގެ ފުރާޅު ވަށައިގެން ރާނާފައިވާ ފާރާއި ދެމެދު ފެންބޮޑުވެ ފެންތައް ސީލިންއަށް ބަންޑުން ވެގެންނެވެ.
މާލެ ހިޔާ އެކެއްގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެ ހުރިހާ މުދަލެއް ތެމި، ގިނަ ގެއްލުންތަކެއްވި މުހައްމަދު އާތިފްގެ އާއިލާ ވަނީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ އެ އިމާރާތުގެ ކޮންމެ ބުރިއެއްގައި އެތަކެއް މީހުނެއް ދިރިއުޅެއެވެ. ފަސްވަނަ ބުރީގައި ދިރިއުޅޭ އާތިފްގެ ގޭގައި އެކަނިވެސް 16 މީހުން ތިބެއެވެ. އެ އެންމެންހެން ރޭ ހަތަރެއް ޖެހި އިރުން ފެށިގެން އުޅުނީ ފެންހިއްކުމުގަ އެވެ.
"ރޭ ހަތަރެއްޖެހި ހާއިރު ހޭލެވުނީ ތެމިގެން އުނދަގޫވެގެން. އޭރު މުޅި ސީލިން ފޫއަޅުވާލާފައި ފެންތައް ފައިބަނީ. ކަރަންޓުވެސް ކެނޑުނީ އެވަގުތު. އެޕާޓްމަންޓުން ބޭރަށް ނިކުތް އިރު ޖެހިގެން ހުރި އެޕާޓްމަންޓްގެ މީހުންވެސް ކުދިން ގޮވައިގެން ނިކުމެ އުޅެނީ،" އާތިފް ބުންޏެވެ. އޭނާބުނީ ވިއްސާރަވާ ދުވަސްދުވަހު ދޭތެރެ ދޭތެރޭން ސީލިންގުން ފެން ލީކުވީ ނަމަވެސް އެހާ ބޮޑަށް ފެންބޮޑުވި މީ ފުރަތަމަ ފަހަރު ކަމަށެވެ.
އާތިފުގެ ޝަކުވާއަކީ މެއިންޓެނެންސް އާއި މަރާމާތަށް ކޮންމެ މަހަކު ވަކި ވަރެއް ދައްކައިގެން އުޅޭއިރުވެސް އެއްވެސް ގެއަކަށް މިއަދުގެ ހާދިސާ ރިޕޯޓްކުރުމުންވެސް އެހީއެއް ލިބޭ ގޮތް ނުވުމެވެ.
"ނިދާ ގޮދަޑިތަކާ ދެންވެސް ހިފާގެންގުޅޭ އެއްޗެއް އޮތިއްޔާ ތެމިއްޖެ. ފުލުހަށް ރިޕޯޓްކުރުމުން ތަން ބެލުމަށްފަހު އަދި އެފަރާތުންވެސް ޖަވާބެއް ނުލިބޭ. އެހެން ގެތަކުގެ މީހުންވެސް ތިބީ ހާލުގަ ޖެހިފަ. ލާ ހެދުމަށް ދަންދެން ތެމިފަ ހުރީ ގިނަ އެފާޓްމަންޓް ތަކުގަ،" އޭނާ ބުންޏެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް ދިރިއުޅުއްވާ އެ އިމާރާތާއި އެއާ ޖެހިގެން ހުންނަ މާލެހިޔާ އެކެއްގައި ވެސް ފެންބޮޑުވެ ގެއްލުންތަކެއް ލިބެމުންދާތީ އާންމުން ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިންވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރަށް ގުޅުމުން ޖަވާބެއް ލިބޭގޮތްވަނީ އަދި ނުވެފަ އެވެ.