ވާހަކަ

މިންނުގެ ޑައިރީ

(2 ޖެނުއަރީ 2018 އާ ގުޅޭ)
ޒޭންގެ ކޮންމެ ހަރަކާތަކުން އެހެންމީހުންގެ ހިތަށް އަސަރުކުރުވައެވެ. ސަމާލުކަންހޯދައެވެ. އޭނާގެ ވާހަކަދެއްކުމުގައި ހުރީ މިންނުގެ އޯގާތެރި ސިފައެވެ. ސުހާ މިންނުއާއި ޒޭންއަށްޓަކައި ހައިކަލްއަށް މާފުކުރިއެވެ. މިންނުގެ ދަރިއަކު ހުރެ އެ ދަރިފުޅާ ބައްދަލުވުމުގެ ނަސީބު ސުހާއަށް ލިބުމުން އެކަމާ އޭނާ ނުހަނު އުފާވިއެވެ.

ޒޭންއާއި ސުހާ އެނބުރި ސިޓިންރޫމަށް އައިސް ސޯފާގައި އިށީނެވެ. އޭރު ވެސް ހައިކަލްއާއި ޖައުން ތިބީ ވާހަކައިގައެވެ. ސުހާ އެ ދެބަފައިންގެ ގާތުން އެދުނީ ރޭގަނޑުގެ ކެއުމާ ހަމައަށް މަޑުކޮށްލުމަށެވެ. އެހާ ދުވަސްފަހުން ބައްދަލުވީތީ އަވަހަށް ފޮނުވާލަން ސުހާ ބޭނުމެއްނުވިއެވެ. ޖަވާބަކަށް ޒޭން ބަލާލީ އޭނާގެ ބައްޕައަށެވެ. ހައިކަލްއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ޖައުން ވެސް އާދޭސްކޮށްލިއެވެ. ހައިކަލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

"މި ގޭގައި ޒޭންގެ މަންމަ އުޅުނު ކަހަލަ ކޮޓަރިއެއް ނެތަސް މިންނުއަށް ޓަކައި މިގޭގެ ދޮރުތައް އަބަދުވެސް ވަނީ ހުޅުވިފަ" ލުއި ހިނިތުންވުމަކާއެކު ސުހާ ބުންޏެވެ.

"އެއީ ތެދެއް! އަހަރެން ގާތުގައި ސުހާ އަބަދުވެސް ބުނިވާހަކައެއް އެއީ... މިންނު އަހަރެމެންގެ ގާތަށް އަންނާނޭ ދުވަހެއް ނޭނގުނަސް ގޭގައި މިންނުއަށް ޓަކައި ބައެއް ހުންނަން" ޖައުން ވެސް ހިނިތުންވެލިއެވެ.

ހައިކަލްގެ ވާހަކަތަށްއަޑު އެހުމަށްފަހު ޖައުންބޭނުންވީ މާޒީ މާޒީގެ ގޮތުގައި ބޭއްވުމަށެވެ. އެކަމަކުން އަލުން ކުރާނެ ފައިދާއެއް ނޯންނާނެކަމުގައި ޖައުންބުންޏެވެ. މިންނު ވެސް ބޭނުންވާނީ އެގޮތްކަމުގައި ބުންޏެވެ. މިންނުއާއި ހައިކަލް އާއިދެމެދު ފަހުންއޮތީ ކުރިއަށްވުރެ މާގާތްގުޅުމަކަށްވީމައެވެ. ޖައުންގެ ހިތް ހައިކަލް އާމެދު ސާފުކަމުގައި އޭނަ ބުންޏެވެ. އޭނަ ބޭނުންވީ ހައިކަލް ކުރިންވެސް އެގެއަށް އައިސް އުޅުނުގޮތަށް އުޅުމަށެވެ. މިންނުއާ ކައިވެނި ކުރި ހިސާބުން ހައިކަލްއަކީ ވެސް އެ ޢާއިލާގެ މެންބަރެއްކަމުގައެވެ. އެހެންވީމާ ޢާއިލީ ގުޅުން ކަނޑާނުލުމަށް ޖައުން އެދުނެވެ. ހުރިހާ ވާހަކައެއް އަޑު އަހަން އިން ހައިކަލްއަށް ހީވީ އޭނަގެ ބޯމަތީގައި އޮތް ބޮޑު ހިލަގަނޑު މީހަކު ނެގިހެނެވެ. އެހާ ވެސް އޭނަގެ ހިތާއި ނަފްސަށް ލުއިކަމެއް ލިބިގެން ހިނގައްޖެއެވެ. މިންނުގެ ދުނިޔޭގައި ވެސް އެއީ ހައިކަލް ކުރަން ބޭނުންވި ކަމެކެވެ. މިންނުއާއި އޭނާގެ ޢާއިލާއާ އޮތް ގުޅުން ގާތްކޮށްދިނުމެވެ. އިހު އުޅުނު ހެން ގާތް އުފާވެރި ބައެއްގެ ގޮތުގައެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަންވީއިރު ސުހާގެ ދެ ކުދީންނާއި ޒޭންގެ ދެމެދުގައި ރައްޓެހިކަން އުފެދިއްޖެއެވެ. ޒޭންގެ މިޒާޖު މާކިންއަށް ވަރަށް ކަމުދިޔައެވެ. އޭރު އެ ގޭގެ ހަގު ކުއްޖާ މާތިންއާ ވެސް ޒޭންއާ ބައްދަލުވެއްޖެއެވެ. އިސްކޮޅުން ޒޭންވަރު މާތިން ނުވިއަސް އޭނއަށް ޒޭންގެ ސްޓައިލް ވަރަށް ކަމުދިޔައެވެ. ޚާއްޞަކޮށް ޒޭންގެ އުމުރުގެ ބޮޑުބައި ހޭދަ ކުރީ އިނގިރޭސި ވިލާތުގައިކަން އެނގުމުން އެކަމަށް މާތީންގެ ޝައުގުވެރިކަން ހުއްޓުނެވެ. ޒޭންއާ ސަލާމްކޮއްލަމުން އޭނައަށް މައްތު ކިއުމަށްބުންޏެވެ. ފިރިހެން ކުދިންނަށްވެފައި އުމުރުގެ ގޮތުން މާކިން އާއި ޒޭން އެއްވަރުވެފަ މާތިން ކުޑަކަމުގައިވިޔަސް މިޒާޖުގައި އެމީހުންގެ މާބޮޑު ތަފާތުތަކެއްނެތެވެ. އެމީހުން ހައިރާންވީ ޒޭންއަކީ އަންހެނުންގެ ޑޮކްޓަރެއްކަން އެނގުނީމައެވެ. އެކަން އެމީހުންނަށްވީ މަޖަލަކަށެވެ. ޒޭންއާ ދިމާކޮށް ނިކަން ޖޯކު ޖެހިއެވެ. މާތިންގެ ނަޒަރުގައި ޒޭން އެ ދާއިރާ ޚިޔާރުކުރީ ގިނަ އަންހެންކުދީންނާ ބައްދަލުވާނޭތީއެވެ.

ކާމޭޒުދޮށުގައި އެންމެން ތިބިއިރު އެހެން ދުވަސްތަކަށްވުރެ އަޑުގަދަވެފައި ވެއެވެ. ސުހާއަކީ ޒޭންގެ ބޮޑުދައިތަކަން ހުރިހާ ކުދީންނަށް އެނގެއެވެ. އެމީހުން ޒޭނަށް ކީ ހޫނު މަރުޙަބާއެކެވެ. ކުދީންގެ މެދުގައި އޮތް ގުޅުން ފެނިފައި ސުހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެ މަންޒަރު މިންނުއަށް ފެންނާނެނަމައޭ ސުހާގެ ހިތަށް އެވަގުތު އެރިއެވެ.

ހައިކަލްއާއި ޖައުން ވާހަކަ ދައްކަމުންދިޔައިރު އޭނަގެ މޫނުމަތީގައިވެސްވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. މާޒީ ހަނދާން ކުރަން ބޭނުން ނުވިކަމުގައިވިޔަސް އެ މާޒީ ހަނދާންނައްތާލާނީ ކިހިނެއްހެއްޔެވެ. އެ މާޒީގައި އުފާވެރި އެތައްކަމެއް ހިނގައިފައިވެއެވެ. މިއަދު ހައިކަލް ހަނދާން އެ ކުރަނީ އެފަދަ އުފާވެރި ހަނދާންތަކެވެ. އޭނައާއި މިންނުއާ ގުޅިފައިވި ހަނދާންތަކެވެ. މިހާރު އެދުވަސް ހިގައްޖެކަން ވެސް އެނގެއެވެ. މިހާރުމީ އެމީހުންގެ ދަރިފުޅު އުފަލުގައި އުޅެންވީދުވަހެވެ. އާހަޔާތެއް ފަށަންވީ ދުވަހެވެ.

ވަގުތު ދިޔަގޮތް ވެސް ސުހާއަށް ނޭގެއެވެ. ޒޭންއާއި ހައިކަލްގެ ގާތުން އެގެއަށް ގިނަގިނައިން އައިސް އުޅުމަށް އޭނާ އެދުނެވެ. ގެއިން ނުކުންނަމުން ޖައުންއާއި ހައިކަލް ވާހަކަ ދައްކަންފެށި ވަގުތު ބަލާ ޒޭން ސުހާ ގާތު ޢާއިލާގެ އެހެންމީހުން ކޮބާތޯ ސުވާލުކުރިއެވެ. ސުހާއަށް އެ އެހީ ހައިފާއާއި މަންމަގެ ވާހަކަކަން އެނގުނެވެ. އެ ޢާއިލާގައި ދެން ތިބި މެންބަރުންނަކީ އެއީއެވެ. އެ މީހުންގެ ވާހަކަ ކުރުގޮތަކަށް ޒޭންއަށް ސުހާ ކިޔާދިނެވެ. ހައިފާއާ ބައްދުލުކުރަން ޒޭން ދާންބޭނުންވުމުން ސުހާ އެކަމާ އެހާ ހިތްހަމައެއްނުޖެހުނެވެ. އެކަމަކު އޭނާ މަނައެއް ވެސް ނުކުރިއެވެ.

ހައިކަލްއާއި ޒޭންއަށް ގެއަށް އާދެވުނު އިރު ރޭގަނޑު ދިހައެއް ޖަހަނީއެވެ. ހައިކަލް ހުރީ ވަރަށް ވަރުބަލިވެފައިކަމުން އޭނާ ވަނީ ކޮޓަރިއަށެވެ. ދަރިފުޅު ޒޭން ގާތު ދެން ނިދާނީ ކަމުގައި ބުނަމުންނެވެ. ޒޭންއަށް ވެސް ހައިކަލް ހިތްހަމަޖެހިފައިކަން ހުރީ އެނގުނެވެ. ޒޭން ވެސް އޭނާގެ ކޮޓަރިއަށް ވަނީއެވެ.

ނިދަން ތައްޔާރުވެލައިގެން އެނދަށް އަރާ ޔާނާއަށް ޒޭން ގުޅާލިއެވެ. ކުރަން ބޭނުންވި ކަންތަކުގެ ތެރެއިން އެއްކަންތައް ނިމުނީކަމުގައި ޔާނާގާތު ބުނެލިއެވެ. ދެން އޮތީ ޔާނާގެ ބައްޕައަށްވީ ޕްލޭންކަމުގައި ޒޭން ބުނެލިއެވެ. ނަމަވެސް އޭގެ ކުރިން އެ ދެމީހުން އެކުގައި ކުރަންޖެހޭ އެއްކަންތައް އެބައޮތްކަމުގައި ބުނެލިއެވެ. އެގޮތަށް ދެމީހުން ވާހަކަދެއްކުމުގައި އެތަށް އިރެއް ވޭތުވެގެންދިޔައެވެ. ފާއިތުވަމުންދިޔަ ވަގުތާއެކު އެ ދެމީހުންގެ ލޯބީގެ ބޮޅުފައްޗަށް ބޮޅެއް އިތުރުވަމުންދިޔައެވެ.

ލޯގަނޑު ކުރިމަތީ ހުރެ ޓައީ ރަނގަޅު ކުރަމުން ދިޔައިރު ޒޭންގެ ތުނބުން ދިޔައީ ރީތި އިނގިރޭސި ލަވައެއްގެ ރާގެއް ފުމެނުންނެވެ. ދޭތެރެއަކުން ކައިރީގައި ހުރި ރީތިވާމޭޒު މަތިން ކޮފީ މަގުނަގާ އެތިފޮދެއް ބޯލައެވެ. އާދުވަހަކަށް އިރުއެރިއިރު ޒޭން ހުރީ ވަރަށް ހަމަޖެހިލާފައެވެ. ޗުއްޓީގެ ދުވަސްތައް ނިމުމަކަށް އައީއެވެ. އެހެންވެ އޭނާ ތައްޔާރުވަމުންދިޔައީ ހޮސްޕިޓަލަށް ދިއުމަށެވެ. ހެދުނު ހެދުނާ މިއަދު ޔާނާ ފެންނާނެކަމުގެ އުންމީދުގައި ވެސް މެއެވެ. ޒޭން ކޮޓަރިން ނުކުންނަމުން ތަޅުދަނޑިފަތިތަށް ލާފައި ހުރި ކުޑަ ބާސްކެޓު ކައިރީގައި ބާއްވާފައި އޮތް މިންނުގެ ޑައިރީއަށް ބަލާލިއެވެ. އަދި އޭގައި ފިރުމާލަމުން ހިނިތުންވެލިއެވެ. އެހެންމީހުންނަށްއެއީ ފޮތެއްގެ ސިފައިގައި ފެނުނު ކަމުގައި ވިޔަސް ޒޭނަށް އެއީ އޭނާގެ ލޯބިވާ މަންމައެވެ. އެމަންމަގެ ހަނދާންތަކެވެ.

ހައިކަލްގެ ކޮޓަރިއަށް ޒޭން ވަންއިރު އޭނާ ހުރީ ބެލްކަނީގައެވެ. އޮފީހަށް ދަނީކަމުގައި ޒޭން ހައިކަލްއަށް ގޮވާލައިފައި ބުނެލިއެވެ. ހައިކަލް ޒޭން އާއިއެކު ދޮރުކައިރިއަށް ނުކުތެވެ. މިއަދުގެ ޕްލޭން އޮތްގޮތް އަދިވެސް ހަނދާން ކޮއްދެމުންނެވެ. އަދި ދަރިފުޅުގެ އަތަށް ކާރުގެ ތަޅުދަނޑުލާދިނެވެ. މީގެ ފަހުން އެ ކާރަކީ ޒޭންގެ ކާރެއްކަމުގައި ބުންޏެވެ. ޒޭން އުފަލުން ހައިކަލްގެ ގައިގާ ބައްދާލިއެވެ.

ކާރުގައި ޒޭން ދުއްވަމުންދިޔައީ އޭނަގެ ހިތުގެ މަންޒިލާ ދިމާއަށެވެ. ކާރުތެރެއިން އިވެމުންދިޔައީ ރާއްޖޭގެ މަޝްހޫރު ރޭޑިއޯ ޗެނަލެއްގެ ހެނދުނުގެ ޕްރޮގްރާމުގެ އަޑެވެ. ރީތި އަންހެން އަޑަކުން ކުއްޖަކު ވާހަކަދެއްކުމަށް ދިވެހި ލަވައެއް ގެނެސްދޭން ފެށިއެވެ. ދިވެހި ލަވަ އަޑު ނޭހިނަމަވެސް އޭނާ ރެޑިއޯ ނިވާނުލިއެވެ. ލަވައިގެ ރާގަށް ދޭތެރެއަކުން ތުނބުންފުމެލައެވެ. ޔާނާ އުޅޭ ގެ ހުންނަ މަގަށް ކާރުގައި ޒޭން ނުކުތްއިރު ދޮރޯށި ދޮށަށް ނުކުމެ ހުރި ޔާނާ ފެނުނެވެ. ކާރުގެ ދުވެލި ވަކިން ބާރުކޮއްލުމާއިއެކު އައިސް ޔާނާގެ ކުރިމައްޗަށް ބުރެކި ޖައްސާލިއެވެ. ޔާނާ އެރުމަށް ކާރުގެ ދޮރުފަތް ޒޭން ހުޅުވާލިއެވެ. އެއާއެކު ހިނިތުންވެލައިގެން ހުރި ޔާނާ ކުރީ ސީޓަށް އަރާ ކާރުގެ ދޮރުލައްޕާލާފައި ހަމަޖެހިލިއެވެ. އަދި އެކަކު އަނެކަކަށް ބަލާލީ ލޯބިން ހިނިތުންވެލައިގެން ތިބެއެވެ.

ޔާނާ ޑިއުޓީއަށް ދާ ގަޑިއަށް އޭނާ ބަލާ ޒޭން އަންނާނެ ވާހަކަ ބުނުމުން އެކަމާ އަޒާން ސުވާލު އުފެދުނެވެ. މި ނޫނީ ޔާނާ އެހެން މީހަކާއެކު ޑިއުޓީއަކަށް ނުދެއެވެ. ކޮންމެ ވަގުތެއްގައި ޑިއުޓީއަށް ދާން ޖެހުނަސް އޭނާ ގެންގޮސް ގެނެސް ހަދަނީ އަޒާންއެވެ. ޔާނާ ރީތިވެލައިގެން ދޮރޯށި ދޮށަށް ނުކުމެ ހުރިއިރު އޭނާގެ މޫނުމަތިން ފެނުނު ހިނިތުންވުން އަޒާންއަށް އުނދަގޫ ކުރިއެވެ. ޔާނާގެ ހަރަކާތްތަކުން އަޒާނުގެ ހަނދާނަށް ވެރިވީ މިންނުގެ ސޫރައެވެ. ކޮންމެ ދުވަހަކު މިންނު ބަލާ އޭނާ ދާ ހަނދާނެވެ. ޔާނާ ދޮރޯށި ލައްޕާލި އަޑާއެކު އަޒާން ދެފަރާތަށް ބޯހޫރުވާލީ މިންނުގެ ޚިޔާލުތައް ސިކުނޑިން ނެރިލާށެވެ. އަދި ނިކަން ހަލުވިކޮށް އައިސް ދޮރޯށި ހުޅުވާލީ ޔާނާ އެ ބުނާ ޒޭނެއް ދުށުމަށެވެ. މަގުމައްޗަށް ހިންގާލި ނަޒަރާއެކު އަޒާނަށް ހުއްޓުން އެރިއެވެ. އަޖައިބުވެ އަންތަރީސްވިއެވެ. ގޭގެ ދޮރުމަތިން އެ ނައްޓާލި ރަތްކާރު ފެނުމުން އަޒާންގެ ހިތުގެ ހިނގުން ވެސް މަޑުޖެހިލިއެވެ. އޮފީހަށްދާން ތައްޔާރުވެގެން ހުރި ނަމަވެސް އޭނާ ހުރިހާ ކަމެއްގެ މަތީން ހަނދާންނެތުނު ކަހަލައެވެ.

"އަހަންނަށް އެ ކާރު އޮޅޭހާ ހަނދާން ބައްޔެއް ނުވޭ. އާން! އެއީ... އެއީ ހަމަ އެ ރަތް ކާރު... މިންނު! އެއީ... ހައިކަލްގެ ކާރު" އަޒާންގެ ހިތުގެ ތެޅުން ކުއްލިއަކަށް އަވަސްވިއެވެ. މިލްނާއާއި ހައިކަލްއަކީ އޭނާގެ މާޒީގެ ހަނދާންތަކުން ފަސްއަޅާ ފޮރުވާފައިވާ ބައެކެވެ. ހާސްކަމެއް އަޒާނަށް ވެރިވެގެންދިޔައެވެ.

"އެ ކާރުގައި މިންނު އިނީބާ؟ އަހަރެމެން ދެމީހުންގެ ދެމެދުގައި ހިނގާފައި ހުރިކަންކަން ކިޔައިދޭން އެނގޭނީ މިންނުއަށް" އަޒާންގެ ސިކުނޑީގައި ހައިޖާނެއް އުފެދުނެވެ. އެކި ޚިޔާލުތައް އޭނާގެ ހިތާއި ސިކުނޑިއަށް އަރަންފެށިއެވެ. މިންނުއާ ޔާނާ ބައްދަލުވީބާއެވެ. އެ ޚިޔާލާއެކު އަޒާންގެ ރީތިކޮށް ފުނާއަޅާފައިވާ އިސްތަށިގަނޑުގައި އިނގިލިތައް ހިންގާލުމާއެކު ބޮލުގައި ހިފަހައްޓާލިއެވެ. މިލްނާ އެނބުރި އައިސް އަޒާންގެ ދިރިއުޅުމާ ކުޅެން ބޭނުންވަނީ ބާއެވެ. ދުރުދުރުން އެ ޖަހަނީ ކޮން ސަކަރާތެއްބާއެވެ. އެހާ ދަށުދަރަޖަކަށް މިލްނާ ވެއްޓިދާނެބާއެވެ. ސުވާލުތަކުން އަޒާންގެ ސިކުނޑިއަށް ބަރުވިއެވެ. މިލްނާއާއި އަޒާންއާ ދެމެދު ހިނގާފައިވާ އެއްވެސްކަމެއް ޔާނާއަށް އެނގޭކަށް އަޒާން ބޭނުމެއްނޫނެވެ. އެހެންވިޔަސް އެ ކުއްޖާއަށް ހުރިހާކަމެއް ކޮންމެވެސް މީހަކު ކިޔައިދެނީއެވެ. ބޭނުންނުވިޔަސް ހުރިހާ ކަމެއް އެނގި ނިމެނީއެވެ. މިލްނާއި އޭނާއާ ދެމެދުގައި ހިނގާފައިވާ އެތައްކަމެއްގެ ވާހަކަ ނުސީދާކޮށް ވިޔަސް ޔާނާގެ ދުލުން އަޒާނަށް އަޑުއިވިއްޖެއެވެ. އެ ދަރިފުޅުގެ ހިތުގައި އޭނާއާ މެދު ކިލަނބުކަމެއް އުފައްދަން މީހަކު މަސައްކަތްކުރަނީބާއެވެ. އަޒާންއާއި ޔާނާއާ ދެމެދަށް މީހަކު ވަންނާނޭ ފުރުޞަތެއް އަޒާން ނުދެނޭއެވެ. އެހެން އެކަން ކުރުމުން މިލްނާއަށް ވާނެ ފައިދާއަކީ ކޮބާބާއޭ އަޒާންގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ. އަޒާންގެ ހިތްދަތިކޮށް އެ ހިތަށް އިތުރު ތަކުލީފާއި ވޭން ލިބެން މިލްނާ އެދެނީބާއެވެ. މި ދުނިޔެއިން އަޒާންގެ ނަން ވެސް ފޮހެލަން މިލްނާ ބޭނުންވަނީބާއެވެ. އެފަދަ ބޮޑު އަނިޔާއެއް ހައްޤުވާވަރުގެ ކުރެވުނީ ކޮންކުއްށެއްބާއޭ އަޒާންގެ ހިތް ތަކުރާރުކޮށް ސުވާލުކުރިއެވެ. އޭނާގެ ލޯތްބަށް ފުރަގަސްދިނީ ވެސް ޚުދު މިންނު އަމިއްލައަށެވެ. އަޒާންއަށް މޫނުގައި ދެއަތް ހާކާލެވުމާއެކު އަނެއްކާ ވެސް ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ. ދުނިޔެ ވެސް އެނބުރިގަތްހެން ހީވިއެވެ. ސިކުނޑި ހީވަނީ ނާށިގަނޑުތެރޭގައި ފިތިބާރުވަމުން ގޮސް ފަޅައިގެން ހިނގައިދާނޭ ހެންނެވެ.

ކަންތައްކުރާންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު އަޒާން ހުއްޓެވެ. ދެން ފެނުނީ ކުއްލިއަކަށް އޭނާގެ ފޯނު ނެގިގަތެވެ. ވަގުތުން ޔާނާގެ ނަންބަރަށް ޑައިލް ކުރިއެވެ. އެހިނދު ފޯނެއް ރިންގުވާ އަޑުއިވުނީ ސިޓިންރޫމެ އެއްފަރާތު ކަނެއްގައި ހުރި ފައިވަން ކަބަޑުގެ މަތިންނެވެ. ހަލުވިކޮށް އައިސް ގޭތެރެއަށް އަޒާން ވަނެވެ. ކަރުއެލުވާލީ ފައިވާން ކަބަޑުމަތީ އޮތް ޔާނާގެ ފޯނު ފެނުމުންނެވެ. އަޒާންއަށް ދެލޯ މަރާލަމުން ބޮލުގައި ހިފަހައްޓާލި ގޮތަށް ސޯފާއަށް ވެއްޓިގަނެވުނެވެ.

"އަޒާން!" ބަދިގޭގައި އުޅެފައި ނުކުތް ޝަމްލާއަށް ސިޓިންރޫމު ސޯފައިގައި ދެ ލޯމަރާލައިގެން އޮތް އަޒާން ފެނުމުން ބުނެލެވުނެވެ. އޭނަ ފާރުގައި ހުރި ގަޑިއަށް ބަލާލީ އަޒާން އޮފީހަށް ދާންޖެހޭ ވަގުތު ފަހަނައަޅައި ގޮސްދާނެކަން އެނގި ހުރެއެވެ.

"މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟.... ކިހިނެއްވީ؟... ބަލީތަ؟" ޝަމްލާ އައިސް އަޒާންގެ ގާތުގައި އިށިންނަމުން އަހާލިއެވެ.

"ކަމެއްނުވޭ!... މިއަދު އޮފީހަށް ދާހިތެއްނެތް.... އަހަރެން މިދަނީ ކޮޓަރިއަށް" އަޒާން މަސައްކަތްކުރީ ޝަމްލާއާ ދުރަށްދިއުމަށެވެ.

"މީގެ ކުރިން އޮފީހަށް ދާހިތްނެތަސް އޮފީހަށްދޭ... މިއަދު ކިހިނެއްވީ؟، އަޒާންއަށް ކޮންމެވެސްކަމެއްވެފަ ތި ހުރީ... ބުނެބަލަ" ޝަމްލާ އަޒާންގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"މާބޮޑުކަމެއް ނުވޭ، ފާޑަކަށް ބޮލުގަ ރިއްސަނީ.... ޝަމް ހާސްނުވޭ" އަޒާންއަށް ޝަމްލާ ހާސްވެފައި އިންވަރު އެނގުމުން އޭނަގެ އަޑުގެ ރާގު ވެސް ބަދަލުކޮއްލިއެވެ. ޝަމްލާއަށް ބަލާލަމުން އޭނާގެ ކޯތާފަތުގައި ފިރުމާލީ ހިނިތުންވެލުމަކާއެކުއެވެ. އަޒާން ތެދުވެގެން ކޮޓަރިއަށް ދިޔަދިމާލަށް ބަލަހައްޓައިގެން ޝަމްލާ އިނެވެ. އޭނައަށް އަޒާންގެ މޫނުމަތިން ފެނުނު ހިނިތުންވުމަކީ އޭނަގެ އެހެންހުރިހާ ކަމަކަށްދަމާލި ފަރުދާއެއްކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އަޒާންއަށް ނޭގުނުކަމުގައި ވިޔަސް ޝަމްލާއަށް އޭނަގެ ކުދިކުދި ބަދަލުތައްއައީ ފާހަގަކުރެވެމުންނެވެ. ޝަމްލާ އާއި ވާހަކަދެއްކުމުގެ ބަދަލުގައި ގިނަވަގުތު ކޮންމެވެސް ފިކުރެއްގައި އަޒާން އޮންނަކަމެވެ. ރޭގަނޑު ނިދަން ވަދެ އެނދުގައި އޮށޯންނައިރަށް އަޒާންއަށް ނިދުމެވެ. ނޫނީ ނިދާކަމަށް ހެދުމެވެ. ދަރިފުޅާ ޔާނާއާ ވެސް ދުރުވަމުންދާކަމެވެ. އަނެއްކާ އެ ދެބަފައިންގެ މެދުގައި ކަމެއް ހިނގީބާއޭ ވެސް ޝަމްލާގެ ހިތަށްއަރައެވެ. ޔާނާ ވެސް ފަހަކަށް އައިސް ކޮޓަރިން ނުކުމެ އެމީހުންގެ ތެރޭ އުޅޭލެއް މަދުކަން ޝަމްލާއަށް ފާހަގަކުރެވެއެވެ.

މެންދުރުފަސްވިއިރު ޒޭންގެ ޑިއުޓީ ނިމުނުކަމުގައިވިޔަސް ޔާނާގެ ޑިއުޓީއެއް ނުނިމެއެވެ. އެހެނެއްކަމަކު ޒޭން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ބައްޕަ ހައިކަލް އާއިއެކު މެންދުރުގެ ކެއުން ކާލުމަށެވެ. އޭނައަށް ގެއަށް އާދެވުނުއިރު ހައިކަލް ސިޓިންރޫމުގައި އިނީ އޭނާގެ އިންތިޒާރުގައެވެ. އޭރު ކާމޭޒުމަތީ އަތުރާފައިވާ ހުސްނާގެ މޮޅު ކެއްކުންގަނޑުގެ ވަސް ދުވައެވެ. ޒޭންގެ އަތުގައި އޮތް ކުޑަ ބްރިފްކޭސް ސޯފާމައްޗަށް ލަމުން ވަރަށް ބަނޑުހައި ވެއްޖެއޭ ބުނެލިއެވެ.

"ދަރިފުޅު ފެން ވެސް ނުވަރާ ކާން އަންނަނީތަ" ހައިކަލް ހިނިއައިސްފައި ބުނެލިއެވެ.

"އޭސީ ރޫމްގައޭ އަޅުގަނޑު އިނީ... ހޫނުވެފައެއް ވެސް ނޫން މިހުރީ. އެހެންނޫނަސް އޭރުން ބައްޕައަށް ލަސްވާނެއެއްނު" ޒޭން ބަހަނާ ދައްކާލިއެވެ. ނަމަވެސް ހައިކަލް އެކަމާއި އެއްބަހެއްނުވިއެވެ. އޭނާ ޒޭން ފެންވަރަން ފޮނުވާލީ ކުޑަކުއްޖެއްފަދައިންނެވެ. އެ މަންޒަރު ފެނުނު ހުސްނާ ވެސް ހީނލިއެވެ.

ކާމޭޒުކައިރީގައި ހައިކަލްއާއެކު ޒޭންއަށް އިށީނދެވުނުއިރު އަދިމާބޮޑަށް ހުރީ ހައިވެފައެވެ. ހުސްނާ ޒޭންގެ ތަށްޓަށް ރޮށި ފުޑުވަދޭންފެށިއެވެ. ޒޭން ހުސްނާގެ ކެއްކުމަށް ތައުރީފު ކުރަމުންދިޔައިރު ހައިކަލް ދޭތެރެއަކުން ޒޭން ބުނާއެއްޗެހިން ހީގަންނާނެއެވެ. ހައިކަލްއާއި ޒޭންއާއެކު މިންނު ނެތްކަމުގެ އިހްސާސް ކުރެވުނުކަމުގައިވިޔަސް އެމީހުން މަސައްކަތްކުރަމުންއެދަނީ ދުނިޔޭގައި އުޅޭދުވަސްތަކުގައި އުފަލާއި ހިތްހަމަޖެހުމާއިއެކު އުޅުމަށެވެ.

"ބައްޕާ،! އެބަ ވިސްނަން ހަފިއްތަ ގާތަށް ދާން" ޒޭން ބުނެލިއެވެ. ޒޭންގެ ބުނިއެއްޗެއް އަޑުއިވުމާއިއެކު ހައިކަލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަނގަޔަށް ދިމާކޮށްލި ސަމްސާ ވެސް ތިރިކޮށްލާ ތަށީގައި ބޭއްވިއެވެ. ހައިފާ ނަންވެސް އިވޭކަށް ހައިކަލް ނޭދެއެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. އޭރު ދެބުމަ ކައިރިވެ ނިތަށް ރޫޖެހިއްޖެއެވެ. (ނުނިމޭ)