ރަސްރަނި ބަގީޗާގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުރީގެ ސަލްޓަން ޕާކްގެ އައިސް ސްކޭޓް ކުރެވޭނެ ގޮތަށް ހަދާ ފިނި ކޯނަރަކީ ދިވެހިންނަށް ލިބޭ ކުއްލި ހަދިޔާއަކަށް ވާނެ ކަމަށާއި އެތަން ވީހާވެސް އަވަހަކަށް ނިންމަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ރަސްރަނީގައި ފިނި ކޯނަރެއް ހަދާކަން މިދިޔަ އަހަރު އިއުލާނު ކުރެއްވީ ރައީސް އަބްދުﷲ ޔާމީނެވެ. އެތަން މިދިޔަ މަހު ނިމޭނެ ކަމަށް ރައީސް އޭރު ވިދާޅުވި ނަމަވެސް އެ މަސައްކަތް ޑިސެމްބަރަކަށް ނުނިމުނެވެ.
ހައުސިން މިނިސްޓްރީގެ ތަރުޖަމާން އަހްމަދު ފަޒާލް މިއަދު ވިދާޅުވީ، ސްނޯ ޕާކު ކަހަލަ ތަނެއް ހެދުމަކީ ރާއްޖެއަށް ވަރަށް އާ ކަމެއް ކަމަށެވެ. އެކަހަލަ މަސައްކަތެއް ކުރަން ވަގުތު ބޭނުންވާ ކަމަށާއި އެހެން ނަމަވެސް މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެކަމަކު ޕާކު ހެދުމަށް ކުރާ ވަކި ކަމެއް ފަޒާލް ފާހަގައެއް ނުކުރެއްވި އެވެ. އަދި ޕާކު ހުޅުވަން ކަނޑައަޅާ ވަކި ދުވަހެއްވެސް ވިދާޅެއް ނުވެ އެވެ.
"ސީދާ ނިމޭނެ ދުވަހެއް ބުނެވެން ނެތަސް އެތަން ނިންމާނީ ރައްޔިތުން ވަރަށް ކަމުދާހެން. އާންމުންނާއި ކުޑަކުދިން ނުހަނު އުފާކޮށްލާނެ ތަނަކަށް އެތަން ވާނެ،" ފަޒާލް ވިދާޅުވި އެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ "ސަޕްރައިޒް" އެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަމާނާއި އެއްގޮތަށް ކުޑަކުދިންނާއި އެކި އުމުރުގެ މީހުން ޝައުގުވެރިކުރުވާ ތަންތަން ހިމަނައިގެން ހަދާފައިވާ ރަސްރަނި ޕާކުގައި ސްނޯ ކޯނަރު ހަދާ ސަރަހައްދު މިހާރު ވަނީ އެ މަސައްކަތް ކުރަން ޓިނުޖަހައި ބަންދު ކޮށްފަ އެވެ.