ދުނިޔެ

ބޯކޯ ހަރާމުން އަނެއްކާވެސް އަންހެނުންނާއި ކުޑަކުދިންތަކެއް ވަގަށް ނަގައިފި

ނައިޖީރިއާގެ އިރުއުތުރު ބިތުގައި އޮންނަ އަވަށެއް ކަމަށްވާ ގަމްސޫރީ އަށް މިދިޔަ އާދީއްތަ ދުވަހު ދިން ކުއްލި ހަމަލާއެއްގައި 32 މީހަކު މަރާލުމަށް ފަހު ހަނގުރާމަވެރިން ވަނީ 185 މީހަކު ރަހީނުކޮށްގެން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ.

މި ޚަބަރު ނައިޖީރިއާގެ ރަސްމީ ފަރާތްތަކަށް ލިބުން މިހާ ލަސްވީ ހަމަލާ ދިން ސަރަހައްދުގައި މުވާސަލާތީ ހިދުމަތް ކަނޑާލާފައި އޮތުމާ ގުޅިގެންނެވެ. އޮފިޝަލުން ވިދާޅުވެފައި ވަނީ މުވާސަލާތީ ޓަވަރުތައް ވެސް ހަލާކުކޮށްލާފައި ވަނީ ހަނގުރާމަވެރިންގެ ހަމަލާތަކުގައި ކަމަށެވެ.

އޮފިޝަލުން އިއްޔެ ވިދާޅުވެފައި ވަނީ ހަތަރު ދުވަސް ފަހުން ޚަބަރު ގެނެސްދިނީ އެ ހަމަލާއާ ގުޅިގެން އަވަށް ދޫކޮށް ފިލި މީހުންގެ ތެރެއިން ބަޔަކު ކަމަށެވެ.

ބޯކޯ ހަރާމުން މި އަހަރުގެ އެޕްރީލް މަހު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަގަށް ނަގާފައިވެ އެވެ. އެފަހަރު އެމީހުން ދުނިޔޭގެ ސަމާލުކަން ހޯދީ ސްކޫލަކަށް ދިން ހަމަލާއަކަށް ފަހު 200 އެއްހާ އަންހެން ކުދިން ވަގަށް ނަގައިގެންނެވެ.

އޭގެ ތެރެއިން ބައެއް ކުދިން އަމިއްލަ އަށް ފިލައިގެން ސަލާމަތްވެފައިވާއިރު ގިނަ ކުދިންތައް ވަނީ އަޅުންގެ ގޮތުގައި ވިއްކާލާފައި ކަމަށް ބޯކޯ ހަރާމުން ބުނެފައިވެ އެވެ.

ބޯކޯ ހަރާމް އިން އެމީހުންގެ ކުއްލި ހަމަލާތައް ވަރުގަދަކުރަމުން އަންނައިރު މި ހަނގުރާމަވެރި ބައިގަނޑާ ދެކޮޅަށް ނައިޖީރިއާގެ އަވަށްޓެރި، ކެމަރޫނުން ވެސް ދަނީ އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ހަމަލާތަކެއްގައި ހަނގުރާމަވެރިންގެ 116 މީހަކު މަރާލާފައިވާ ކަމަށް ކެމަރޫނުން ބުނެފައިވެ އެވެ.

ނައިޖީރިއާގެ އުތުރު ބިތުގައި ބޯކޯ ހަރާމުން މިފަހުން ބާރުގަދަކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އެމީހުން ދަނީ ފުލުހުންނަށާއި ފައްޅިތަކަށާއި ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތަކަށް ބޮމާއި ބަޑީގެ ހަމަލާތައް ދެމުންނެވެ.

ބޯކޯ ހަރާމްގެ މި ހަމަލާތަކުގައި މަދުވެގެން 5000 މީހަކު މަރުވެފައިވެ އެވެ.