ހަބަރު

ޕިކްޕޯސްޓްގެ އާ ސްޓޭޝަނެއް ހުޅުވައިފި

ހަފްތާގެ ހުރިހާ ދުވަހު 24 ގަޑިއިރު ހިދުމަތްދޭ ގޮތަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ތައާރަފްކޮށްފައިވާ ޕިކްޕޯސްޓުގެ އިތުރު ސްޓޭޝަނެއް މިއަދު ހުޅުވައިފި އެވެ.

އެ ސްޓޭޝަން ހުޅުވާފައިވަނީ ޕޯސްޓު ބިލްޑިންގުގަ އެވެ. ޕިކް ޕޯސްޓު ނުވަތަ ސެލްފް ސާވިސް ސްޓޭޝަންތަކަކީ ޕޯސްޓު ޑެލިވަރީ ނިޒާމު ހަރުދަނާކޮށް ޒަމާނީކޮށް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތެއްގައި ޕޯސްޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ގާއިމްކުރާ ސްޓޭޝަންތަކެކެވެ.

ޕޯސްޓު އޮފީހުން ބުނީ އީ-ޓުކުރި ތައާރަފްކުރުމާއެކު އެ ޕްލެޓްފޯމް މެދުވެރިކޮށް އަދި އެހެނިހެން އިންޓަނޭޝަނަލް އީ-ކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން އޯޑަރުކޮށްގެން ގެންނަ ތަކެތީގެ ސަބަބުން ޕޯސްޓު ނިޒާމުގެ ތެރެއަށް ވަންނަ މޭލު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިއުމާއެކު ޑެކިވަރީގެ ފަސޭހަ އަދި ޒަމާނީ ހައްލުތަކެއް ކަސްޓަމަރުންނާ ހަމައަށް ގެނެސް ދިނުމަކީ އެކުންފުނީގެ އަމާޒެއް ކަމަށެވެ.

ޕިކްޕޯސްޓުގެ އިތުރު ސްޓޭޝަންތައް މާލޭ ސަރަހައްދުގައި އަދި ހުޅުމާލޭގައި ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޕިކްޕޯސްޓު ހުޅުވާ ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާނެ ކަމަށް ޕޯސްޓު އޮފީހުން މައުލޫމާތުދެ އެވެ.

ޕިކްޕޯސްޓުގެ ފުރަތަމަ ސްޓޭޝަން ގާއިމްކޮށްފައިވަނީ ވެލާނާ ބިލްޑިންގުގަ އެވެ. އެ ސްޓޭޝަން ހުޅުވައިދެއްވީ މިިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.