ފިނިޕޭޖް

ދޮންވެލި ތުނޑި: ޝަލަބީގެ ފަރާތުން އާ އަހަރުގެ ހަދިޔާ

މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަން ނިމުނު އިރުވެސް ޝަލަބީ އިބްރާހީމް ވަރުގެ ލަވަކިޔުންތެރިޔަކު ނެތެވެ. އެވަރުގެ މަޝްހޫރުކަމަކާއި މަގުބޫލުކަމެއް އެހެން އެއްވެސް ފަންނާނަކަށް ނުހޯދުނެވެ. އޮޑިޝަނުގައި އަލީ ރަމީޒުގެ "އަންނާށޭ މަ އެދޭ" ކިޔާލި ގޮތަށް އެންމެންގެ ހިތް އޭނާ އާއި ގާތަށް ދަމާލީ އެވެ. އެ އަށްފަހު ޝަލަބީ ވިދައިގަތީ އެވެ. އަދި އޭނާގެ ވިދުމަށް ފަނޑުކަމެއް އަޔަނުދޭން އެތައް މަސައްކަތްތަކެއް ކުރި އެވެ.

އެގޮތުގައި ޝަލަބީ އަރައިގެން ދިޔައީ އެވެ. މިހާތަނަށް ޝަލަބީގެ އަމިއްލަ އެއް ލަވަޔާއި ދެ މަދަހަ އަލްބަމް ނެރެފި އެވެ ދޭތެރެއަކުން ކަވާ ލަވައެއް ކިޔާލަ އެވެ. އަދި ތެލަސީމިއާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ މިތުރަކަށް ޝަލަބީ ބަދަލުވީ އެވެ.

ޝަލަބީގެ ވިދުން އިތުރަށް ގަދަކޮށްލީ އޭނާގެ "އާދޭސް" އިންނެވެ. އެ ފަހުން ޝަލަބީ މަސައްކަތްތަކެއް ކުރާކަމުގެ ހަބަރު ލިބުނެ އެެވެ. އެހެން ނަމަވެސް މާބޮޑު ތަފްސީލެއް ނުލިބެ އެވެ. އާ އަހަރަށްވެސް ޝަލަބީ މިވަނީ ލަވައެއް ނެރެފަ އެވެ. ރަޒިއްޔާ ހަސަންގެ ލިރިކްސް އަކަށް ޝަލަބީ އަދި ރާފިޔަތު ރަމީޒާގެ އަޑުން މިވަނީ "ދޮންވެލި ތުނޑި" ވިރުވާ އަޅާލައިގެން ގެނެސްދީފަ އެވެ.

ހިންދީ ލަވަ "ޔެ ރާތޭ ޔެ މޯސަމް" ގެ ރާގަށް ހަދާފައިވާ އެ ލަވައިގެ ރިކޯޑިން، މިކްސިން، މާސްޓަރިން އަދި ކޮމްޕޯސިން ހަދާފައިވަނީ ހައުސް އޮފް މިއުޒިކުންނެވެ. އެ ލަވައިގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން އަލީ ޝިފާން ބުނީ އެ ލަވައިގެ ވީޑިއޯވެސް ހަދާނެ ކަމަށާއި އެކަމަށް ބަޔަކާއި ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އެ ލަވަ މިހާރު ލަވަފޮށިން އަޑުއަހާލެވޭނެ އެވެ.

"މި ލަވައިގެ ލިރިކްސް ހަދާފައިވަނީ މަންމަ [ރަޒިއްޔާ ހަސަން] ވަރަށް ކުރިން، އެ ލަވައިގެ އެންމެ ކްލޭސިކް ވާޝަން އަށް، އާއިލާގެ ތެރޭގައި އެ ލަވަ އޮތީ، ދެން އޭގެ 15 ވަރަކަށް އަހަރު ފަހުން މަންމަ ލަވައަކަށް ހަދަން ބޭނުންވެގެން މި ހެދީ،" ޝިފާން ބުންޏެވެ.

ޝިފާން އިތުރަށް ބުނީ އޭނާގެ މަންމަ ލިރިކްސް ހަދާފައިވާ އިތުރު ލަވަތަކެއްވެސް ކުރިއަށް އޮތްތަނުގައި ގެނެސްދޭނެ ކަމަށެވެ.