ދިވެހި ސިނަމާ

40 ޕްލަސް: ނޯޓީ 40 އަށް ވުރެ މާ ސަޅިވާނެ

Jan 5, 2018
1

މުޅިން އާ ތަފާތު ވާހަކަ އަކާއެކު ނޯޓީ 40ގެ ދެވަނަ ބައި 40 ޕްލަސްގެ ޝޫޓިން މިވަނީ ފަށާފަ އެވެ. ތ. ބުރުނީގައި އެ ފިލްމުގެ ޝޫޓިން ފަށާފައިވާއިރު އެ ފިލްމުގެ ޝޫޓިން މި މަހުގެ 15 ހިސާބުގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެ އެވެ.

ފޯޓީ ޕްލަސްގައި މި އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރާ "ދެވަންސޫރަ"އިން ފެނިގެންދާ މަރިޔަމް ޝިފާގެ އިތުރުން އާ ފަސް ތަރިން ފެނިގެންދާނެ އެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުނީ ދެތިން މަންޒަރެއް ފިޔަވާ ހުރިހާ މަންޒަރެއް ނަގަން ހަމަޖެގިފައިވަނީ ބުރުނީގައި ކަމަށެވެ. އަދި އެ މަންޒަރުތައް ނަގާނީ މާލޭގައި ކަމަށެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ސްކްރިޕްޓް ލިޔެފައިވާ އެ ފިލްމު ޑައިރެކްޓް ކުރަނީވެސް ޔޫއްޕެ އެވެ. އަދި ފިލްމުގައި ގިނަ ސްޓަންޓް މަންޒަރުތަކެއް ހިމެނޭނެ ކަމަށާއި އެމަންޒަރުތައް ނަގާނީ އަލީ ސީޒަންގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.

ޓެކްނިކަލް އާޓް ޑައިރެކްޓަރަކީ މަނިކު އެވެ. އަދި މޭކަޕްކޮށްދީފައިވަނީ ޝިޒޫ އެވެ. މި އަހަރުގެ ތެރޭގައި ފިލްމު ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.