ބޮލީވުޑް

ސޯނަމް ކަޕޫރުގެ ކައިވެނި އެޕްރީލްގައި

މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ ކައިވެންޏާ އެކު ބޮލީވުޑްގެ މަޝްހޫރު އިތުރު ދެ ބަތަލާ އަކު ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައް ވަނީ އަރާފަ އެވެ.

އޭ ލިސްޓު ދެ ބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ސޯނަމް ކަޕޫރު މި އަހަރުގެ ކުރީކޮޅު ކައިވެނިކުރަން ނިންމާފައިވާ ކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. މި ދެތަރިންގެ ތެރެއިން ސޯނަމް އެޕްރީލް މަހުގެ ތެރޭގައި ކައިވެނިކުރަން ނިންމާފައިވާ ކަމަށްވެ އެވެ.

އާނަންދް އަހޫޖާ ކިޔާ ޒުވާން ވިޔަފާރި ވެރިޔަކާ ލޯބީގެ ގޮތުން ސޯނަމް އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. މިހާތަނަށް އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މީޑިއާގައި ހާމަނުކުރިޔަސް ސޯޝަލް މީޑިއާގައި އެ ގުޅުން ސިއްރެއް ނުކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ސޯނަމް އާއެކު އާނަންދް ބޭރުތެރެއިން ފެނުމާއި އެކުގައި ޗުއްޓީ ހޭދަކުރާ ފޮޓޯތައް އަންނަނީ އާންމުކުރަމުންނެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސޯނަމް އާއި އާނަންދްގެ ގުޅުމަށް ދެ ފަރާތުގެ އާއިލާ ވެސް ގަބޫލުވުމުން އެމީހުންގެ ލަފަޔާ އެކު ކައިވެނިކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން އެމީހުން ކައިވެނިކުރަން ނިންމާފައިވަނީ އެޕްރީލް މަހުގެ ތެރޭގައި ޖޯދްޕޫރްގަ އެވެ.

އަވަހަށް ކައިވެނިކުރުމަށް ސޯނަމަށް އެންމެ ބޮޑަށް ބާރުއަޅާ ކަމަށް ވަނީ އޭނާގެ ބައްޕަ އެކްޓަރު އަނިލް ކަޕޫރެވެ. މިފަހުން ވަނީ އަނިލް ސޯނަމް އާއި އާނަންދް ކުރެން ވީހާވެސް އަވަހަށް ކައިވެނިކުރަން ބުނި ކަމުގެ ވާހަކަތަކެއް ދެކެވިފަ އެވެ.

ކައިވެނީގެ ރަސްމިިއްޔާތަށް ތައްޔާރުވުމުގެ މަސައްކަތް ސޯނަމް މިހާރުއްސުރެން ވަނީ ފަށާފަ އެވެ. އެގޮތުން ޖޯދްޕޫރްގެ ގަނޑުވަރެއް ވެސް ސޯނަމް ވަނީ މިހާރު އެއް ހަފްތާގެ މުއްދަތަކަށް ކުއްޔަށް ހިފާފަ އެވެ. އަދި ކައިވެނީގެ ރަސްމިއްޔާތުތަކުގައި އާއިލާ އާއި ގާތްއެކުވެރިންގެ 300 އެއްހާ މެމްބަރުން ބައިވެރިވާނެ ކަމަށްވެ އެވެ.

މީގެކުރިން ބޮލީވުޑްގެ ބަތަލާއިން ކައިވެނިކޮށް ދަރިން ލިބުމުން އެމީހުންގެ ފިލްމީ ކެރިއަރު ނިމުމަކަށް އައީ ކަމަށް ބެލެވުނެވެ. ނަމަވެސް އައިޝްވާރިޔާ ރާއީ އާއި ކާޖޮލް އަދި ރާނީ މުކަރްޖީ އާއި ކަރީނާ ކަޕޫރު ވަނީ ކައިވެންޏަށް ފަހު އަދި ކުދިން ލިބުމުން ވެސް ފިލްމީ ކުޅުމާ ދުރަށް ނުގޮސް، ކައިވެނިކުރުމާއި ކުދިން ލިބުމަކީ ފިލްމު ކުޅުން ހުއްޓާލަން ޖެހޭނެ ކަމެއް ނޫންކަން ސާބިތުކޮށްދީފަ އެވެ.

މި ފަހުން "ވީރޭ ދި ވެޑިން" ގެ ޝޫޓިން ނިންމާލި ސޯނަމްގެ އެންމެ އަވަހަށް ރިލީޒްވާ ފިލްމަކީ މި މަހު 25 ވަނަ ދުވަހު ނިކުންނަ "ޕެޑްމޭން" އެވެ. އެ ފިލްމުގައި ސޯނަމާ އެކު އަކްޝޭ ކުމާރާއި ރާދިކާ އަޕްޓޭ ލީޑްރޯލުން ފެނިގެންދާނެ އެވެ.