ބޮލީވުޑް

"ބާހުބަލީ" ގެ އިތުރު ފިލްމެއް ޕްރަބާސް ނުކުޅޭނެ

ތަމަޅަ ކާމިޔާބު ފިލްމު "ބާހުބަލީ" އާއި "ބާހުބަލީ 2" އިން ޕްރަބާސް އަށް ލިބުނު ބޮޑު ކާމިޔާބުގައި އޭނާ ވަނީ މުޅި އިންޑިއާގައި ވިދާލި އެކްޓަރަކަށް ވެގެން ގޮސްފަ އެވެ. އެ ފިލްމުން އޭނާ އަށް ލިބުނު ބޮޑު ކާމިޔާބާ އެކު ޕްރަބާސް އަށް ބޮލީވުޑްގެ ފިލްމުތަކުން ވެސް ހުށަހެޅުން ލިބެން ފެށި އެވެ.

"ބާހުބަލީ" ސިލްސިލާގެ ދެ ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުއިރު، އެ ސިލްސިލާގެ އިތުރު ފިލްމަކަށް މިހާރު ވެސް އެތަކެއް ހާސް ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ.

ބެލުންތެރިން ކިތަންމެ އިންތިޒާރެއް "ބާހުބަލީ" ގެ އިތުރު ފިލްމަކަށް ކުރަމުން އަޔަސް، މި ސިލްސިލާގެ އިތުރު ފިިލްމެއް ކުޅޭނެ ވަގުތެއް އޭނާ އަތަކު ނެތެވެ.

މި ސިލްސިލާގެ ފުރަތަމަ ދެ ފިލްމު ޝޫޓްކޮށް ރިލީޒްކުރަން ފަސް އަހަރު ދުވަސް ހޭދަވި އެވެ. ފުރަތަމަ ފިލްމުގެ ޝޫޓިން 2013 އަހަރުގައި ނިމުނުއިރު ފިލްމު ރިލީޒްކުރެވުނީ 2015 ވަނަ އަހަރު އެވެ. އަދި ދެވަނަ ފިލްމުގެ ޝޫޓިން އެ އަހަރުގެ ތެރޭގައި ފަށައި، ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

"ބާހުބަލީ" ގެ އިތުރު ފިލްމެއް ކުޅެން ވަގުތު ނެތް ކަމަށް ބުނަމުން ޕަރްބާސް ވަނީ ކޮންމެ ތަރިއެއްގެ ވެސް ކެރިއަރު ދެމި އޮންނާނީ ވަކި މުއްދަތެއް ވަންދެން ކަމަށެވެ. އެހެންކަމުން ދެން އިތުރު ފިލްމަކަށް އެހާ ގިނަ ވަގުތު ދީ އެއްވެސް ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ.

"އެކްޓަރެއްގެ އޮންނަނީ ވަރަށް ލިމިޓެޑް ވަގުތެއް. ކެރިއަރު ދެމި އޮންނަނީ ވަކި މުއްދަތެއް ވަންދެން. މިހާރު އެންމެ ޕްރޮޖެކްޓަކަށް ފަސް އަހަރެއް ނުދެވޭނެ. އިތުރު ފިލްމުތަކަށް ވަގުތު ނުދެވެންޏާ އެއީ ފިލްމީ ކެރިއަރަށް ލިބޭ ބޮޑު ގެއްލުމެއް." ޕްރަބާސް ބުނެފައިވެ އެވެ.

ޕްރަބާސް ވަނީ "ބާހުބަލީ" އަކީ އެކްޓަރެއްގެ ކެރިއަރުގައި ކުޅެން ނުލިބޭނެ ފަދަ މޮޅު ފިލްމެއް ކަމަށާއި އެ ފިލްމުން ފުރުސަތެއް ލިބުމަކީ އޭނާ އުފާކުރާ ކަމެއް ކަމަށް ބުނެފަ އެވެ.

އަދި ކުރިއަށް އޮތް ތަނުގައި އޭނާ ބޭނުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ބަލާލެވޭނެ ފަދަ ފިލްމުތައް ކުޅޭށެވެ. އެގޮތުން ހަމައެކަނި ރީޖަނަލް ފިލްމުތައް ކުޅުމުގެ ބަދަލުގައި ހިންދީ ފިލްމުތައް ކުޅެން އިސްކަންދޭން އޭނާ ބޭނުންވެ އެވެ.

ހަބަރުތައް ބުނާގޮތުން ޕްރަބާސް އަށް މިހާރު ވަނީ ހިންދީ ފިލްމަކުން ހުށަހެޅުން ލިބިފަ އެވެ. އެހެންކަމުން އޭނާ ބޮލީވުޑުން ކައިރި މުސްތަގުބަލެއްގައި ފެނުން ގާތެވެ.

ޕްރަބާސް މިހާރު ކުޅެމުން އަންނަ "ސާހޯ" ގައި އޭނާ އާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރެވެ. މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ތެރޭގަ އެވެ.