ބޮލީވުޑް

މަނީޝާ ހީވަނީ ޒުވާން ނަރްގިސް ހެން

މަޝްހޫރު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި އޭނާގެ ރޯލުން ފެނިގެންދާ ޒުވާން އެކްޓަރު ރަންބީރު ކަޕޫރު، އެ ފިލްމުގައި ސަންޖޭގެ ރޯލަށް ތައްޔާރުވެފައިވާލެއް ފުރިހަމަ ކަމަކީ އޭނާގެ ހަށިގަނޑަށް ގެނައި ބަދަލުން ސަންޖޭ އާއި ސިފަވެސް ވަރަށް އެއްގޮތް ވުމެވެ.

މި ފިލްމުގެ ޝޫޓިން ތެރެއިން ލީކުވި ބައެއް ފޮޓޯތަކުން ސަންޖޭއާ ވައްތަރުވާން ރަންބީރު ހަށިގަނޑާއި އިސްތަށިގަނޑަށް ގެނައި ބަދަލު ސިފަޔަށް އައި ބޮޑު ބަދަލު ފެނިގެންދިޔަ އެވެ.

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ މި ފިލްމުގައި ސަންޖޭ އާއި ރަންބީރު ވައްތަރު ކަމުން ގިނަބަޔަކު ހައިރާންވިއިރު މި ފިލްމުގެ އިތުރު ސަޕްރައިޒަކުން ބެލުންތެރިން އިތުރަށް ހައިރާންވާނެކަން ޔަގީނެވެ.

ސަންޖޭގެ މަންމަ ނަރްގިސް ދަތްގެ ރޯލުން ފެނިގެންދާ މަނީޝާ ކޮއިރަލާ ފިލްމުގެ ސެޓުގައި ނަގާފައިވާ ސެލްފީއެއް މިވަނީ އާންމުވެފަ އެވެ. އެ ފޮޓޯގައި އޭނާ ފެންނަނީ ނަރްގިސްގެ ޒުވާން ދުވަސްވަރުގެ މަންޒަރެއް ކުޅެން ތައްޔާރުވެގެން ހުއްޓަ އެވެ. އެ ފޮޓޯ އާންމުވުމާ އެކު ބެލުންތެރިން ހައިރާންވި ކަމަކީ ނަރްގިސް އާއި މަނީޝާ ވެސް ވައްތަރު ކަމެވެ.

މަނީޝާ މި ފިލްމުގައި ނަގަން ޖެހޭ މަންޒަރުތައް ނަގައި ނިންމާލާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ފިލްމުގެ އެންމެފަހުގެ މަންޒަރުތައް ކޭޕްޓައުންގައި ނެގުމަށްފަހު ފިލްމުގެ ބައެއް ފަރާތްތަކާއެކުު ނަގާފައިވާ ސެލްފީތަކެއް ރަންބީރުގެ ފޭން ޕޭޖަކުން ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުގެ ތެރެއިން މަނީޝާގެ ފޮޓޯތައް ނަރްގިސް އާއި ވައްތަރު ކަމުން ގިނަ ބަޔަކު ވަނީ އޭނާ ހީވަނީ "މަދާ އިންޑިއާގެ" ނަރްގިސްއާ ވަރަށް ވައްތަރު ކަމަށެވެ.

މަނީޝާ ވަނީ ނަރްގިސްގެ ރޯލު ކުޅެން ތައްޔާރުވުމުގެ ގޮތުން ގިނަ ލުކް ޓެސްޓްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން ނަރްޖިސް ގޮތަށް އިސްތަށިގަނޑު ކުރުކޮށާއި ދިގުކޮށް ވެސް ސްޓައިލް ކޮށް ދިރާސާކުރި ކަމަށެވެ.

ޕްންކްރިއެޓިކް ކެންސަރު ޖެހިގެން ނިއުޔޯކްގައި ފަރުވާ ހޯދުމަށްފަހު އެނބުރި އިންޑިއާ އަށް އައިތަނުން ހާލު ގޯސްވެ މުމްބައި ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ވަނީ 1981 ވަނަ އަހަރު މަރުވެފަ އެވެ. ނަރްގިސް މަރުވީ ސަންޖޭގެ ފުރަތަމަ ފިލްމު ރިލީޒްކުރުމުގެ ހަފްތާއެއް ކުރިންނެވެ.

މި ފިލްމުގައި ސަންޖޭގެ ބައްޕަގެ ރޯލުން ޕަރޭޝް ރާވަލް ފެނިގެންދާއިރު، މިހާރުގެ އަންހެނުން މާނިޔަތާގެ ރޯލު ކުޅެފައިވަނީ ދީއާ މިރްޒާ އެވެ. އަދި ސަންޖޭ ލޯބީގެ ގޮތުން ގުޅުނު ބައެއް ބަތަލާއިން ރޯލުން ސޯނަމް ކަޕޫރާއި އަނުޝްކާ ޝަރްމާ ފެނިގެންދާނެ އެވެ.

ސަންޖޭ ތަރިއެއްގެ ގޮތުގައި އަރައިގެން އައި ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހުނު ގޮތް ފެނިގެންދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖޫން 29 ވަނަ ދުވަހު އެވެ.

ކައިވެނިކޮށްގެން ފިލްމީ ދާއިރާއިން ދުރަށް ދިއުމުގެ ކުރިން މަނީޝާ ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. ބޮޑު ބްރޭކަކަށްފަހު އޭނާ އެނބުރި އައިސްފައިވަނީ މިދިޔަ އަހަރު ނިކުތް "ޑިއާ މާޔާ" އިންނެވެ.