ރިޕޯޓް

ބަންދު ދުވަހަށް އުޖޫރަ ނުދީ، ކުންފުނިތައް ގާނޫނީ "ގޮޅިއެއްގައި"!

ގިނަ ފަހަރު ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަކީ ތަންފީޒު ނުކުރެވި ހަމައެކަނި ނަމެއްގައި އޮންނަ އެއްޗަކަށް ވާކަމީ އާންމުން އަބަދުމެ ކުރާ ޝަކުވާއެކެވެ. ގައުމުގެ މައްސަލަތައް ހައްލު ނުވެ ބޮއްސުންލާން ދިމާވާ އެންމެ ބޮޑު ސަބަބަކީ ދައުލަތުގެ އެތަކެއް އިދާރަތައް ހުންނައިރު ގާނޫނުތަކާއި ގަވައިދުތައް ތަންފީޒު ކުރެވޭތޯ ބެލުމަށް ނުކުޅެދިފައިވާ ކަން ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އާންމު ރައްޔިތުންނާ އެންމެ ގާތުން ހެދިފައިވާ އެއް ގާނޫނަކީ ވަޒީފާއާބެހޭ ގާނޫނެވެ. ނަމަވެސް، އެ ގާނޫނަށް ކަޅިއެއް ހިންގާލާއިރު، އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ އެތަކެއް ހާސް މުވައްޒަފުންގެ ހައްގެއް ނުލިބި ދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މަސައްކަތް ކުރަންޖެހޭ ވަގުތު އިތުރުވި ނަމަވެސް، "ޕްރައިވެޓް ސެކްޓާ" ގިނަ މީހުން ހިޔާރު ކުރަނީ ލިބޭ މުސާރަ ކޮޅު ބޮޑުވީމަ އެވެ. ސަރުކާރު އޮފީސްތަކުން ދޭ އެއްޗަކަށް ވުރެ، އެންމެ ދެ ތިން ހާސް ރުފިޔާ ބޮޑަސް، އަމިއްލަ ކުންފުނިތަކަށް ދާން ގިނަ މީހުންނަށް މަޖުބޫރުވަނީ، ހާއްސަކޮށް މާލޭގައި ބޮޑެތި ކުލި ދައްކައިގެން އުޅެންޖެހޭ އިރު، ދެކޮޅު ނުޖެއްސޭތީ އެވެ. މެނދުރު 2:00 ޖަހާއިރު ނިމޭ ސަރުކާރު އޮފީސްތަކާ ހިލާފަށް، އާއިލާއަށް ދޭ ވަގުތު ގުރުބާންކޮށް، ހަވީރު 5:00 ނުވަތަ 5:30 ވަންދެން މަސައްކަތުގައި އުޅެނީ އިތުރު ގޮތެއް ނެތީމަ އެވެ. ހޮނިހިރު ދުވަހާއި ވެސް އެކީ ހަފްތާގެ ހަ ދުވަސް މަސައްކަތް ކުރަން އެއްބަސްވުން ނޫން ގޮތެއް ގިނަ މީހުންނަކަށް ނޯވެ އެވެ.

"ގެއްލިފައިވާ" ރަސްމީ ބަންދު ދުވަސްތައް

ގިނަ މީހުންނަށް ނޭނގޭ ކަމެއްގެ ގޮތުގައި މިކަން އޮތް ނަމަވެސް، ވަޒީފާއާ ބެހޭ ގާނޫނޫގައި ރަސްމީ ބަންދު ދުވަސްތަކެއް ސާފުކޮށް ކަނޑައަޅާފައިވެ އެވެ. މިގޮތުން މި ގާނޫނުގެ 97 ވަނަ މާއްދާގައިވަނީ: ރަސްމީ ބަންދު ދުވަސް ކަމަށް ބުނެފައިވަނީ، ހުކުރު ދުވަހާއި، ގައުމީ ދުވަހާއި، ކީރިތި ރަސޫލާގެ އީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި، ފިތުރު އީދު ދުވަހާއި، ނަސްރުގެ ދުވަހާއި، ޖުމްހޫރީ ދުވަހާއި، ހައްޖު ދުވަހާއި، އަޟުހާ އީދު ދުވަހަށެވެ.

ކޮންމެ އަހަރެއްގެ ގާނޫނުގައިވާ ރަސްމީ ބަންދު ދުވަސްތަކަށް ބަލާއިރު، ގިނަ އަމިއްލަ ކުންފުނިތައް މި ހުރިހާ ދުވަސްތަކެއް ބަންދެއް ނުކުރެ އެވެ. މި ދުވަސްތަކުގެ ތެރެއިން އާންމު ގޮތެއްގައި މަދުވެގެން ފަހެއް ނުވަތަ ހަ ދުވަސް މުވައްޒަފުން ލައްވާ މަސައްކަތް ކުރުވަ އެވެ. ފާހަގަ ކުރަން މިއުޅޭ މައްސަލަ ފެންމަތިވަނީ މި ހިސާބުންނެވެ.

ގާނޫނުގެ 38 ވަނަ މާއްދާގައި ވަނީ، "އާންމުކޮށް މަސައްކަތް ކުރަންޖެހޭ ދުވަހެއްގެ ގޮތުގައި ،ރަސްމީ ބަންދު ދުވަހަކު މުވައްޒަފަކު ލައްވާ މަސައްކަތް ކުރުވާނަމަ، އޭނާއަށް މަދުވެގެން ކަނޑައެޅިފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެއްގެ ފައިސާ އޯވަޓައިމްގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން އެމުވައްޒަފުގެ މުސާރައިގައި ހިމަނައިގެން ވަޒީފާދޭ ފަރާތުން، އެމުވައްޒަފަކަށް ދޭންވާނެ އެވެ." މިހެންނެވެ.

އިތުރު ގަޑިއާ ބެހޭ މާއްދާއަށް ބަލާލާއިރު، ގާނޫނުގެ 37 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން، ރަސްމީ ބަންދު ދުވަސްތަކަށް ވަޒީފާދޭ ފަރާތުން ދޭންޖެހޭ އިތުރު ގަޑީގެ ފައިސާ ވެސް އިތުރުވެ އެވެ. މިގޮތުން، އާދައިގެ ދުވަސްތަކުގައި، މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/4 1 (%125) ފައިސާ އިތުރު ގަޑީގެ ގޮތުގައި ހައްގުވި ނަމަވެސް، ހުކުރު ދުވަހެއް ނުވަތަ ރަސްމީ ބަންދު ދުވަހެއްނަމަ، އެ އަދަދު އެމީހެއްގެ މުސާރައިން ގަޑިއަކަށްޖެހޭ މިންވަރުގެ މަދުވެގެން 1/2 1 (%150) ބަޔަށްވާ ފައިސާ، އިތުރުގަޑީގެ ފައިސާގެ ގޮތުގައި، އެމުވައްޒަފަކަށް ލިބެންޖެހެ އެވެ.

ކުރުކޮށް ބުނަނީނަމަ، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރުވާނަމަ، މަސައްކަތުގައި އުޅޭ ހުރިހާ ވަގުތަކީ އިތުރު ގަޑި އެވެ. އަދި އިތުރު ގަޑިއަށްވާ ފައިސާގެ އިތުރުން، އެ ދުވަހެއްގެ ބައި މުސާރަ މުވައްޒަފުންނަށް ހައްގުވާނެ އެވެ. ނަމަވެސް، "އަވަސް" އިން ބެލި ބެލުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރާ އަމިއްލަ ކުންފުނިތައް ވަރަށް ވެސް މަދެވެ. ގިނަ މުވައްޒަފުންނަށް މިއީ ލިބެންޖެހޭ ހައްގެއް ކަމެއްވެސް އެނގިފައި ނެތުމަކީ ވެސް އަދި އިތުރަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ.

"އަހަންނަކަށް ނުވެސް އެނގޭ ތިހެން އޮންނަ ކަމެއް ވެސް. ޕްރައިވެޓް ސެކްޓާގައި މަސައްކަތް ކުރާތާ މިހާރު މިއީ ނުވަ ވަނަ އަހަރު. ކޮންމެ އަހަރަކުވެސް ތި ގިނަ ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފަ ހުންނާނީ. ހާދަ ލާރިއެކޭ ތިހުރީ ނުލިބި،" ރާއްޖޭގެ ބޮޑު ކުންފުންޏެއްގައި މަސައްކަތް ކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މުވައްޒަފުންގެ މާލީ ގެއްލުމަށް ބަލާނަމަ، މިސާލަކަށް، އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާ މުސާރަ ލިބޭ މުވައްޒަފަކަށް، އާންމު ގޮތެއްގައި އަމިއްލަ ކުންފުނިތަކުގެ ރަސްމީ ގަޑިތަކަށް ބަލައިގެން، ދުވާލަކަށް 200 އަށް ވުރެ ގިނަ ރުފިޔާ މަގުން، އަހަރަކު 1،000 އަށް ވުރެ ގިނަ ރުފިޔާ، ރަސްމީ ބަންދު ދުވަސްތަކަށް ނުލިބެ އެވެ.

ލޭބާ ރިލޭޝަންސްގެ ރައްދު

ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ހިންގުމާއި ހަވާލުވެ ހުންނެވި، އިކޮނޮމިކް މިނިސްޓްރީގެ އަބްދުލް ރަޝީދު ނާފިޒް ވިދާޅުވި ގޮތުގައި، ގާނޫނުވާ ގޮތަށް އިތުރުގަޑި ފައިސާ ނުދޭ މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފަ އެވެ.

މިގޮތުން، މިދިޔަ އަހަރު ލޭބާ ރިލޭޝަންސް އިން 290 ކުންފުންޏަކަށް ޒިޔާރަތްކޮށް ބެލި ބެލުމުގައި، 66 ޕަސަންޓް ތަންތަނުން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ އެއްވެސް ގޮތަކަށް ނުދޭ ކަން ފާހަގަ ކުރެވުނެވެ.

"ބާކީ 34 ޕަސަންޓް ކުންފުނިތަކުން ވެސް އިތުރު ގަޑި ދީފައިވަނީ ގާނޫނު ގައި އޮންނަ ގޮތަކަށް ނޫން. އެމީހުން ހިތު ހުރި ގޮތަކަށް ދީފަ ހުރީ،" ނާފީޒް ވިދާޅުވި އެވެ. ނާފިޒް އިތުރަށް ވިދާޅުވި ގޮތުގައި، ގިނަ ކުންފުނިތަކުން މުވައްޒަފުންގެ ކަންކަން ބަލަހައްޓަަނީ ވަރަށް "ދޯދިޔާކޮށް" ކަމަށާއި ލިޔެކިޔުންތައް ވެސް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށެވެ.

"ގިނަ ތަންތަނުގައި މުސާރަ ޝީޓާއި، ހާޒިރީ އާއި، ވަޒީފާ ބަޔާން އަދި ވަޒީފާގެ އެއްބަސްވުން ފަދަ މުހިންމު ލިޔެކިޔުންތައް ވެސް ބެލެހެއްޓިފައެއް ނެތް. ވަރަށް ވެސް ފަރުވާކުޑަ ގޮތަކަށް، ވަރަށް ދޯދިޔާކޮށް ގިނަ ކުންފުނިތަކުން ކަންކަން ކޮށްފައި ހުރީ. މީގެ ތެރޭގައި ރާއްޖޭގެ ހަމަ ބޮޑެތި ކުންފުނިތައް ވެސް ހިމެނޭ" އޭނާ ވިދާޅުވި އެވެ.

"ދެން މިވާހަކަތައް އެތަންތަނުގެ ވެރިންނާ ހިއްސާ ކުރީމަ ބުނަނީ އަހަރުންނަކަށް ނޭނގެއޭ ތިކަންކަން ތިހާ ހަރުކަށިކޮށް ގާނޫނުގައި އޮންނަ ކަމެއް. ދެން ގާނޫނުގައިވާ ގޮތުން، އަޅުގަނޑުމެން ފުރަތަމަ އެމީހުންނަށް އިންޒާރު ދޭން މިއޮންނަނީ. އަދި އޭގެ ފަހުން އެކަންކަން ރަނގަޅު ނުކޮށްފިނަމަ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުން ދެން އޮންނާނީ."

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދޭ ހައްގުތަކާއި ރައްކާތެރިކަން ގިނަ މީހުންނަށް އެނގިފައި ނެތުމަކީ، ލޭބާ ރިލޭޝަންސް އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ނާފިޒް ވިދާޅުވި އެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން، ގާނޫނުގެ ދަށުން ވަޒީފާ އަދާ ކުރާ ފަރާތްތަކުގެ އިތުރުން، ވަޒީފާ ދޭ ފަރާތްތަކަށް ވެސް ލިބޭ ހައްގުތަކަށް ހޭލުންތެރިކުރުވުމަށް މިއަހަރު ލޭބާ ރިލޭޝަންސް އިން ހާއްސަ ސަމާލުކަމެއް ދޭނެ ކަމުގެ ޔަގީންކަން ނާފިޒް ދެއްވި އެވެ.

މުސާރައަކީ ކޮންމެ މީހަކުވެސް ވަޒީފާ އަދާކުރާ މައިގަނޑު ސަބަބުކަމުގައި ވީހިނދު، އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މީހުންނަށް ހައްގުވާ އުޖޫރައެއް ނުލިބި ދާކަމީ ވަރަށް ވެސް ސީރިއަސް މައްސަލައެކެވެ. ގާނޫނެއްގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަން، "ނޭނގެ" އޭ ފަރުޖައްސާނުލެވޭނެ އެވެ. ރަސްމީ ތަފާސް ހިސާބުތަކަށް ބަލައިލުމުން، އެހާ ގިނަ ކުންފުނިތަކުން އިތުރުގަޑި ފައިސާ އެއްވެސް ގޮތަކަށް ނުދޭ ކަން ފާހަގަވާއިރު، ރާއްޖޭގެ އެންމެ ނަން މަޝްހޫރު ކުންފުނިތައް ވެސް މިކަމަށް އިހުމާލުވެފައިވާކަމީ އެތަކެއް ސުވާލެއް އުފައްދަންޖެހޭ ކަމެކެވެ.