ކުޅިވަރު

ބާސެލޯނާ ސްޕޭނުން ވަކިވެއްޖެނަމަ މެސީ ގެއްލިދާނެ

ބާސެލޯނާ، ސްޕެއިނުން ވަކިވެ، ސްޕެނިޝް ލީގުން އެ ޓީމަށް ފުރުސަތު ގެއްލޭނަމަ، ވައިސް ކެޕްޓަން ލިއޮނަލް މެސީ، ބާސާ ދޫކޮށްލުމުގެ ފުރުސަތު އޭނާގެ ކޮންޓްރެކްޓުން ލިބިދޭ ކަމަށް ސްޕެއިންގެ ނޫސްތަކުން ބުނެފި އެވެ.

ބާސާގެ އާ ކޮންޓްރެކްޓްގައި މެސީ، ސޮއި ކުރިީ ނޮވެމްބަރު މަހު އެވެ. ކުރިން އޮތް ކޮންޓްރެކްޓް ހަމަވާން އޭރު އޮތީ ހަތް މަހެވެ. މެސީ، އާ އެއްބަސްވުމުގައި ސޮއި ކުރުމުން، ބާސާގެ ސަޕޯޓަރުންނަށް ހިތްހަމަޖެހިލައިގެން ތިބެވުނެވެ. ބާސާގެ ތާރީހްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ ޓީމުގައި މަޑު ކުރުމުންނެވެ.

ނަމަވެސް، އިއްޔަ، ސްޕެއިންގެ "އެލް މުންޑޯ" [ދުނިޔެ] ނޫހުގެ ކަވަޕޭޖްގައި އެންމެ ބޮޑު ޚަބަރަކަށް އޮތީ، ބާސެލޯނާ ސްޕެއިނުން ވަކިވެއްޖަނަ، ސްޕެނިޝް ލީގުން ބާސެލޯނާ އަށް ޖާގަ ގެއްލުމަށްފަހު ފުރީ ޓްރާންސްފާއެއްގައި އެ ޓީމު ދޫކޮށްލުމުގެ އިހްތިޔާރު މެސީ އޮންނަ ކަމަށެވެ. އެއީ ބާސެލޯނާ އާއެކު މެސީ ސޮއި ކުރި އާ އެއްބަސްވުމުގައި ހިމަނާފައި އޮތް މާއްދާއެކެވެ.

އެހެން ޓީމަކުން މެސީ ގެންދަން ބޭނުންވެއްޖެނަމަ، 700 މިލިއަން ޔޫރޯގެ ބޮޑު އަގެއް ހުށަހަޅަން ޖެހެއެވެ. ނަމަވެސް، ބާސެލޯނާއިން ކެޓަލޯނިއާގެ ދައުލަތް އުފައްދައި، ސްޕެނިޝް ލީގުން އެފްސީ ބާސެލޯނާ އަށް ޖާގަ ގެއްލިއްޖެނަމަ، ހިލޭ ޓްރާންސްފާއެއްގައި ބާސާ ދޫކޮށްލުމުގެ އިހްތިޔާރު އޭނާ އަށް އޮތުމުގެ މާއްދާ ހުށަހަޅާފައި ވަނީ މެސީގެ ފަރާތުން ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ.

އެލް މުންޑޯ ނޫހުން ބުނެފައި ވަނީ މެސީގެ ކޮންޓްރެކްޓްގައި އޮތް މާއްދާއަކީ ދުނިޔޭގެ އެންމެ ގަދަ ހަތަރު ލީގުން، ލީގެއްގައި ކުޅުމުގެ ފުރުސަތު ހޯދަން މެސީ ބޭނުންވާތީ ހިމަނާފައި އޮތް މާއްދާއެއް ކަމަށެވެ.

ނަމަވެސް "މާކާ" އިން ބުނެފައި ވަނީ، މެސީގެ އެއްބަސްވުމުގައި އެފަދަ މާއްދާއެއް އޮތް ކަމަށް ދެކެވޭ ވާހަކަ އަކީ ދޮގެއް ކަމަށް، ބާސާގެ ސީނިއާ އޮފިޝަލަކު އެ ނޫހަށް ބުނެފައިވާ ކަމަށެވެ.