ހަބަރު

ރޭޕް މައްސަލަ ފެންމަތިވުމާއެކު، އެތައް ޝުއޫރެއް!

މާލޭގެ ސްޓޫޑިއެއްގެ ތެރޭގައި ފުރާވަރުގެ އަންހެން ކުއްޖެއް ރޭޕްކުރި ކަމަށް ބުނެ އެ އަންހެން ކުއްޖާ އަޑު އުފުލުމާއެކު ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ފެށިއްޖެ އެވެ. ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރި ކުރަމުންނެވެ.

އުމުރުން 19 އަހަރުގެ އަންހެން ކުއްޖާ ކިޔައިދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގަ އެވެ. އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެމީހާ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައިވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް އެ ރޭ ދިޔުމުން ކަމަށެވެ. އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.

ދިވެހިންގެ ޝުއޫރުތައް އެންމެ ބޮޑަށް ފާޅުކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްވިޓާގައި އެކަމާ ހިތާމަކުރާ މީހުން ވަނީ ރާއްޖޭގެ ހާލަތާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދާފަ އެވެ. އަންހެން ކުދިންނަށް އޮތް ރައްކާތެރިކަމާމެދު ކަންބޮޑުވެފަ އެވެ. ރާއްޖެއަކީ ރޭޕް ކުރާ މީހުންނަށް ހިމާޔަތް ލިބޭ ތަނެއްތޯ ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

އަންހެން ކުއްޖާ ތުހުމަތުކުރާ ގޮތުގައި، އޭނާއަށް ޖިންސީ ގޯނާކޮށް އެ ހުތުރު އަމަލު ހިންގާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބޭފުޅެއްގެ ކޮއްކޮ އެވެ. -- އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އޮތް ގޮތުން އަދި އެމީހާގެ މައުލޫމާތު ހާމަ ކުރެވެން ނެތެވެ.

"ސިޔާސީ ނުފޫޒެއްގެ ދަށުން އެފަދަ މީހުންނަށް ރާއްޖޭގައި ހިމާޔަތް ލިބެނީތޯ،" ކަންބޮޑުވުމާއެކު އަންހެނަކު ބުނެފައިވެ އެވެ.

ރޭޕްކުރި ކަމުގެ ތުހުމަތުވާ މީހާއަކީ ސިޔާސީ ބޭފުޅެއްގެ އާއިލާ މީހަކަށް ވާތީ، މިކަމުގައި އޭނާއަށް ހިޔާމަތެއް ލިބިދާނެތީ ގިނަ ބަޔަކު ކަންބޮޑުވެ އެވެ. އެއީ އެފަދަ އަމަލުތައް އިތުރުވެ، އެ އަމަލުތައް ހިންގާ މީހުންނަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ސިފަކުރެ އެވެ.

ކަންބޮޑުވުން ފާޅުކުރާ މީހުން ދަނީ އަންހެން ކުއްޖާގެ ހިތްވަަށް ތައުރީފު ވެސް ކުރަމުންނެވެ. ސިޔާސީ ނުފޫޒެއް އޮވެދާނެކަން އެނގިހުރެ ވެސް އަންހެން ކުއްޖާ އެކަމާ ކުރިމަތިލާ، އޭނާގެ އަޑު އުފުލުމަކީ އެހެން އަންހެން ކުދިންނަށް ވެސް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށް ޓްވިޓާގައި މީހުން ބުނެފައިވެ އެވެ.

"މުޖުތަމައުގައި އޮތް ރޭޕް ކަލްޗާ ބަދަލު ކުރަން ވެސް ކޮންމެވެސް މީހަކު އަޑު އުފުލަން އެބަޖެހޭ، އޭނާ ކުރި ކަމުގެ އަދަބު އޭނާއަށް ލިބެން ޖެހޭނެ، އަހަރެން އަނގަ ބަންދުކޮށްގެން ނުހުންނާނަން، އޭނާ އަހަރެންގެ އިއްފަތް ފޭރިގަތީ، އަހަރެން އިންސާފު ބޭނުންވޭ، އަހަރެން މި އަޑު އުފުލަނީ މިފަދަ ކަންކަމުގައި އަނގަ ބަންދު ކޮށްފައިވާ އެހެން އަންހެން ކުދިންގެ ވެސް ހައްގުގައި، އޭނާއަކީ ސިޔާސީ ގޮތުން ނުފޫޒު އޮތް މީހެއް ނަމަވެސް ކުށެއް ކޮށްފިނަމަ ފިލައިގެން ނުދެވޭނެ،" ރޭޕްގެ ޝިކާރައަކަށްވި 19 އަހަރުގެ އަންހެން ކުއްޖާ "އަވަސް" އަށް ދިން އިންޓަވިއުގައި ބުންޏެވެ.

ސިޔާސީ އިސް ބޭފުޅެއްގެ އާއިލީ މީހަކަށް އޭނާ ވާއިރު އަންހެން ކުއްޖާގެ ބައެއް ރައްޓެހިން ވަނީ އެ ހާދިސާއަށްފަހު އޭނާއަށް ގުޅާފަ އެވެ. ރައްޓެހިން ގުޅުމުން އޭނާ ވަނީ "ހެޔޮ ރިޕޯޓް ކުރިޔަސް، ފުލުހުންނަށް މަށަކަށް ކަމެއް ނުކުރެވޭނެ،" ކަމަށް ބުނެ ކަމަށް އެ އަންހެން ކުއްޖާ ކިޔައިދިނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މީހަކާ ސުވާލު ކުރި ކަމެއް ވެސް ނޭނގެ އެވެ. މައްސަލާގައި ތުހުމަތުވާ މީހާ މިހާރު އުޅެމުން ދަނީ ފިލައިގެން ކަމަށް ވެސްވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވެސް ނިސްބަތުން ގިނަ މައްސަލަތަކެކެވެ. މިދިޔަ އަހަރު އެކަނި ވެސް ފުލުހަށް ޖިންސީ ގޯނާގެ 417 މައްސަލައެއް ހުށަހެޅި އެވެ. މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.