ބްރެޒިލް

ރިޝްވަތު ހިއްޕެވިތޯ ބަލަން ބްރެޒިލް ފުލުހުން ރައީސާ ސުވާލު ކުރަނީ

ބަނދަރުތައް ހިންގުމުގެ ގަވައިދަށް ބަދަލު ގެންނެވުމަށް ނެރުއްވި ގަރާރެއް ވަކި ގޮތަކަށް ބައްޓަން ކުރެއްވުމަށް ރިޝްވަތު ހިއްޕެވި ކަމަށް ކުރާ ތުހުމަތަކާ ގުޅިގެން ބްރެޒިލްގެ ރައީސް މިޝޭލް ޓޭމާ 50 ސުވާލަކަށް ޖަވާބު ދެއްވަން އެގައުމުގެ ފުލުހުން އެދިއްޖެއެވެ.

ބަނދަރުތަކާ ބެހޭ ގަރާރު، ރޮޑްރިމާރް އެސްއޭ ނަމަކަށް ކިޔާ ލޮޖިސްޓިކްސް ކުންފުންޏަކަށް ފައިދާވާ ގޮތަށް ބައްްޓަން ކުރައްވައި، އެކުންފުނިން ޓޭމާ ރިޝްވަތު ހިތްޕެވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ބަލަމުންނެވެ. ރޮޑްރިމާރް އެެސްއޭ އަކީ ބްރެޒިލްގެ ސަންޓޯސް ބަނދަރު ހިންގާ ކުންފުންޏެވެ. އެބަނދަރަކީ ލެޓިން އެމެރިކާގައިވާ އެންމެ ކާރޫބާރޫ ބޮޑު ކޮންޓެއިނާ ބަނދަރެވެ.

މިދިޔަ 2017 ވަނަ އަހަރުގެ މޭމަހު ޓޭމާ ނެރުއްވި ގަރާރުގައި ގެންނަވާފައިވާ ބަދަލަކީ ބަނދަރުތައް ހިންގުން އެއްކުންފުނިން އަނެއް ކުންފުންޏަށް ބަދަލުވާ ހާލަތުގައި ލިބޭ ކޮންސެޝަން މުއްދަތު އިތުރު ކުރެއްވުމެވެ. އެކަމުން ފައިދާ ވާނީ ބަނދަރުތައް މިހާރު ހިންގާ ކުންފުނި ތަކަށެވެ.

ބްެރެޒިލް ފުލުހުން މިހާރު ފަށައިގެން އުޅޭ ތަހުގީގަކީ އެގައުމުގެ ސަރުކާރުގެ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ބަލަން ހިންގަމުން އަންނަ ސިލްސިލާ ތަހުގީގުތަކަށް އިތުރުވި ބޮޅެކެވެ. އެ ތަހުގީގުތަކުގެ ސަބަބުން ޓޭމާގެ ސަރުކާރަށް ބޮޑެތި މައްސަލަަތައް ކުރިމަތިވިއެވެ. ނަމަވެސް ބްރެޒިލްގެ ޕާލަމެންޓްގައި އޮތް އަޣުލަބިއްޔަތު ބޭނުންކުރައްވައިގެން ޓޭމާ ވަނީ ގިނަ ތުހުމަތުތަކަުން ރެކިވަޑައިގެންފައެވެ.

ޓޭމާގެ ވަކީލު އެންޓޯނިއޯ މާރީޒް ހުކުރު ދުވަހު ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ޖަވާބު ދެއްވަން ގާނޫނީ ގޮތުންް ލާޒިމު ނޫނަސް ފުލުހުންގެ ސުވާލުތަކަށް ޓޭމާ ޖަވާބު ދެއްވާނެ ކަމަށެވެ. ނަމަވެސް ޓޭމާއަށް ފުލުހުން ފޮނުވާފައިވާ ސުވާލުތަކުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ.