ދުނިޔެ

ބްރެޒިލްގެ ކުރީގެ ރައީސް މިނިވަންކުރި ހުކުމް ގާނޫނީ ބަހުސަކަށް

Jul 9, 2018

ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާއަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިނުއާފު މަރުހަލާ ނިމެންދެން އޭނާ ޖަލުން މިނިވަން ކުރަން ހުކުމް ކުރި ނަމަވެސް، އެ ހުކުމާއި ގުޅިގެން ފަނޑިޔާރުންގެ މެދުގައި ހިޔާލުތަފާތުވެ، އޭނާ މި ވަގުތަށް ޖަލުގައި ބަހައްޓަން ނިންމައިފި އެވެ.

އިސްތިނުއާފު މަރުހަލާ ނިމެންދެން ލޫލާ ޖަލުން މިނިވަން ކުރަންޖެހޭ ކަމަށް ކަނޑައެޅީ ވަގުތީ ފަނޑިޔާރެއް ކަމަށްވެ އެވެ. ނަމަވެސް، އެފަދަ ހުކުމެއް ކުރުމުގެ އެއްވެސް ބާރެއް ވަގުތީ ފަނޑިޔާރަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ބްރެޒިލްގެ ފެޑަރަލް ކޯޓުގެ ފަނޑިޔާރު ވަނީ އެ ހުކުމް ތަންފީޒު ނުކޮށް މަޑު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފަ އެވެ.

އުމުރުން މިހާރު 72 އަހަރު ވެފައިވާ ދަސިލްވާ އަކީ 2003 ވަނަ އަހަރުންް ފެށިގެން 2011 ވަަނަ އަހަރާ ހަމައަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ލޫލާގެ މައްޗަށް ސާބިތުވީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބަސް އިން ކޮންޓްރެކްޓެއް ހޯދުމަށް އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުންޏެއް ކަަމަށްވާ އޯއޭއެސްއަށް އެހީތެރިވެދީ އޭގެ ބަދަލުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއް ހޯއްދެވި ކަމުގެ ކުށެވެ.

ޖަލުގައި ހުންނެވި ނަމަވެސް، ރައްޔިތުންގެ މެދުގައި އަދިވެސް ލޫލާ ވަރަށް މަގުބޫލުކަމަށްވެ އެވެ. ޖަލު ހުކުމް އިއްވުމުގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު ބޭއްވުނު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ލޫލާ ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭރުގެ ޕޯލްތަކުން ދެއްކި އެވެ.