އަހުމަދު ނިހާން ހުސައިން މަނިކު

މީހާއަށް ނުބަލައި ރޭޕްގެ މައްސަލަ ބަލައި އަދަބުދީ: ނިހާން

މާލޭގެ ސްޓޫޑިއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖެއް ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި ކޮންމެ މީހަކު ބައިވެރިވި ނަމަވެސް، އެ މީހަކަށް އަދަބު ދިނުމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ގޮވާލައްވައިފި އެވެ.

އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖާ މާލޭގެ ސްޓޫޑިއޯއެއްގައި ރޭޕްކޮށްލާފައިވަނީ އޭނާ ބުނާ ގޮތުން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭގަ އެވެ. އަންހެން ކުއްޖާ ތުހުމަތުކުރާ ގޮތުގައި، އޭނާއަށް ޖިންސީ ގޯނާކޮށް ހުތުރު އެ އަމަލު ހިންގާފައިވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ބޭފުޅެއްގެ ކޮއްކޮ އެވެ. -- އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އޮތް ގޮތުން އަދި އެމީހާގެ މައުލޫމާތު ހާމަ ކުރެވެން ނެތެވެ.

ނަމަވެސް އެކަމާ ގުޅިގެން ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޭޕް އަމަލުގައި ބައިވެރިވީ ކޮންމެ މީހެއް ކަމުގައިވީ ނަމަވެސް އެ މީހަކު މިހާރުން މިހާރަށް ހައްޔަރުކޮށް، ތަހުގީގު ކުރުމަށް ފަހު ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލައްވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން މާބޮޑު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މީހަކާ ސުވާލު ކުރި ކަމެއް ވެސް ނޭނގެ އެވެ. މައްސަލާގައި ތުހުމަތުވާ މީހާ މިހާރު އުޅެމުން ދަނީ ފިލައިގެން ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވެސް ނިސްބަތުން ގިނަ މައްސަލަތަކެކެވެ. މިދިޔަ އަހަރު އެކަނި ވެސް ފުލުހަށް ޖިންސީ ގޯނާގެ 417 މައްސަލައެއް ހުށަހެޅި އެވެ. މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.