ބޮލީވުޑް

ނޭޕާލަށް އެހީއެއް ނުވަން: ސަލްމާން

May 4, 2015

ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން އަކީ އެކްޓަރެއްގެ އިތުރުން އިންސާނިއްޔަތަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރާ މީހެއްގެ ގޮތުގައި ވެސް މަޝްހޫރު މީހެކެވެ.

އެގޮތުން ފަގީރުންނަށް އެހީވުމުގެ ގޮތުން ސަލްމާން އަންނަނީ "ބީން ހިއުމަން" ނަމުގައި 2007 ވަނަ އަހަރުން ފެށިގެން ފައުންޑޭޝަނެއް ހަދައިގެން ގިނަ ފަރާތްތަކަކަށް އެހީވަމުންނެވެ.

އެކަމަކު މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ރެކްޓަ މިންގަނޑުން 7.8ގެ ބާރުމިނުގައި ނޭޕާލަށް އައި ބިންހެލުމުގައި 7000 އަށް ވުރެ ގިނަމީހުން މަރުވެ އެތަކެއް ހާސްބަޔަކު ޒަހަމްވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ފައިސާ ހަދިޔާކުރާކަމަށް ދެކެވޭ ވާހަކަތައް ސަލްމާން ވަނީ ދޮގުކޮށްފަ އެވެ.

ސަލްމާން، 49، ވަނީ އޭނާ ނޭޕާލަށް އެހީވުމުގެ ގޮތުން ފައިސާ ހަދިޔާކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއްކަން އޭނާގެ ފޭސްބުކް ޕޭޖްގައި ލިޔެފަ އެވެ. އަދި އޭނާގެ އޯގަނައިޒޭޝަން އަކީ ހަމައެކަނި އިންޑިއާގެ މީހުންނަށް އެހީވުމަށް ހުޅުވާފައިވާ އެންޖީއޯ އެއް ކަމަށް ވެސް ބުނެފައިވެ އެވެ.

"އެއީ ހުސް ދޮގު ވާހަކަތަކެއް. ބީންގް ހިއުމަން އަކީ އިންޑިއާގައި އެކަނި މަސައްކަތްކުރާ ޖަމާއަތެއް" ސަލްމާން ލިޔެފައިވެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އަކްޝޭ ކުމާރުގެ އެންމެ ފަހުގެ ފިލްމު "ގައްބަރް އިޒް ބެކް" ރިލީޒްކުރާ ދުވަހު ލިބޭ ފައިސާ ނޭޕާލަށް ހަދިޔާކުރަން ނިންމާފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރިފަ އެވެ. ނަމަވެސް އަކްޝޭ ވަނީ އެ ވާހަކަތައްވެސް ދޮގުކޮށްފަ އެވެ.

ނޭޕާލަށް އެހީވުމަށްޓަކައި ބޮލީވުޑްގެ ގިނަތަރިންތަކެއް އަންނަނީ ގޮވާލަމުންނެވެ. އޭގެތެރޭގައި އަމީތާބް ބައްޗަން އާއި އާމިރް ޚާން ފަދަ ތަރިން ހިމެނެ އެވެ.