ރިޕޯޓް

އަދީބު ބޭސް ފަރުވާއަށް ސަލާން ޖެހުމުގައި!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ތަފާތު ދަނޑިވަޅުތަކުގައި ދެކެވޭއިރު، އޭނާ މިދިޔަ ބުރާސްފަތި ޖަލުން ޝަރީއަތަށް މާލެ ވަޑައިގަތުމާއެކު އާންމުވި އޭނާގެ ފޮޓޯތަކާ ގުޅިގެން ކަންބޮޑުވުންތަކެއް ވަނީ އިތުރުވެފަ އެވެ. އަދީބުގެ އާއިލާއިންނާއި ވަކީލުން އޭނާގެ ސިއްހީ ހާލަތު ދަށަށް ދާ ކަމަށް ބުނެ ދައްކަމުން ދިޔަ ވާހަކަތައް އަޅާކިޔައިލަން އެ ދުވަހު ފެނިގެން ދިޔަ އެވެ.

އަދީބު ބުރާސްފަތި އޮތް ކޯޓް އަޑުއެހުމަށް މާލެ ގެނައިއިރު އޭނާގެ ބޯ ހުރީ ވަރަށް ތުނިކޮށް ކޮށާފަ އެވެ. އޭގެ އިތުރަށް އަދީބުގެ ލޯ ވަރަށް ބޮޑަށް ވަޅުޖެހިފައިވެ އެވެ. އޭނާ ވަކީލް މޫސާ ސިރާޖު ވިދާޅުވާ ގޮތުގައި، އެއީ އަދީބަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކާތެރި ބައްޔެއް ކަމަށްވާ، ގުލައުކޯމާގެ ސަބަބުން ބޭރަށް ފެންނަން ހުރި އަލާމާތެކެވެ. އޭގެ ސަބަބުން އޭނާގެ ލޮލުގެ ފެނުން ވެސް ވަނީ ފުސްވެފަ އެވެ. އޭނާގެ އަނބިކަނބަލުން ވަނީ އައިނުގެ ނަންބަރު މަތިވިކަމަށް ވެސް ވިދާޅުވެފަ އެވެ.

ދެއްކި ވާހަކަތަކުގެ ކޮންމެވެސް ހަގީގަތެއް ފޮޓޯއިން ހާމަވެ އެވެ. އެކަމަކު، އަދީބަށް ބޭސް ފަރުވާގެ ފުރުސަތެއް އަދިވެސް ނެތެވެ. އަދީބަށް ލޮލުގެ ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ދިމާވެފައިވާކަން އެއީ ޑޮކްޓަރުން ލިޔުމުން އަންގާފައިވާ ކަންކަމެވެ. ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާއިރު، ކެންސަރުގެ ބިރު ވެސް އަދީބަށް އެބަ އޮތެވެ. ކެންސަރުގެ ހިސްޓްރީއެއް އަދީބުގެ އާއިލާގައި އޮތްއިރު އޭނާގެ ކިޑްނީގައި ވަނީ ހިލަ އުފެދިފަ އެވެ. ސިސްޓެއް ވެސް އުފެދިފައިވެ އެވެ. އެ ކެންސަރަށް ވެދާނެ ކަމުގެ ބިރު އާއިލާއަށް ވެސް ޑޮކްޓަރުންނަށް ވެސް އެބަ އޮތެވެ. އެކަމަކު ފަރުވާއެއް ނެތެވެ. ރާއްޖެއިން އިތުރަށް ފަރުވާ ނެތުމުން ބޭނުން ވަނީ ބޭރަށް ގެންގޮސް ފަރުވާ ކުރުމަށެވެ.

އަދީބަކީ ގިނަ ތުހުމަތުތަކެއް ކުރެވޭ އަދި ބައެއް ކުށް ސާބިތުވެފައިވާ ކުށްވެރިއެކެވެ. ގިނަ މައްސަލަތަކެއްގެ ޝަރީއަތް އަދިވެސް ދަނީ ކުރިއަށެވެ. ހިޔާނާތްވި ކަމަށް ބުނާ ގިނަ ފައިސާތަކެއް ވެސް ވަނީ ނުލިބި އެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ އާއި ރާއްޖެއިން ބައިވެރިވެފައިވާ ގިނަ މުއާހަދާތަކުގައި ވެސް ބޭސް ފަރުވާގެ ހައްގަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެކެވެ.

ކުށްވެރިން ބަލަހައްޓާ އިދާރާތަކުން ތަބާވާންޖެހޭ، ޕެރޯލް ގާނޫނުގައިވާ ގޮތުން، ގައިދީންނާމެދު އަމަލު ކުރަން ޖެހޭނީ އިހްތިރާމާއެކު އިންސާނުންނާ މުއާމަލާތް ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. ގާނޫނުއަސާސީގެ އެއްވެސް ހައްގަކުން ނުވަތަ މިނިވަންކަމަކުން މަހްރޫމު ކުރެވޭނީ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ. ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށް އެހީތެރިވާންޖެހެ އެވެ. އަދި، އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލުތައް ހިންގުން އެ ގާނޫނުގައި މަނާކުރެ އެވެ.

"ގާނޫނުތަކުގައިވާ އެއްޗެއް ވަރަށް ސާފު، ސިއްހީ ފަރުވާއަކީ ހައްގެއް، އެ ހައްގެއް ހަންޏެއް ނުކުރެވޭނެ، އެއީ ދައުލަތުގެ އިދާރާތަކަށް އޮތް ހައްގެއް ނޫން، ހައްގެއް ހަނި ކުރެވޭނެ ގޮތްތައް ވެސް ގާނޫނު އަސާސީގައި އެވަނީ، އެއާ ހިލާފުވާނަމަ އިދާރާތަކުގެ ވެރިން ވެސް އެ ކުރަނީ ކުށެއް،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

އަދީބަށް ބޭސް ފަރުވާ ނުލިބި، "ސަލާން ޖަހަމުން" ދުވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އެކަމުގައި އަލި މަގެއް ނުފެނުމުން ސިވިލް ކޯޓަށް މައްސަލަ ވެސް ވައްދާފަ އެވެ. އެވަރުން ވެސް ދައުލަތުން އެދެނީ އެ މައްސަލަ ބޭރު ކުރުމަށެވެ. އަދީބުގެ ވަކީލް މޫސާ ސިރާޖު، "ބަންޑާރަ ނައިބު ފޮތް ނުކިޔުއްވާ ކަމަށް" ވިދާޅުވަނީ އެހެންވެ އެވެ.

ސިރާޖު ދެކެވަޑައިގަންނަވާ ގޮތުގައި އަދީބަށް މިހާރު ދިމާވެފައިވާ ސިއްހީ ހާލަތަކީ އޭނާއަށް ކޮންމެހެން ފަރުވާ މަޖުބޫރުވާ ހާލަތެކެވެ. އެފަދަ ހާލަތްތަކުގައި އެންމެ ނުރައްކާތެރި، މަތީ ފެންވަރުގެ ކުށްވެރިންނާމެދު ވެސް ކަންތައް ކުރަންޖެހޭ ގޮތް ވަނީ ލިޔެވިފަ އެވެ.

ސަރުކާރުން އަދީބު ބޭސް ފަރުވާއަށް ބޭރަށް ނުފޮނުވަން އުޅޭ މައިގަނޑު ސަބަބީ އޭނާ ބޭރުގައި ފިއްލަވާފާނެތީ އެވެ. އެގޮތަށް ބައެއް ސިޔާސީ ބޭފުޅުން އަމަލު ކުރައްވާފައިވެސް ވެއެވެ. އެކަމަކު ވެސް ބޭސް ފަރުވާއަށް ހުރަސް އެޅޭނެ ގޮތެއް ނެތެވެ. ކޮންމެހެން ކުރަންޖެހޭ ބޭސް ފަރުވާއަކަށް ނަމަ ދައުލަތަށް ފިލުމުގެ ރިކޯޑް އޮންނަ މީހާ ވެސް ފޮނުވަން ގަވައިދުތައް ލާޒިމްކުރެ އެވެ.

ކަރެކްޝަނަލް ސާވިސްއިން އަމަލު ކުރަންޖެހޭ، ވަގުތީ ގޮތުން ގައިދީން ދޫކުރުމާބެހޭ ގަވައިދުގެ ހަތްވަނަ މާއްދާގައިވެ އެވެ؛ ގައިދީއަކަށް ކޮންމެހެން ބޭނުންވާ ސިއްހީ ފަރުވާއެއް ލިބިދިނުމަށް ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭ ގައިދީންނާއި ޖަލުން ފިލިކަމުގެ ރެކޯޑެއް އޮތް ގައިދީން ވެސް ދޫކުރެވޭނެ އެވެ.

ގަވައިދުގައި އެހެން އޮތްއިރު، އަދީބަކީ ޖަލުން ފިއްލެވުމުގެ އެއްވެސް ރެކޯޑެއް އޮތް ގައިދީއެއް ނޫނެވެ. އޭނާއަކީ ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖައިގައި ތިބޭ ގައިދީއެއް ވެސް ނޫނެވެ. އެފަދަ ގައިދީންނަށް ވެސް ކޮންމެހެން ބޭނުންވާ ފަރުވާއަށް ހުރަސް އެޅުން މަނާކޮށްފައިވާއިރު އަދީބަށް މިހާރު ކުރިމަތި ކުރުވާ ހުރަސްތަކަކީ ގާނޫނާ ހިލާފު ހުރަސްތަކެއްގެ ގޮތުގައި ގާނޫނީ ބޭފުޅުން ސިފަ ކުރައްވަނީ މި ސަބަބާ ހުރެ އެވެ.

އަދީބު ފިއްލަވާފާނެ ކަމަށާއި ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ނޫނީ، ބޭރަށް ނުދެވޭނެ ކަމަށް ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު ވިދާޅުވީ، އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާތައް އަދީބު އަނބުރާ ދައްކަވަންޖެހޭނެ ކަމަށެވެ. އޭރަށް ބޭރަށް ވެސް ފޮނުވާނެ ކަމަށެވެ. އެކަމަކު ރައީސް މި ވާހަކައަކީ އެއްވެސް ގާނޫނަކަށް ފެއްތޭނެ ވާހަކައެއްގެ ގޮތުގައި ގާނޫނީ ބޭފުޅުން ނުދެކެ އެވެ.

"ސަރުކާރުން މި ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހުއޭ، އެހެންވިއްޔާ އެކަމަށް ދައުވާ ކުރޭ އެހެން ބުނެގެން އެކަން ވާކަށް ނެތް، ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ސަރުކާރަށް ވެސް މީހުންނަށް ކަންކަމެއް ނޭނގޭނެ،" ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާތަނަށް އަދީބުގެ މައްޗަށް ފައިސާތަކެއް ދެއްކުމަށް އެއްވެސް ހުކުމެއް ކޮށްފައެއް ނުވެ އެވެ. އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލާގައި އަދީބުގެ މައްޗަށް ޖިނާއީ ދައުވާތަކެއް ސާބިތުވެ މިހާރު ވެސް އިތުރު ދައުވާތަކެއް ހިންގަ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއްގައި މަދަނީ ދައުވާއެއް ނުކުރެ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ހިޔާނާތުގެ ފައިސާ ހޯދާނީ ވަކިން މަދަނީ ދައުވާ ކޮށްގެން ކަމަށް އެ ވަކީލް ވިދާޅުވެ އެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ މީހުން ބޭރަށް ނުފޮނުވާތާ ތޯ އެއީ ވެސް ކޮށްލަންޖެހޭ ސުވާލެކެވެ. ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ނޫނީ، ބޭރަށް ބޭސް ފަރުވާއަށް ވެސް ނުދެވޭ އުސޫލު ގާނޫނާ ހިލާފަށް ނަމަވެސް ސަރުކާރުން ގެންގުޅޭނަމަ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭރަށް ފަރުވާއަށް ނުފޮނުވާނެ ކަމަށް ކުރިން ވެސް ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމްގެ ކުންފުނިތަކުން އެތައް މިލިއަން ރުފިޔާއެއް ހޯދުމަށް މީރާއިން ދައުވާކޮށް އެ މައްސަލަތަކުގެ ޝަރީއަތް ވެސް ދަނީ ހިނގަމުންނެވެ. ވަކީލުން ވިދާޅުވާ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއް ހުރިނަމަ ބޭސް ފަރުވާއަށް ފޮނުވުމަކީ ނުވާނެ ކަމެއް ނަމަ ގާސިމް އިބްރާހިމް، ބޭރަށް ފޮނުވުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ނުނެރޭނެ އެވެ. ގާސިމް ދައްކަންޖެހޭ ފައިސާތަކަކީ ދައްކަންޖެހޭ ފައިސާތަކެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ހުކުމެއް ނުކުރެ އެވެ. އެކަމަކު އަދީބަށް މިފަދަ އެއްވެސް ދައުވާއެއް ވެސް ނެތެވެ.

އަދީބުގެ ބޭސް ފަރުވާގެ އަޑު ގަދަވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން ގާނޫނާއި ގަވައިދުތަކުގައި ލިޔެފައިވާ ބައެއް ފޮޅުވަތްތައް ސަރުކާރާއި މުއައްސަސާތަކުން ނުފެންނަ ކަމަށް ހަދަމުންދާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.