ކުޅިވަރު

ކުޓީނިއޯ އެންމެ ފަހުން ބާސާ އަށް

ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި، ލިވަޕޫލް ދޫކޮށް، ފިލިޕޭ ކުޓީނިއޯ ބާސެލޯނާއަށް ބަދަލު ވެއްޖެ އެވެ.

އޭނާގެ ޓްރާންސްފާގެ ފީގެ ގޮތުގައި 160 މިލިއަން ޔޫރޯ ލިވަޕޫލަށް ދިނުމަށް، ބާސާއިން ވަނީ އެއްބަސްވެފަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ހުރީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި، ބާސެލޯނާ ދޫކޮށް، ޕީއެސްޖީ އަށް ބަދަލުވި ނޭމާ އެވެ. އޭނާ ޕީއެސްޖީއަށް ބަދަލުވީ 220 މިލިއަން ޔޫރޯ އަށެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ މެދުތެރޭގައިވެސް، މޮޅު ކުޅުމެއް ދައްކަމުން އަންނަ، ކުޓީނިއޯ ގެންދަން، މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައިވެސް، ބާސައިން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު ބާސާއިން ހުށަހެޅި އަގު ކުޑަ ކަމަށް ބުނެ، ލިވަޕޫލުން އޭނާ ދޫކޮށްލަން އެއްބަހެއް ނުވި އެވެ.

ބާސާގެ މެޑިކަލް ފުރިހަމަ ކުރުމަށްޓަކައި، ކުޓީނިއޯ ވަނީ އިއްޔަ ސްޕެއިންއަށް ގޮސްފަ އެވެ. ސްޕެއިންގެ މާކާއިން ބުނެފައި ވަނީ، ބާސެލޯނާއާ އެކު، ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގައި، ކުޓީނިއޯ ސޮއި ކޮށްފައިވާ ކަމަށެވެ.

ކުޓީނިއޯ ބާސާ އަށް ސޮއިކޮށް، އެޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓްރީ ކުރި ނަމަވެސް، މި ސީޒަންގެ ޗެމްޕިއަންސް ލީގް އޭނާ އަށް ނުކުޅެވޭނެ އެވެ. އެއީ ޗެމްޕިއަންސް ލީގަށް ލިވަޕޫލުގެ ކުޅުންތެރިޔެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ވުނުންނެވެ.

ކުޓީނިއޯގެ ވަނީ 2008 ވަނަ އަހަރު އިންޓަމިލާން އަށް ބަދަލުވެފަ އެވެ. ނަމަވެސް، ލޯން އުސޫލުން 2010 ވަނަ އަހަރާ ހަމަޔަށް އޭނާ ކުޅުނީ އޭނާގެ ފުރަތަމަ ކުލަބު ބްރެޒިލްގެ ވެސްކޯ ޑަ ގަމާ އަށެވެ. އޭގެފަހުން ސްޕެއިންގެ އެސަޕަނޯލްއަށް ވެސް ލޯން އުސޫލުން ކުޅުނެވެ. ލިވަޕޫލުން އޭނާ ގަތީ 2013 ވަނަ އަހަރު އެވެ.