ވާހަކަ

މިންނުގެ ޑައިރީ

(4 ޖެނުއަރީ 2018 އާ ގުޅޭ) -- "ބައްޕާ،! އެބަ ވިސްނަން ހަފިއްތަ ގާތަށް ދާން" ޒޭން ބުނެލިއެވެ. ޒޭންގެ ބުނިއެއްޗެއް އަޑުއިވުމާއިއެކު ހައިކަލްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަނގަޔަށް ދިމާކޮށްލި ސަމްސާ ވެސް ތިރިކޮށްލާ ތަށީގައި ބޭއްވިއެވެ. ހައިފާ ނަންވެސް އިވޭކަށް ހައިކަލް ނޭދެއެވެ. އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. އޭރު ދެބުމަ ކައިރިވެ ނިތަށް ރޫޖެހިއްޖެއެވެ.

ހައިކަލްގެ މޫނުމަތިން ފާޅުވެގެންދިޔަ އިންތިހާ ދަރަޖައިގެ ނުރުހުމުގެ އަސަރުތަކުން ޒޭނަށް ލިބުނީ ހައިރާންކަމެވެ. ބައްޕަ ނުރުހޭކަމެއް ކުރުމުގެ ނިޔަތްނެތް ނަމަވެސް ހިތާއި ސިކުނޑީގައި ސުވާލުތަކެއް އުފެދުނެވެ. އެ ސުވާލުތަކަށް އަމިއްލައަށް ޖަވާބު ދެވޭތޯ ޒޭން މަސައްކަތް ކުރިއެވެ. ހަފިއްތައަކީ އޭނާގެ މަންމައާ އެހާ ގުޅޭ މީހެއްނޫންކަން ޑައިރީގެ ސަބަބުން ޒޭނަށް އޮތީ އެނގިފައެވެ. ހައިކަލް ރުޅި އަންނަނީ އެހެންވެކަމަށްވުން އެކަށީގެންވާކަމުގައި ޒޭން ހީކުރިއެވެ. އެވަރުން އޭނާ ހިތްހަމަޖައްސާލަން ބޭނުމެއްނުވިއެވެ.

"ހަފިއްތައަކީ ވެސް މަންމަގެ ފެމެލީ. އެއީ ކޮންކަހަލަ މީހެއްކަން މަންމަގެ ޑައިރީއިން ކޮންމެވެސް ވަރަކަށް އެނގުނު. އެކަމަކު ދިމާކުރިމަތިން ބައްދަލުކުރުމުން މީހާގެ ގޮތް އެނގެން ފަސޭހަވާނެއެއްނު" ޒޭންގެ ވާހަކައާ ހައިކަލް ޤަބޫލުވާގޮތެއްނުވިއެވެ.

"އެއީ މީހަކު ބައްދަލުކުރާވަރުގެ މީހެއްނޫން. ބައެއް މީހުންގެ ގޮތެއް ނޭނގޭނެ އެކުގައި އުމުރު ދުވަހު އުޅުނުކަމުގައި ވިޔަސް. އެއްލޭ ހިނގިޔަސް ކޮންމެ މީހަކީ ޢާއިލާގެ މެންބަރެއްކަށްނުވެ ހިނގައިދާނެ"

"އެކަމަކު ބައްޕާ! އެންމެ ފަހަރަކު މީޓުކޮށްލާށޭ" ޒޭން އާދޭހުގެ ރާގެއްގައި ބުންޏެވެ.

"ދެޓްސް އިނަފް ޒޭން! ބައްޕަ ނޫނެކޭ މިބުނަނީ ރަނގަޅު ސަބަބެއް އޮވެގެންކަމުގައި ޤަބޫލުކޮށްބަލަ. ދެން އިތުރަށް އޭނާގެ ވާހަކަ ނުދައްކާތި. އެއްފަހަރު ވެސް އޭނާގެ ކުރިމައްޗަށް ޒޭން އަރާކަށް ބައްޕަ އެއްގޮތަކަށް ވެސް ޤަބޫލެއްނޫން. އަޑު އިވިއްޖެތަ؟" ހައިކަލްގެ އަޑުގައިވި ހަރުކަށިކަން ޒޭން ހިމޭންކުރުވިއެވެ. އިތުރަށް ބައްޕައާ ޖަދަލުކުރަން އޭނާ ވެސް ބޭނުން ނުވީއެވެ. އެހެންވެ ހައިކަލް ބުނި އެއްޗެއް އިވުނުކަމުގެ ޔަގީންކަން ދިނުމަށް މަޑުމަޑުން ބޯޖަހާލީއެވެ.

ދެބަފައިން އިތުރު ވާހަކައެއް ނުދައްކާ ކެއުން ކުރިއަށް ގެންދިޔައެވެ. ހައިކަލްގެ މޫނުމަތިން އޭރު ވެސް ފެންނަނީ މާޔޫސްކަމެވެ. ހައިފާއާ ބައްދަލުކުރަން ހުރަސްއަޅާ ސަބަބަކީ ކޮބާކަން އެނގެން ޒޭން ބޭނުމެވެ. އެހެންވިޔަސް ހައިކަލް އެހާ ހިތްހަމަނުޖެހިފައި އިނުމުން އިތުރަށް އެ ވާހަކަ ކުރިއަށް ގެންދެވެން ނެތީއެވެ. ޒޭންގެ ހިތުގައި ހައިފާއާ ބައްދަލުކުރުމުގެ ޝައުގުވެރިކަންވީ އިތުރެވެ. ހަޤީޤަތުގައި ވެސް މީހުން ފޫހިވާ ފަދަ ސިފައެއް ހައިފާގެ ހުރީތޯ ބަލަން ޒޭން ބޭނުންވަނީއެވެ.

އަޒާން އޮފީހަށް ނުދާކަން ޔާނާއަށް އެނގުނީ ޑިއުޓީ ނިންމާފައި ހަވީރު ގެއަށް އައިމައެވެ. އޭނާ ޑިއުޓީއަށްދާން ހެނދުނު ނުކުތްއިރު އަޒާން ހުރީ އޮފީސް ހެދުމުގައެވެ. ކުއްލިއަކަށް އަޒާންގެ ޠަބީޢަތް ގޯސްވާންވީ ސަބަބެއް ޔާނާއަކަށް ނުވިސްނުނެވެ. ޝަމްލާ ވެސް އިނީ އަޒާންގެ ސަބަބުން ކަންބޮޑުވެފައިކަން ޔާނާއަށް އެނގުމުން ބައްޕަގެ ގާތަށް އޭނާ އައެވެ.

ކޮޓަރީގެ ދޮރުހުޅުވާލާ އަޒާންއަށް ޔާނާ ގޮވާލި އަޑު އިވުމުން އެނދުގައި އޮވެފައި ބޯހިއްލާލިއެވެ. އަދި ހިނިތުންވުމެއް ދީފައި ފާޚާނާއަށް ވަދެލާފައި އެބަ ނުކުންނަން ކަމުގައި އަޒާން ބުންޏެވެ. އެހެންވެ ޔާނާ އައިސް ވަނީ ބަދިގެއަށެވެ. އޭރު ކާމޭޒުދޮށުގައި ޝަމްލާ ހަރަކާތްތެރިވަމުން ދިޔައެވެ. ޔާނާ އައިސް މޭޒުދޮށުގައި އިށީނދެ ގިނައިރެއް ނުވެ އެތަނަށް އަޒާން އައިސް ވަނެވެ.

"ހެނދުނު ދަމުން ޔާނާ ދިޔައީ ހޫނު މަސްރޮށި ކާހިތްވާ ވާހަކަދައްކާފަ. އެހެންވެ މިއަދު މަސްރޮށީ ހެދީ" ޝަމްލާ ސައިބޯން ހުރި އެއްޗެއް އަޒާނަށް އޮޅުންފިލުވާދިނެވެ.

އަޒާން އިށީނުމާއެކު ޔާނާ ސުވާލުކުރަން ފެށިއެވެ. އަޒާން ބަލިނަމަ އަވަހަށް ޑަކްޓަރަށް ދާން ޔާނާ އެދުނެވެ. އަޒާން ހީނލާފައި ވާހަކައިން ހަމަޖައްސާލިއެވެ. އޭނާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ޔާނާއަށް ޔަގީންވީ އަޒާން ކޮންމެވެސް ކަމެއް ފޮރުވާނީ ކަމުގައެވެ. އެ ވިސްނުމުގައި އިންދާ އަޒާން ވާހަކަދެއްކިއެވެ.

"މިއަދު ހެނދުނު ޔާނާ އޮފީހަށް ދިޔައީ ކާކާއެއްކޮށް؟" އަޒާން ސުވާލުކުރިއެވެ.

"ޒޭންއާއެއްކޮށް. އަޅުގަނޑު ބުނިން ބައްޕަ ގާތުގައި ޒޭން ބަލާ އަންނާނެ ވާހަކަ" ހައިރާންވެފައި އިންކަން ދައްކަމުން ޔާނާ ބުނެލިއެވެ. އަޒާނަށް ޒޭން އައި ރަތްކާރު ފެނުނީކަން ޔާނާއަށް ޔަގީންވިއެވެ. އޭނާގެ ސުވާލުތައް އަމާޒު އެ ކުރަނީ އެ ރަތްކާރަކީ ކާކުގެ ކާރެއްތޯ އޮޅުން ފިލުވަންކަން ޔާނާއަށް ވަގުތުން އެނގިއްޖެއެވެ.

"ޒޭންތަ ދުއްވަން އިނީ؟" އަޒާން އަހާލިއެވެ.

"ބައްޕާ! އެއީ ޒޭންގެ ކާރެކޭ... އޭނަގެ ކާރެއް އޭނާއެއްނު ދުއްވާނީ" ޔާނާ ޖަވާބުދިނީ މާބޮޑުކަމަކަށް ނުހަދައެވެ.

"ބައްޕަމެންނާ ބައްދަލުކޮށްދޭން ކޮންއިރަކުން ޒޭން ގެންނާނީ" އެ ރަތްކާރުގެ ޝައުގުވެރިކަމުގައި ޒޭންއާ ބައްދަލުކުރާން އަޒާން ބޭނުންވިއެވެ. ހަމައެއާއެކު އޭނާގެ ސިކުނޑި ވިސްނައިދިނީ އެއްވައްތަރުގެ ކާރު މާލޭގައި ގެންގުޅެދާނޭކަމެވެ. އެހެންވީމާ ޔާނާއާ ކުރާ ސުވާލެއް ކުރާންވާނީ ނިކަން ވިސްނާފައިކަމެވެ. ކުރެވޭ އެންމެ ސުވާލެއްގެ ސަބަބުން އޭނާ ސިއްރުކުރަމުން އަންނަ މާޒީ ނިއުޅިގެން ހިނގައިދާނޭތީއެވެ.

"ބައްޕަ ޑޭޓެއް ބުނޭ. އަޅުގަނޑު ބުނާނަން ޒޭން ގާތުގައި. ދޯ މަންމާ" ޒޭންއާއި އަޒާން ބައްދަލުވާނޭކަން އެނގޭތީ ޔާނާ ނިކަން ބޮޑަށް ހިނިތުންވެލިއެވެ. އޭނާ އުންމީދުކޮށްގެން ހުރި ކަންތައްވާން އެ އުޅެނީ ހީކުރި ވަރަށްވުރެ ވެސް އަވަހަށެވެ.

މީގެ ކުރީން ޒޭންއަކީ ކާކުކަން ސިއްރުކުރާން މަސައްކަތްކުރި ޔާނާ އެހާ ފަސޭހައިން ޒޭންއާއި އަޒާން ބައްދަލުކުރާން އެއްބަސްވުމުން އެކަމުގައި ނުބައެއް އުޅޭކަމުގައި އަޒާންގެ ޟަމީރު ބުނެލިއެވެ. އެއާއެކު އަނެއްކާ ވެސް މިލްނާގެ ޚިޔާލު ސިކުނޑިއަށް އުނދަގޫ ކުރިއެވެ. ބޭއިޚްތިޔާރުގައި ނިތްކުރީގައި ކަނާއަތް ހިންގާލެވުނީ މިލްނާގެ ޚިޔާލުގެ ސަބަބުން ބޮލުގައި ރިއްސާލީމައެވެ.

"ޒޭންގެ މަންމައާއި ބައްޕަ އުޅެނީ މިކޮޅުގަތަ؟ މާލޭ ބައެއްތަ؟"

ޒޭންގެ ޢާއިލާއާ ބެހޭގޮތުން އަޒާން ސުވާލުކުރަން ފެށުމުން ޔާނާ ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. އެހެންވިޔަސް ހައިކަލްއާއި މިލްނާގެ ނަމެއް އޭނާ ހާމައެއް ނުކުރިއެވެ. ނިކަން ދުރުދުރުން ދެތިން އެއްޗެއް ބުނެލާފައި އަވަހަށް ޝަމްލާއާ ވާހަކައެއް ފެށިއެވެ. އެނބުރި މައުޟޫޢުއަށް އަންނަން އަޒާންއަށް ފުރުޞަތެއް ޔާނާ ނުދިނެވެ.

ހަވީރު ފަސްގަޑި ބައިވާން އުޅެނިކޮށް ޔާނާއަށް ޒޭން ގުޅިއެވެ. އަދި ކާރު ދުއްވާލަން ދާން ތައްޔާރުވެލައިގެން ހުރުމަށް ޔާނާގެ ގާތުން ޒޭން އެދުނެވެ. ހަމަ އެ ކޯލުގައި އަޒާންގެ ކަންކަން ޔާނާ އޮޅުންފިލުވައިދިނެވެ. އެހެންވެ ޔާނާ ބަލާ ޒޭން އައީ އެ ގެއާ ތަންކޮޅެއް ދުރުގައި ކާރު ޕާކުކޮށްލާފައެވެ.

ދޮރުމަތީ ހުރި ޔާނާ ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. ޖީންސުގެ ޖީބަށް ވައަތްތިލަ ކޮއްޕާލައިގެން ހުރި ފިރިހެންވަންތަ ހިނގުމެއްގައި ޒޭން އައިސް ޔާނާގެ ގާތުގައި މަޑުކޮށްލިއެވެ.

"އަހަރެން ޑިއުޓީ ނިންމާފައި އައިސް ހަމަޖެހިގެން ގުޅަންވެގެން ހުއްޓަ ޒޭން ގުޅީ... ހޫމް! ހޫމް! ހާދަހާ ސެންޓެއް ޖަހާލާފައޭ ތިހުރީ. މެހި މާބުރު އިރުކޮޅަކުން އެނބުރެން ފަށާނެ" ޒޭންއާއެކު ހިނގައިގަތް ޔާނާގެ ނޭފަތުގައި ފިރިހެން ސެންޓުގެ ވަސްޖެހުމުން ދިމާކޮށްލިއެވެ. ޒޭން ހީނގަންނަމުން ޔާނާގެ އަތުގައި ހިފާ ގާތްކޮށްލިއެވެ.

"އަސްލު ކާރު ދުއްވާލާކަށްނޫން އިނގޭ މި އުޅެނީ" ކާރަށް އަރާ ހަމަޖެހިލުމާއެކު ޒޭން ބުންޏެވެ.

"ދެން ކީއްކުރަން؟" ޔާނާ ސުވާލު އުފެދުނެވެ. ޒޭން ގެއިން ނުކުތް މަޤްޞަދު ޔާނާއަށް އޮޅުން ފިލުވާދިނެވެ. އަދި އެ މީހުންގެ މަންޒިލަކީ ކޮބާކަން ބުންޏެވެ. ސުހާއާ ބައްދަލުކޮށް ދުވަސް ދިޔަ ގޮތުގެ ވާހަކަ ކިޔާ ދިނެވެ. ހައިކަލްއާއި ސުހާގެ ޚިޔާލު ހުރީ ކިހިނެއްކަން ޔާނާއަށް ޒޭން ބުނެދިނެވެ.

"އެންމެން އެހާ ހިތްހަމަނުޖެހޭއިރު ދެން ކީއްކުރަން ދަނީ" ޒޭންގެ ވާހަކަތައް އަޑުއަހާފައި އޭނާއަށް ވިސްނާދޭފަދަ ގޮތަކަށް ޔާނާ ބުނެލިއެވެ.

"މައްސަލައެއްނޫނެއްނު ދިއުމަކީ، އެވެސް މަންމައާއި އެއްބަނޑުއެއްބަފާ މީހެއް، އޭނަގެ ސައިޑުން މަންމަގެ ވާހަކަ އަޑުއަހާލަން އަހަރެން ބޭނުންވަނީ" ޒޭންގެ ހިތުގައި އޮތްގޮތަށް ބުނެލިއެވެ.

"އޯކޭ! ޒޭންއާއެކު އަހަރެން ހުންނާނަން. އެކަމަކު ވިސްނަންވާނެ ބައްޕައަށް ތިކަން އެނގުނީމަ ވާނޭގޮތް. އަހަރެންގެ ހިތެއްނުބުނޭ ބައްޕައަށް ދޮގު ހަދާކަށް" ޔާނާ ދެއްކީ ހައިކަލްގެ ވާހަކައެވެ.

ޒޭން ދުއްވަމުންދިޔަ ކާރު މަޑުކޮއްލުމަށްފަހު ދޮރުފަތުގެ ބިއްލޫރިގަނޑުން ފެންނަން ހުރި ގޭގެ ނަންބޯޑަށް ބަލާލިއެވެ. އެއީ އޭނާ އަންނަން ބޭނުންވި އެޑްރެހެވެ. ސުހާގެ ބުނި އެޑްރެހެވެ. ހައިފާ ކައިވެނިކޮށްގެން ބަދަލުވީ އޭނާގެ ފިރިމީހާގެ ގެއަށެވެ. އެއީ އެ ގެއެވެ. އެންމެ ފަސޭހައިން ޕާކުކުރެވެން އޮތް ސަރަޙައްދުގައި ކާރު ބޭއްވުމަށްފަހު ދެ މީހުން އެކުގައި ކާރުން ފައިބައިގެން އައިސް ގޭގެ ދޮރުމައްޗަށް މަޑުކުރިއެވެ. ކަޅުރަތްކުލައިގެ ދަވާދު ލާފައިހުރި ހިމަ ދިގު ގޭޓެކެވެ. މައްޗަށް ބަލާލުމުން ގެ ނަގާފައި ހުރިލެއް އުސްކަމުން ބޮލަށް އެނބުރުން އަރާގޮތްވެއެވެ. ގޭޓުގެ ވައަތްފަރާތުގައި ބޮޑު ގަރާޖުދޮރެއް ހުއްޓެވެ. އަދިވެސް އެއްފަހަރު ނަންބޯޑަށް ބަލާލާފައި ޒޭންގެ ގާތުގައި ހުރި ޔާނާއަށް ބަލާލިއެވެ.

ގޭތެރެއަށް ވަނީ ޒޭންއާއި ޔާނާ އެކީގައެވެ. ކުރިއަށް ދާން އޮތީ ހިމަ ދިގު މަގެކެވެ. ކަށިވެލި އަޅާފައި އޮތުމުގެ ސަބަބުން ދެ މީހުންގެ ފިޔަވަޅުގެ އަޑު އިވެމުންދިޔައެވެ. ކުރިއަށް ދެ ޒުވާނުން ހުއްޓުނީ އިމާރާތުގެ ތެރެއަށް ވަނުމަށް އިތުރު ގޭޓެއް ހުރުމުންނެވެ. ގޭޓު ކައިރީ އަރިމަތީ ފާރުގައި ހުރި ސީސީޓީވީ ކެމެރާ ޒޭންގެ ލޮލުގައި އަޅައިގަތެވެ. ހަމައެއާއެކު ގޭޓު ކައިރީ ހަރުކޮށްފައިވާ ހުރި ސުވިޗު ފެނުނެވެ. އޭގައިވާ ފިތަށް ޒޭން އޮބާލިއެވެ. ގިނައިރެއްނުވެ ބިދޭސީ ފިރިހެނަކު ގޭޓާ ދިމާއަށް އައެވެ. ކީއްކުރާ ކުދީންނެއްތޯ އެ މީހާ ސުވާލު ކުރިއެވެ. އެއާއެކު ހައިފާއާ ބައްދަލުކުރާން ކަމުގައި ޒޭން ބުނުމުން މަޑުކޮށްލަން ބުނެފައި އޭނާ އެތެރެއަށް ހިނގައިގަތެވެ. ދިޔަތާ ގިނައިރެއްނުވެ އެ މީހާ އެނބުރި އައިސް ގޭޓު ހުޅުވާ ޒޭންއާއި ޔާނާ އެތެރެއަށް ވެއްދިއެވެ. އޭނާއާއެކު އައުމަށް ބުނުމުން ޒޭންއާއި ޔާނާ އެ މީހާގެ ފަހަތުން ހިނގައިގަތީއެވެ.

ލިފްޓަށް އަރާ ހަތްވަނަ ފަންގިފިލާއަށް ލިފްޓު މަޑުކުރިއެވެ. ލިފްޓުން ނުކުތް ގޮތަށް އެ ބިދޭސީ މީހާ އެނބުރުނީ ވައަތް ފަރާތަށެވެ. އެތަނުގައި ފެންނަން ހުރި ދޮރުހުޅުވާލާފައި ޒޭންމެންނަށް ބަލާލިއެވެ. އެތެރެއަށް ވަނުމަށް އޭނާ އެދުނީ އަދަބުވެރި ކަމާއެކުއެވެ.

"ކުމާރު!... ކާކުތަ އައީ" އެވަގުތު ސިޓިން ރޫމުގައި އިން ފިރިހެނެއްގެ އަޑު ޒޭންމެންނަށް އިވުނެވެ.

"މެޑަމް ހޯދަން" ކުމާރު މަޑުމަޑުން ބުނެލިއެވެ.

ސޯފާގައި އިން އަކީލް ތެދުވެ ދޮރާދިމާއަށް ބަލާލިއެވެ. އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިކަމުގައިވިޔަސް އޭނާ ހުރީ އަޖައިބުވެފައެވެ. ކުރިއަށް ނެގި ފިޔަވަޅު މަތީ ހުއްޓުން އަރާފައެވެ.

"އައި އޭމް ޒޭން، މީ ޔާނާ، ވެރީ ކްލޯޒް ފޮރެންޑް" އަކީލްގެ ކުރިމައްޗަށް އައިސް ހުއްޓިލުމާއެކު ޒޭން އަވަސް އަވަށް އަކީލްއަށް ސަލާމްކުރުމަށް އަތް ދިއްކޮއްލިއެވެ. ޒޭންގެ އަތުގައި ހިފިއެއްކަމަކު އަކީލްގެ މޫނަށް ވެރިވެފައިވި ހައިރާންކަމެއް ފިލައިގެނެއްނުދިޔައެވެ.

"ހެލޯ!، ކަމް!... އަވަހަށް އިށީދޭ... މިސީ!...މިސީ!، ބިރިންގް ސަމްތިންގ" ހައިރާންކަމުގެ ތެރެއިން ވެސް މެހެމާންދާރީ އަދާކުރަން އަކީލް އަވަސްވެގަތެވެ. އެގޮތުން ޒޭންމެން އިށިންނަން ސޯފާ ދައްކާލުމާއެކު ގޭގައި ގެންގުޅޭ އަންހެނަކަށް ގޮވާލުމަށްފަހު އެމީހުންނަށް ކޮންމެވެސް އެއްޗެއް ގެނެސްދިނުމަށް ބުންޏެވެ. އަކީލް ސޯފައި އިށީން ގޮތަށް ޒޭންއަށް ބަލަން އިނެވެ.

"ހައިކަލްއާ އެއްވެސް ގުޅެއް އޮވޭތަ؟" އިރުކޮޅަކު ވިސްނަން އިނުމަށްފަހު ދަތްދޮޅީގައި ކަނާއަތް ހާކާލާފައި އަކީލު ސުވާލުކޮށްލިއެވެ. އެހިނދު ޒޭންއާއި ޔާނާ އެކަކު އަނެކަކަށް ބަލާލާފައި ހިނިތުންވެލިއެވެ. އަކީލްއާ ނަޒަރު ސީދާކޮށްލަމުން ޒޭން ބޯޖަހާލިއެވެ.

"ހައިކަލްއަކީ އަޅުގަނޑުގެ ބައްޕަ. ހަފިއްތަ ކޮބާ!... ތީ އަކީލްބެ ދޯ" ޒޭން ހިނިއައިސްފައި ވާހަކަ ދެއްކިއެވެ.

"މިލްނާއާއި ހައިކަލްގެ ދަރިއެއްތަ؟" އިތުރަށް އަކީލް ޔަގީންކޮށްލިއެވެ. ދެން ވެސް ޒޭން ބޯޖަހާލީއެވެ.

އަކީލްއަށް ނޭގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. އޭނައަށް މިލްނާގެ މަރުގެ ޚަބަރު ލިބުނު އިރު ހުރީ ރާއްޖޭން ބޭރުގައިކަމުގައި ބުންޏެވެ. އެކަމާ ހައިފާ ވަރަށް ދެރަވިކަން އަކީލް ބުންޏެވެ.

"ހައިކަލްއާ މިންނު ކައިވެނި ކުރިފަހުން އެދެމަފިރިންގެ އެއްވެސް ޚަބަރެއްނުވޭ، އެންމެނަށް ވެސް ހީވެފައި އޮތީ އެ ދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިފުޅާ އެކީއޭ މިންނު ނިޔާވީ. ޒޭންއާ ބައްދަލުވީމާ ހާދަ އުފާވެއްޖެއޭ. ޔަގީން!... ހައިފާއަށް މިންނުގެ ދަރިއެއް ހުރިކަން އެނގިއްޖެއްޔާ ވަރަށް އުފާވާނޭކަން. ވަރަށް ޒަމާންފަހުން އޭނާ ހިތްހަމަޖެހޭނޭވަރުގެ ޚަބަރެއް މި ލިބުނީ" އަކީލް އުފަލުން ބުނެލިއެވެ. އޭނާގެ ދެ ލޮލުން ކަރުނަ ނިރާލިއެވެ. އަވަސްއަވަހަށް އިސްޖަހާލަމުން އަކީލު ދެ ލޯ ފުހެލިއެވެ.

"އަޅުގަނޑު ހުރީ ރާއްޖޭން ބޭރުގައި. މާލެ އައީ ވަރަށް ފަހުން. މިއައީ ހަފިއްތަ ދުށުމަށް. ބައްދަލުކޮށް ވާހަކަދައްކާލާ ހިތުން" ޒޭން ބުނެލިއެވެ. ޒޭންގެ ވާހަކަތަކުން ބަޔާންކުރާން ދަތި ހިތްހަމަޖެހުމެއް އަކީލަށް ލިބިގެން ދިޔައެވެ.

"ތި އައީ ހަމަ އެންމެ ރަނގަޅުވަގުތުގަ، އަހަރެމެން ވެސް މިހާރު ގިނައިން އުޅެނީ ރާއްޖޭންބޭރުގައި، ހަފިއްތަގެ ބަލިހާލު ހުރިގޮތުން، ޒޭންގެ ނަސީބު ވަރަށް ގަދަ، އަހަރެމެން ވެސް މާލެ އައިތާ ދެ ދުވަހެއްވަރު ވާނީ. ހަފިއްތަގެ އިތުރުން ޒޭންގެ މާމަ ވެސް އެބައުޅޭ" އަކީލް ބުނެލިއެވެ. އެއާއެކު މިލްނާގެ ޑައިރީގައި އޭނާގެ މަންމައާ ބެހޭގޮތުން ލިޔެފައިވާ ކަންކަން ޒޭންގެ ހަނދާނަށް އައެވެ. އެ މަންމައަށް ހުރިހާ ކުދީންގެ ތެރެއިން ހައިފާ ޚާއްޞަވާކަމެވެ.

"މާމަ ވެސް އުޅެނީ ހަފިއްތައާ އެކުތަ" ޒޭންއަށް އަވަހަށް އަހާލެވުނެވެ.

"އާނ!... މިހާރު ވަރަށް ދުވަސްވެއްޖެ. މަޑު ކުރައްޗޭ! އަންނާނަން އެ މީހުންނަށް ގޮވާފައި" އަކީލް އަވަސް އަވަހަށް ތެދުވެގެން އެތެރެއަށް ދިޔައެވެ.

އަކީލުއަކީ ޒޭންގެ މަންމަ ބުނެފައިވާ ފަދައިން ހިތްހެޔޮ ރަނގަޅު މީހެއްކަން ޒޭނަށް އެނނގުނެވެ. އެހެންނަމަވެސް ނޭވާ ހިފަހައްޓާލައިގެން އިނީ ހަފިއްތައާއި މާމައަށް އޭނާ ފެނުމުން ވާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ. އެވަގުތު ޕިލިޕިންސް ވައްތަރުޖަހާ އަންހެންކުއްޖަކު ތަބަކެއްގައި ސައި ގެނެސް އެ މީހުންގެ ކުރިމަތީގައި ހުރި މޭޒުގެ މަތީ ބެހެއްޓިއެވެ. ޒޭންމެންނަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާ އެނބުރި ދިޔައީއެވެ. (ނުނިމޭ)