ރިޕޯޓް

ސްޕޯޓް ޓޫރިޒަމް ރާއްޖޭގައި ފުޅާ ކުރެވިދާނެތަ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތައް ބެލުމާއި ބައިވެރިވުމަށް ދަތުރުކުރާ އެތައް ބަޔަކު އުޅެ އެވެ. އެފަދަ މީހުންނަށް ކިޔަނީ ސްޕޯޓްސް ޓޫރިސްޓުންނެވެ. މި މީހުންގެ ތެރޭގައި ދުވުމަށް "ދެވި ހިފާފައި" ތިބި މީހުން ވެސް ހިމެނެ އެވެ. މި މީހުންގެ ތެރޭގައި ސެއިލިން އާއި މޫދު ކުޅިވަރުތަކުގެ މާހިރުން އުޅެ އެވެ. އެއީ ސްޕޯޓްސް ޓޫރިޒަމެވެ. ރާއްޖެއަކީ މި ޓޫރިޒަމަށް މާ ފަރިތަ ގައުމެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގައި އާލާކުރެވިދާނެ ޓޫރިޒަމްގެ "ރަހައެއް" ކަމަށް މާހިރުން ދެކެ އެވެ.

"ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ގައުމެއް މިއީ. އެހެންވެ ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ބޮޑެތި ސެއިލިން މުބާރާތްތައް ބޭއްވި ދާނެ ތަނެއް،" ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ވާހަކަތައް ހުރީ މިހެންނެވެ.

ސްޕޯޓް ޓޫރިޒަމަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ދަތުރުކުރަނީ ދުނިޔޭގައި ބާއްވާ ދުވުންތަކުގައި ބައިވެރިވުމަށެވެ. ހާއްސަކޮށް ދިގު ދުވުންތަކުގައި ބައިވެރިވުމަށެވެ. ނުވަތަ މުބާރާތްތައް ބެލުމަށެވެ.

ދުނިޔޭގެ ދިގު ދުވުމުގެ ޖަމިއްޔާ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް ޑިސެޓެންސް މެރަތަން (އެއިމްސް) ގެ ކަލަންޑަރަކީ މިފަދަ ދުވުމުންތެރިންގެ ނަޒަރު ހުއްޓިފައިވާ ކަލަންޑަރެކެވެ. ސަބަބަކީ ދުވުމަށް ދެވިހިފާފައިވާ އެތައް ލައްކަ ބަޔަކު ދުނިޔޭގެ އެކި ގައުމުތަކުގައި ތިބުމެވެ. މިއީ ރާއްޖެއަށް ހުޅުވާލެވިދާނެ ރަނުގެ ފުރުސަތެކެވެ. މި ފުރުސަތު މިހާރު ވެސް ރާއްޖެއަށް މިވަނީ ކޮންމެވެސް ވަރަކަށް ހުޅުވިފަ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، ދިރާގުން ބާއްވަމުން އަންނަ "ދިރާގު ރޯޑް ރޭހުން" ނެވެ. މީގެ ނުވަ އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި މިދިޔަ އަހަރު ބޭރުގެ 41 ގައުމެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ. މީގެ މާނައަކީ މި ފަދަ އިވެންޓްތައް ބާއްވައިގެން ސްޕޯޓް ޓޫރިޒަމް ރާއްޖޭގައި "ފައްކާ" ކުރެވިދާނެ ކަމެވެ.

ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް އިމްޖާދު ޖަލީލު ވިދާޅުވީ ދިރާގު ރޯޑް ރޭހަށް ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އަންނަ ކަމަށެވެ.

"މި ކަމަކީ މިހާރު ހަމައެކަނި ދުވުމެއް ނޫން. މި ދުވުމުން އެއިމްގެ ކަލަންޑަރުގައި ހިމެނުމުން ދުނިޔޭގެ އެކި ހިސާބުތަކުން މީހުން މިހާރު ބައިވެރިވޭ. އެހެންވެ ދުވުމުގެ ޕާޓްނަރަކަށް މޯލްޑިވްސް މާކެޓިން ޕީއާރު ކޯޕަރޭޝަން ހަމަޖެއްސީ. އެ ބޭފުޅުން އިންތިޒާމު ކުރާނީ މި ގޮތަށް އަންނަ މީހުންގެ ކަންތައްތައް،" އިމްޖާދު ވިދާޅުވި އެވެ.

ސްޕޯޓް ޓޫރިޒަމްގެ ބޮޑެތި އިވެންޓުތައް ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އިވެންޓަކީ އެމެރިކާގައި ބާއްވަމުން އަންނަ "އެފްއެޗްޓީއެމް ބްލޫގްރާސް ސްޓޭޓް ގޭސްމް" އެވެ. މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދާ މި ކުޅިވަރު އީދު ބަލައިލުމަށް އެތައް ލިމިއަން ބަޔަކު ދެ އެވެ. މީގެ އިތުރުން އިޒްރޭލަކީ ވެސް ސްޕޯޓް ޓޫރިޒަމްގެ މަޝްހޫރު މަންޒިލެކެވެ. އަދި ދުބާއީގައި ވެސް މި ޓޫރިޒަމް ފުޅާކޮށް ކުރިއަށް ގެންދެ އެވެ.

ރާއްޖެއަކީ ވެސް ސްޕޯޓް ޓޫރިޒަމް ފުޅާ ކުރެވިދާނެ މަންޒިލެކެވެ. ރާއްޖޭގައި ސްޕޯޓް ޓޫރިޒަމްގެ ރޮނގުން ހަމައެކަނި ބޭއްވެން އޮތީ ދިގު ދުވުން އެކަންޏެއް ނޫނެވެ. މޫދު ކުޅިވަރުތަކަކީ ވެސް ރާއްޖޭގައި ފުޅާކޮށް، ގިނަ ބައެއްގެ ލޯ ރާއްޖެއާ ދިމާލަށް އަނބުރައި ލެވިދާނެ ހަރަކާތެކެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގެ މޫދު ކުޅިވަރުގެ އީދެއް ނުވަތަ މުބާރާތެއް ރާއްޖޭގައި ބާއްވައިފިނަމަ، މިއީ ސްޕޯޓް ޓޫރިޒަމް ރާއްޖޭގައި ފުޅާކުރެވިދާނެ ގޮތެކެވެ. ހާއްސަކޮށް ދުނިޔޭގެ މަޝްހޫރު ސެއިލިން މުބާރާތުގެ ޗާޓުގައި ރާއްޖެ ހިމަނައިފިނަމަ، މި ވެގެންދާނީ ބޮޑު ކުރިއެރުމަކަށެވެ. ދެން އޮތް ސުވާލަކީ ސެއިލިން ފަދަ ދުނިޔޭގެ މަޝްހޫރު މޫދު ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބޭއްވި ދާނެ ބާ އެވެ؟

ދެހާސް ދިހަ ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ވަނީ ދުނިޔޭގެ މަޝްހޫރު ސެއިލިން ޓީމެއް ޒިޔާރަތް ކޮށްފަ އެވެ. ދުނިޔޭގައި ބާއްވާ މަޝްހޫރު ސެއިލިން މުބާރާތެއް ކަމަށްވާ އޮމާން ސަރުކާރުން އިންތިޒާމު ކުރާ "އިންޑިއަން އޯޝަން 5 ކޭޕްސް" ގެ ޓީމުތަކުން ރާއްޖެ ބެލުމަށްފަހު ވަނީ ރާއްޖެއަކީ ސެއިލިންނަށް ވެސް އޮތް ސުވަރުގެ އެއްގެ ފަދަ ތަނެއް ކަމަށް ބުނެފަ އެވެ. ސަބަބަކީ ރާއްޖޭގެ ކަނޑުތަކުގެ ވައި މި ކަމަށް ހެޔޮވަރުވުމެވެ. ރިޔާތަކަށް ރާއްޖޭގެ ވައި ފައްކާވުމެވެ. މީގެ އިތުރުން ބޮޑެތި ކަނޑު އޮޅިތަކާއި ސާފު ވިލުތައް ގިނަވުން ވެސް މިއީ މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވި ދާނެ އެއް ސަބަބު ކަމަށް އެ ޓީމުން ބުނެފައިވެ އެވެ.

މި ޓީމު ރާއްޖެއަށް ޒިޔާރަތް ކުރުމާއި ކުޅިގެން ސަރުކާރުން ވެސް ވަނީ ހަމަ މިފަދަ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސަވާދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ސެއިލިން ފުޅާ ކުރެވިދާނެ އެވެ.

ސަވާދު ވިދާޅުވެފައިވާ ގޮތުގައި މިފަދަ މުބާރާތެއްގެ ޗާޓުގައި ރާއްޖެ ހިމެނިއްޖެނަމަ، ދުނިޔޭގެ ޕްރޮފެޝަނަލް ސެއިލަރުން ރާއްޖެ އަންނާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެފަދަ ކަމެއް ކުރުމަށް ރާއްޖޭން އުޅެފަ އެއް ނުވެ އެވެ. ނުވަތަ އުޅުނު ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް ދިރާގުން މިހާރު ކުރިއަށް ގެންދާ ރޯޑް ރޭހުން އެ ފުރުސަތު މިވަނީ އަނެއްކާ ވެސް ހުޅުވިގެން ގޮސްފަ އެވެ. ސްޕޯޓް ޓޫރިޒަމުން "ހަ ކުޅި ކުރިއަށް" ޖައްސާލުމުގެ ފުރުސަތު މި ވަނީ ލިބިފަ އެވެ.