ހަބަރު

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޓާމިނަލް އަޅާނެ ބަޔަކު ހޯދަނީ

ސަރުކާރުން މިހާރު އަމަލީ މަސައްކަތް ފަށާފައިވާ ހދ. ކުޅުދުއްފުށީ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލް އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ރީޖަނަލް އެއާޕޯޓްސްއިން ކުރި އިއުލާނެއް މެދުވެރިކޮށް ޓާމިނަލް އަޅައިދޭނެ ބަޔަކު ހޯދަން އެދުނު އިރު ޓާމިނަލްގެ އިތުރުން ފަޔާ އެންޑް ރެސްކިއޫ ބިލްޑިން އާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވާ އަޅާނެ ބަޔަކު ބޭނުންވާ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ބޭނުންވާ ބިން، އެމްޓީސީސީއިން މަހާ ޖައްރާފު ބޭނުންކޮށްގެން ވަނީ ހިއްކާފަ އެވެ. ހިއްކާފައިވަނީ އެ ރަށު މޫދުންނާއި ރަށުގެ މަށި ކުޅިން ބަޔެކެވެ. ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ރަށުން ހިއްކަނީ ރަށުގެ ފަޅުން ބަޔެކެވެ.

މި ދެ އެއާޕޯޓަކީ ވަކި ބަޔަކަށް ހަވާލު ނުކޮށް، ސަރުކާރުން ހަރަދުކޮށްގެން ތަރައްގީ ކުރުމަށް ނިންމާފައިވާ ދެ އެއާޕޯޓެވެ. އެމްޓީސީސީއިން ބިން ހިއްކިއިރު އެހެން މަސައްކަތްތައް އެހެން ކުންފުނިތަކަށް ހަވާލު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މި އަހަރުގެ ތެރޭގައި ދެ އެއާޕޯޓް ވެސް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.