ކުޅިވަރު

މެސީ، ރޮނާލްޑޯއަށް ފަހު ނޭމާ، އެމްބަޕޭ: ޒަވީ

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު، ދުނިޔޭގެ ފުޓްބޯޅައިގައި ދެން ޑޮމިނޭޓް ކުރާނެ ދެ ކުޅުންތެރިންނަށް ވާނީ ޕީއެސްޖީގެ ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އާއި ކިލިޔަން އެމްބަޕޭ ކަމަށް، ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ގަތަރުގެ އަލް ސައާދަށް ކުޅެމުން އަންނަ ޒަވީ، ބުނީ މެސީ އާއި ރޮނާލްޑޯ އަށް ފަހު، އެ މަގާމު ފޫބައްދާނެ ކުޅުންތެރިޔަކަށް ނޭމާ ވާނެ ކަމަށެވެ. އަދި ނޭމާއާ ވާދަ ކުރާނެ ކުޅުންތެރިޔަކަށް ވާނީ، އެމްބަޕޭ ކަމަށެވެ. ނޭމާގެ ދުވަސްތައް ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރު ތެރޭ ފެނިގެންދާނެ ކަމަށް ޒަވީ ބުންޏެވެ.

ޒަވީ ބުނީ، ނޭމާގެ ކެރެކްޓާއާ އެންމެ ވައްތަރު ކުޅުންތެރިޔަކީ މެސީ ކަމަށެވެ. އެގޮތުން މެސީގެ ހުނަރާއި ފިޒިކަލް ވެސް އެންމެ ވައްތަރު ކުޅުންތެރިޔަކީ ނޭމާ ކަމަށް ޒަވީ ބުންނެވެ. ނަމަވެސް، އެމްބަޕޭގެ ކިބައިގައި ހުނަރަށް ވުރެ ބޮޑަށް ފިޒިކަލް ވަރުގަދަކަން ޒަވީ ފާހަގަ ކުރި އެވެ.

"ކުޅުންތެރިންގެ ކިބައިގައި ދެ ހުނަރު ލިބިފައިވާ ކުޅުންތެރިން ފާހަގަ ވަނީ، [ޑިއޭގޯ] މެރަޑޯނާ، ޕެލޭ، ރޮނާލްޑޯ، މެސީ، ނޭމާގެ ކިބައިގައި ދެ ހުނަރުވެސް އެބަހުރި، ޒަވީ ބުންޏެވެ. "އެމްބަޕޭ ސްޓައިލްއަހަންނަށް ބޮޑަށް ވައްތަރީ [ތިއަރީ] ހެންރީ އާ."

ޒަވީ ބުނީ، މެޗުގެ ތެރެއަށް އިތުރަށް ވަނުމައްޓަކައި، އެމްބަޕޭގެ ހުނަރު ތަރައްގީ ކުރުން މުހިންމު ކަމަށެވެ. އަދި އޭނާގެ އުމުރުން ހަގު ކަމުން އެ ފުރުސަތު އޮތް ކަމަށް ޒަވީ ބުންޏެވެ. އެމްބަޕޭގެ އުމުރުން 19 އަހަރެވެ. ނަމަވެސް އޭނާގެ ފިޒިކަލީ ވަރުގަދަ ކަމުން އޭނާގެ ވިދުން މިހާރުވެސް ގަދަ އެވެ.