ހަބަރު

މައުމޫންގެ ގެއަށް ވަންނަ މީހުންގެ ނަން ސިފައިން ނޯޓް ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ ގެއަށް ވަންނަ މީހުންގެ ނަން ނޯޓު ކުރަން އެ ގޭގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިން ފަށައިފި އެވެ.

ރެއިން ފެށިގެން މ. އެނދެރިމާގޭގައި ދިރިއުޅޭ މީހުން ނޫން އެހެން މީހަކު އެ ގެއަށް ވަނުމުގެ ކުރިން ނަން ނޯޓުކޮށް މައުލޫމާތު ނަގަމުންދާ ކަމަށް ރައީސް މައުމޫންގެ އަރިސް ބޭފުޅަކު "އަވަސް"އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުންދޭން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އެމްއެންޑީއެފް އިން އެ ގޭގެ ސިކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށެވެ.

މި ކަމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް ސިފައިން މިހާރު އަންނަނީ އެ ގޭގައި ހަރަކާތްތެރިވަމުންނެވެ.

ރައީސް މައުމޫންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ އިރު، މީގެ ކުރިން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ދަށްކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ކުރީކޮޅު، ރައީސް މައުމޫން ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެން ފަހުން ސެކިއުރިޓީންނަށް އެމަނިކުފާނާއެކު ރާއްޖެއިން ބޭރަށް ދިޔުމަކަށް ހުއްދައެއް ނުދިނެވެ.