ބޭރު ކުޅިވަރު

ކުޓީނިއޯއަށް ކުޅެވޭނީ ތިން ހަފްތާ ފަހުން

Jan 9, 2018

ޕިލިޕް ކުޓީނިއޯ ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ. ބާސެލޯނާ އަށް ބަދަލުވުމަށްފަހު ހެދި މެޑިކަލް ދައްކާ ގޮތުން ކުޓީނިއޯގެ ފަލަ މަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ.

މި އަނިޔާގެ ސަބަބުން ކުޓީނިއޯ ބާސެލޯނާ ކޮޕަ ޑެލްރޭ ގައި ސެލްޓަ ވީގޯ އާއި ބައްދަލުކުރާ މެޗު ގެއްލޭނެ އެވެ. މީގެ އިތުރުން ލީގުގައި ރެއާލް ސޮސިއެޑާޑް، ބެޓިސް އަދި އަލަވޭސް އާއި ބައްދަލު ކުރާ މެޗުތައް ވެސް ގެއްލިގެންދާނެ އެވެ.

ސްޕެއިންގެ މީޑިޔާ ރިފޯޓުތަށް ބުނާ ގޮތުގައި ކުޓީނިއޯ އަާށް އެންމެ އަވަހަށް ކުޅެވޭނީ ކަޓަލާން ޑާބީގައި ބާސެލޯނާ އެސްޕަނިއޯލް އާއި ބައްދަލުކުރާ މެޗެވެ. ކުޓީނިއޯ އިންޓަ މިލާންގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި އޭނާ ވަނީ އެސްޕަނިއޯލް އަށް 2012 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން 16 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ލިވަޕޫލް ދޫކޮށް ބާސެލޯނާ އަށް 145 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވި ކުޓީނިއޯ އަކީ މިހާރު ބާސާ އެންމެ އަގު ބޮޑުކޮށް ގަނެފައިވާ ކުޅުންތެރިޔާ އެވެ. އޭނާއަކީ އިންގިރޭސި ޓްރާންސްފާ ރެކޯޑް ވެސް މިހާރު އޮތް ކުޅުންތެރިޔާ އެވެ.

އިންޓަ މިލާނުން 8.5 މިލިއަން ޕައުންޑަށް ލިވަޕޫލް އަށް 2013 ބަދަލުވި ކުޓީނިއޯ ނެތްތަން ފޫބެއްދުމަށް ލިވަޕޫލް މިހާރު ވަނީ މޮނާކޯގެ ހުނަރުވެރި މިޑްފިލްޑަރު ތޮމަސް ލެމާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. ލިވަޕޫލްގެ އިތުރުން އާސެނަލް ވެސް ލެމާގެ ސޮއި ހޯދުމަށް މަސައްތަކް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިޔާ ރިޕޯޓުތަށް ބުނެ އެވެ.