(7 ޖެނުއަރީ 2018 އާ ގުޅޭ) -- އަކީލުއަކީ ޒޭންގެ މަންމަ ބުނެފައިވާ ފަދައިން ހިތްހެޔޮ ރަނގަޅު މީހެއްކަން ޒޭނަށް އެނގުނެވެ. އެހެންނަމަވެސް ނޭވާ ހިފަހައްޓާލައިގެން އިނީ ހަފިއްތައާއި މާމައަށް އޭނާ ފެނުމުން ވާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ. އެވަގުތު ޕިލިޕިންސް ވައްތަރުޖަހާ އަންހެންކުއްޖަކު ތަބަކެއްގައި ސައި ގެނެސް އެ މީހުންގެ ކުރިމަތީގައި ހުރި މޭޒުގެ މަތީ ބެހެއްޓިއެވެ. ޒޭންމެންނަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި އޭނާ އެނބުރި ދިޔައީއެވެ.
އަކީލު އެނބުރި އަންނަންދެން ޒޭންއާއި ޔާނާ މަޑުކޮށްލައިގެން ތިބިއިރު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އެ ގޭގެ މީހުން އުޅެނީ ތަނަވަސް ދިރިއުޅުމެއްކަން ގޭގެ ކޮންމެ ދިމާއަކުން ރަމްޒުކޮށްދެއެވެ. ޒޭނަށް ވިސްނާލެވުނީ އޭނާގެ މަންމައާ މެދުއެވެ. އެ މަންމަގެ ޑައިރީގައި ބުނެފައިވަނީ ތެދެއްކަން ޔަގީނެވެ. ހަފިއްތަގެ ކައިވެނި ކުރެވުނީ މަހުޖަނަކާއޭ ޒޭންގެ ހިތް ބުނެލިއެވެ.
"މި ތިބީނު" އާކިފްގެ އަޑު އިވިގެންދިޔައެވެ. އެ ދިމާއަށް ޒޭނާއި ޔާނާއާ އެއްފަހަރާ ބަލާލިއެވެ. ހަމަ އެހިނދު ޒޭނަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ އެ ހަރަކާތާއެކު ޔާނާ ވެސް ކޮޅަށް ތެދުވިއެވެ. ހައިރާންވެފައި ހުރި މީހަކު ފަދައިން ޒޭން ބަލަން ހުރީ އާކިފް އެމީހުންނާ ދިމާއަށް ދުއްވާފައި ގެންނަ ފުރޮޅުލީ ގޮނޑި ފެނުމުންނެވެ. އެ ގޮނޑީގައި އިނީ އަންހެން މީހާ ފެނުމުން އެއީ ހަފިއްތައަށް ވެދާނެއޭ ޒޭނަށް ޤަބޫލުކުރާން އުނދަގޫވީއެވެ. ވަރުދެރަވެފައިވާ ހަށިގަނޑަކާއި ހުދުވެފައިވާ މޫނެވެ. ގޮނޑީގައި ހަރުކޮށްފައި ހުރި އައިވީ ސްޓޭންޑުގައި އަޅުވާފައި ހުރި އައިވީގެ ކޮޅު އޮތީ އޭނާގެ އަތާ ގުޅާފައެވެ. ބޯ ނިވާކޮށްލާފައި އޮތީ އައްސާލާފައި އޮތް ސްކާފަކުންނެވެ. ދެން ފާހަގަ ކުރެވުނީ އެމީހުންނާއެކު އައި އިތުރު އަންހެން މީހާއެވެ. ހަންގަނޑު ދޫވެ ރޫޖެހިފައި ވިޔަސް އެއީ ރީތި އަންހެނެވެ. ގޮނޑީގައި އިން އަންހެން މީހާއާއެކޭ އެއްގޮތަށް ދުވަސްވީ ވައްތަރު ޖެހިޔަސް އޭނާ ފެންނަނީ ތާޒާކަމާއި ދުޅަހެޔޮކޮށެވެ. އެ ދެ އަންހެނުންގެ ތެރެއިން ހަފިއްތައަކީ ކޮބާކަން ނޭނގިފައި ޒޭން ހުރިއިރު ޔާނާއަށް ވެސް ވީ އެވަރެވެ.
"އިށީނދޭ، އިށީނދޭ..." ޒޭންއާއި ޔާނާގެ ކުރިމައްޗަށް ވާގޮތަށް އިށިންނަމުން އަކީލް ބުނެލިއެވެ.
"ތީ މިންނުގެ ދަރިއެއްދޯ" އުމުރުން ދުވަސްވެފައިވި އަންހެން މީހާ އައިސް ޒޭންގެ ގާތުގައި އިށިންނަމުން އަހާލިއެވެ. ޒޭން ބޯޖަހާލަމުން ވަކިއެއްޗެއް ނުބުނެ އިނެވެ. ބުނާނެ އެއްޗެއް ނޭގުނީއެވެ. އެންމެންގެ ދިރިއުޅުމުގެ ހާލަތަށް އައިސްފައިވާ ބޮޑު ބަދަލު ޤަބޫލުކުރުމަށް އޭނައަށް ވަގުތުކޮޅެއް ނެގީއެވެ.
"ދަރިފުޅުގެ މަންމަ މީހަކާ އިންފަހުން ޚަބަރެއްވެސް ނުވޭ، ގައިމު މާމަ ނުދެކެން އެދުވަހު ދަރިފުޅު ސަހަރާގައި އުޅެނިކޮށް" ޒޭންއަށް އޭނަގެ ގާތުގައި އިން އަންހެން މީހަކީ އޭނަގެ މާމަކަން އެނގުނެވެ.
"މިވެސް މިންނުގެ ދަރިއެއްތަ" ޒޭންގެ މާމަ ޔާނައަށް ބަލާލަމުން އަހާލިއެވެ.
ފުރޮޅުލީގޮނޑީގައި އިން ހައިފާގެ ތުންފަތަށް ވެރިވެފައިވަނީ ތަފާތު ހިނިތުންވުމެވެ. އޭނަގެ ކުރިމަތީގައި އިން ޒޭންގެ ސިފަ ހައިކަލްއާއި އެހާވައްތަރު ވީތީ ހައިރާނެއްނުވެއެވެ. މިންނުއާއި ހައިކަލް ގުޅުވުމަކީ އޭނަގެ އުމުރުގައި އޭނައަށް ކުރެވުނު އެންމެ ބޮޑު ކުށެވެ. ހައިފާގެ ފިނިއަތުން އަކީލްގެ އަތުގައި އަތްލިއެވެ. އޭނަ ބޭނުންވީ ޒޭންއާއި ވާހަކަދެއްކުމަށް އަކީލު ނުހަނު ފަސޭހައިން ދެނެގަތެވެ. ބޯޖަހާލަމުން އަކީލު ތެދުވެ މަންމަގޮވައިގެން އެތެރެއަށް ދިޔައެވެ.
"ޒޭން ދޯ ކިޔަނީ..." މަޑުމަޑުން ހައިފާ އަހާލިއެވެ. އޭނާއާ ކައިރީގައި ހުރި ސޯފާއަށް އައުމަށް އިޝާރާތްކުރަމުންނެވެ.
"ހަފިއްތައަށް ކިހިނެއްވީ؟" ހައިރާންކަމާއިއެކު ޒޭންއަށް އަހާލެވުނެވެ. އަދި ޔާނާއާ ދެމީހުން ހައިފާގެ ކައިރީގައި ހުރި ސޯފާގައި އިށީނެވެ.
"އެކިމީހުންނަށް ކުށުގެ ސަޒާ ލިބޭނީ އެކިގޮތަށް، ބުނެއެއްނު ނުބައިކޮށް އުޅޭ މީހުންނަށް އެމީހަކު ކުރާ ކުށުގެ ސަޒާ ދުނިޔެމަތީގައި ވެސް ދެއްވާފައޭ ގެންދަވާނީ، އަހަންނަށްވެސް މިވަނީ އެހެންވެފަ.... ކުށަށް ތަޢުބާވާންވީ ގޮތަށް ތަޢުބާ ވެސް ނުވެވުނީ، ކުރެވުނު ކުށް ދުނިޔެއަށް ސިއްރެއްގެ ގޮތުގައި ފޮރުވާލެވުނީ، ހެއްދެވި ފަރާތަށް ބިރުވެތިވާންވީ ވަރަށް ނުވެވުނީ" ހައިފާގެ ލޮލުން ކަރުނަ އޮހިގަތެވެ. ޔާނާ ކަންބޮޑުވުމާއެކު ޒޭންގެ އަތުގައި ހިފާލިއެވެ. މޭޒުމަތީގައިވާ ޓިޝޫ ފޮށިން ދެތިން ޓިޝޫ ނަގާ ހައިފާއަށް ޒޭން ދިއްކޮށްލިއެވެ. އޭނާ ވެސް އިނީ ހައިފާގެ ފަރާތުން މިފަދަ ޢަމަލުތަކެއް ފެނިދާނޭ ކަމަކަށް ނޫނެވެ.
"އަހަރެން މިދުވަހަށް ވަރަށް އިންތިޒާރު ކުރިން، ކޮއްކޮގެ ޚަބަރެއް ވޭތޯ، ނަމަވެސް އެ ކޮއްކޮގެ މަރުގެ ޚަބަރު ލިބުނު ދުވަސް ނޫން އޭގެ ކުރީދުވަހު އަހަރެންގެ ބާރު ކެނޑިގެން ހިނގައްޖެ، މިހާރު އަހަރެންނަކީ އުނަގަނޑުން ތިރި ބޭނުންކުރެވޭ މީހެއްނޫން.... ކެންސަރުގެ ނުބައި ސެލްތަށް ހަށިގަނޑުގެ އެތަންމިތަން ކައި ހުސްކުރަމުންދަނީ، ދިރިހުރުމުގެ އުންމީދު ގެއްލި ކޮންމެވަގުތަކުމެ އަހަރެންގެ ފުރާނަ ހަށިގަނޑުން ނުކުމެދާނެ ކަމަށް ތައްޔާރުވެގެން މި އިންނަނީ" ހައިފާގެ ވާހަކަތަކުގައިވި ވޭން ޒޭންއާއި ޔާނާއަށް ވެސް އިހްސާސް ކުރެވިގެން ދިޔައެވެ.
"ހަފިއްތަ ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ" ޒޭން ކަންބޮޑުވުމާއިއެކު ބުނެލިއެވެ.
"އަހަންނަށް ތި ނަމުން މީހަކު ގޮވާނުލާތާ ހާދަ ދުވަހެއްވެއްޖެއޭ؟ މިންނު! އަހަރެންގެ ކޮއްކޮ ކިތަންމެ ރުޅި އައިސްފައި ހުއްޓަސް ހަފިއްތާއޭ ކިޔާފައި ނޫނީ ގޮވާނުލާނެ. އެއީ އެ ކޮއްކޮ ފެށުނީއްސުރެން އަހަންނަށް ގޮވާލާ ނަން. މިންނު ވަކިވެގެން އެ ދިޔައީ މާ އަވަހަށް. އެކަމަކު ބުނޭ ދޯ... ހެޔޮލަފާ ރަނގަޅު މީހުން އަވަހަށް ގެންދެވާނެއޭ. މިއަދު މިންނުއަށް އަހަރެންގެ ގާތަށް ނާދެވޭނޭކަން އެނގޭ. އެހެންވިޔަސް ދަރިފުޅު ފެނުނީތީ މި ބަލި ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިއްޖެ. ހަފިއްތަގެ ވާހަކަތައް ޒޭނަށް އެނގުނީ މިންނުގެ ފަރާތުން ކަމަށްވަންޏާ މިހާރު އޮންނާނީ އެނގިފައި އަހަންނަކީ ކޮންކަހަލަ މީހެއްކަން. އަހަރެންގެ އުޅުން ހުރީ ކިހިނެއްކަން" ކަރުނައިން ބަންޑުންވަމުން ދިޔަ ދެ ލޮލުން ޒޭނަށް ބަލާލާފައި ހިނިތުންވެލަން ހައިފާ މަސައްކަތްކުރިއެވެ.
ހައިފާއަށް މިންނުގެ ޑައިރީގެ ވާހަކަތައް ޒޭން ކިޔާދިނެވެ. މިންނުގެ ޢާއިލާގެ ވާހަކަތައް އެނގުނީ އެ ޑައިރީއިން ކަމުގައި ކިޔާދިނެވެ. ޒޭންއާއި މިންނުއާ ދެމެދުގައިވާ ދުރުކަމުގެ ވާހަކަތައް ކިޔާދިނެވެ. ހައިކަލްއާއި މިންނުގެ ހަޔާތް ވޭތުކުރިގޮތުގެ ވާހަކައެވެ. ހައިފާއަށް އެ ވާހަކަތައް އަޑުއިވެމުން ދިޔަވަރަށް ހިތަށް ކުރި އަސަރު ބޮޑުވަމުންދިޔައެވެ. ބާރަށް ރޮވެންފެށުނެވެ. އެއާއެކު އެރި ކޮށީގައި އަނގައިން ލޭއައެވެ. ޒޭން އަވަސް އަވަހަށް އަކީލްއަށް ގޮވިއެވެ. އަކީލްގެ ހަރަކާތް އަވަސްވެފައި ވިއެއްކަމަކު އޭނަގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. ހައިފާއަށް އެހީތެރިވަމުން އަކީލު ދިޔައިރު އޭނަގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ނުރޮއެ ހުއްޓާލުމަށް ބުނަމުންނެވެ. އެކަމަށްޓަކައި ހައިފާ ކިހާ ދުވަހަކު ކަރުނަ އަޅައިފިންތޯ ބުނަމުންނެވެ. މިއަދުމީ ހިތަށް ތަސައްލީއެއް ހޯދުމަށް އޭނައަށް ލިބުނު ދެވަނަ ފުރުޞަތެއްކަމުގައި ހީކުރާށޭ އަކީލް ބުނަމުންދިޔައެވެ. އެއިން އެއްވެސް ވާހަކައެއް ޒޭނަކަށް ނުވިސްނުނެވެ. އެ ވާހަކަތަކުގައިވާ މުރާދަކީ ކޮބާކަމެއް ކުޑަކޮށް ވެސް ނޭނގެއެވެ.
"ހަފިއްތަ ތިހާ ބަލިވެ އުޅޭއިރު އެހާ ގިނައިރު ކޮޅަށް އިންނާކަށް ނުވާނެ. އަޅުގަނޑުމެން އެހެން އިރަކުން އަދި އަންނާނަން" ހައިފާގެ ހާލާ މެދު ޒޭން ކަންބޮޑުވުން ފާޅުކުރިއެވެ. އެވަގުތު ޒޭންގެ އަތުގައި ހައިފާ ހިފާލިއެވެ. އޭނާ ހަމައަކަށް އެޅި ޒޭންއާ ވާހަކަދެއްކިއެވެ.
"މީ ޒަމާންތަކަކަށްފަހު ލިބުނު ފުރުޞަތެއް. ފަހަރެއްގައި މީ ދަރިފުޅާ ބައްދަލުވާނޭ އެންމެ ފަހު ވަގުތަށް ވެސް ވެދާނެ. ދައްތަގެ ވާހަކަތައް ޒޭނަށް ކިޔައިދޭން ބޭނުން. އަދި ޒޭންގެ ފަރާތުން މިންނުގެ ދިރިއުޅުން ވޭތުކުރިގޮތް އެނގެން ބޭނުން" ނޭވާ ކުރުވެފައި އިން މީހަކު ފަދައިން ލަސްލަހުން ހައިފާ ވާހަކަދެއްކިއެވެ. އަކީލު ވެސް އިށީނީ ހައިފާއާ ކައިރީގައެވެ. އަނބިމީހާގެ ހާލު އެނގޭތީ ދުރަށް ދާން ބޭނުންނުވެގެންނެވެ.
ޒޭންގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ދިމާވިކަމުގައި ވިޔަސް މިންނުއާއި ހައިކަލް އެކަމަށް ކުރިމަތިލާ އެ ދެމީހުންގެ މެދުގައިވި ނަފްރަތުގެ ފާރުނައްތާލި ގޮތް ކިޔާދިނެވެ. އަދި މިންނު ހައިކަލްއަށް ދެ ފަހަރަށް ބަލިވެއިން ކަމާއި މިންނު ނިޔާވީ ދެވަނަ ދަރިފުޅު ވިހައިގެން ލޭމަނާ ނުކުރެވިގެންކަން ބުނެދިނެވެ. އަދި ދަރިފުޅު ނިޔާވީކަން ބުނެދިނެވެ. އެއީ އަންހެން ކުއްޖެއް ކަމުގައި ބުންޏެވެ. ހައިފާ ފުންނޭވާއަކާއިއެކު ދެ ލޯމަރާލިއެވެ. އަކީލްގެ މޫނުމަތިން ހާސްކަމާއި ކަންބޮޑުވުން ފެނުނީ އެވަގުތުއެވެ. އޭނަ ހައިފާގެ މޫނާ ކައިރިވެލަމުން ބަލާލިއެވެ. ގޮނޑިއަށް ހައިފާގެ ހަށިގަނޑު ދޫކޮށްލައިގެން އޭނާ އިންއިރު ހީވަނީ މަރުވެފައިވާ މައްޔިތެއްހެނެވެ. ހަށިގަނޑުގައި އެއްވެސް ރޫހެއްނެތެވެ.
"އަމިއްލަ ނަފްސައް ތިހާ އަނިޔާވެރިނުވޭ" ހައިފާގެ އަތްތިލާގައި ހިފާލާ ފިރުމާލަމުން އަކީލު ބުނެލިއެވެ. އޭރު ވެސް ހައިފާގެ މަރާލެވިފައިވި ދެލޮލުގެ އެއްފަރާތުން ކަރުނަތައް ފައިބަމުންދިޔައެވެ. އެހެންމީހުންގެ ހިތްތަކަށް ފުންއަސަރެއް ކުރުވާފަދަ ހިތްދަތި މަންޒަރެކެވެ.
"އަޒާން! އޭނާ... އޭނާއަކީ މިންނުގެ ދިރިއުޅުން... އެއީ ކާކުން ޒޭނަށް އެނގޭތަ؟ އޭނާގެ ހާލަކީ ކޮބާކަން އެނގޭތަ؟" ހައިފާ އިންގޮތަށް އިނދެ އަހާލިއެވެ.
ހައިފާގެ ދުލުން އަޒާންގެ ނަން އިވުމުން ޒޭން ބަލާލީ ޔާނާއަށެވެ. ކިޔާދޭށޭ ބުނާފަދަ ގޮތަކަށް ޒޭންގެ ބޮލުން އިޝާރާތްކޮށްލިއެވެ. ޔާނާ ފިނިވެފައި އިނެއްކަމަކު ވާހަކަދައްކަން ފެށިއެވެ.
"އޭނަ މީހަކާ އިނދެގެން އުޅެނީ، ކުއްޖަކުވެސް އެބަހުރި" ޖެހިލުންވެފައި އިނދެ ތުރުތުރު އަޅައަޅާއޮތް އަޑަކުން ޔާނާ ބުނެލިއެވެ.
"ތީ ކޮންކުއްޖެއްތަ؟ ޒޭންގެ އަންހެނުންތަ؟" ޔާނާގެ އަޑު އިވުމާއިއެކު ހައިފާ ލޯހުޅުވާލުމަށްފަހު ޔާނާއަށް ބަލާލިއެވެ. ހައިރާންކުރުވަނިވި ގޮތަކަށެވެ. މި ހުރިހާ އިރު އޭނާގެ ހުރިހާ ސަމާލުކަމެއް ދެވުނީ ޒޭނަށެވެ. އޭނާއާއެކު އައިސް އިން އަންހެންކުއްޖާއަށް އަޅާނުލެވެއެވެ.
"މީ އަޒާންގެ ދަރިފުޅު... ޔާނާ" ޒޭން ބުންޏެވެ. އަދި އެ ދެމީހުންގެ ވާހަކަތައް ހައިފާއަށް އޮޅުންފިލުވައިދިނެވެ. އަކީލް އިނީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔައީ ގުދުރަތުގެ ރޭވުންތެރިކަމުގެ މިސާލެކެވެ. ތަޤުދީރު މިންނުއާއި އަޒާން އަނެއްކާ ވެސް އެއްތަން ކުރުވި ގޮތެވެ. ހައިފާއަށް ޔާނާއާއި ދިމާއަށް ބަލަން އިނދެވުނީއެވެ. އެހެންނަމަވެސް އެ ޚަބަރުވެގެން ދިޔައީ އޭނާގެ ހިތަށް ލުޔެއް ގެނެސްދިންކަމަކަށެވެ. އެ މޫނުމައްޗަށް މިފަހަރުވެރިވީ ހިތްހަމަޖެހުމިގެ ހިނިތުންވުމެކެވެ. އެއްޗެއް ނުބުނިކަމުގައި ވިޔަސް އެ ހިނިތުންވުމުގައި އެތަށްކަމެއް އެކުލެވިގެން ވިއެވެ. އެ ދެ ކުދިންނަށް ޓަކައި އެ ހިތުގައި ހެޔޮދުޢާވިއެވެ.
"މިއަދު އަހަރެންނަށް ކުރެވުނު ކުށް އެކަލާނގެ އުފުއްލަވާފިކަމުގެ އިހްސާސް ކުރެވިއްޖެ، އާން! އަކީލް! އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި!...އަލްޙަމްދުލިއްލާޚި!" އަކީލްއަށް ހިނިތުންވަމުން ހައިފާ ބުންޏެވެ. މިއަދު ކުއްލިއަކަށް ހައިފާގެ ލޮލުގައި ކުރިންނުވާ ވިދުމެއް އަކީލްއަށް ފާހަގަކުރެވުނެވެ.
"ހަފިއްތައަށް ކުރެވުނީ ކޮންކުށެއްތަ؟" ޒޭން ހައިރާން ކަމާއިއެކު އަހާލިއެވެ. އޭނާގެ އެ ސުވާލުން އެ ކުދީންނަށް އެއްވެސް ކަމެއް ނޭނގޭކަން ހައިފާއަށް ޔަގީންވިއެވެ. އޭނާ ދެން ބަލާލީ އަކީލަށެވެ. އެހިނދު އަކީލު ބޯޖަހާލީ ހުރިހާކަމެއް ކިޔާދޭށޭ ބުނާ ފަދައިންނެވެ. ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހިކިފައި ދެ ތުންފަތް ހައިފާ ތެތްމާލިއެވެ. އަދި ޒޭންއާއި ޔާނާއަށް ބަލާލިއެވެ.
"ޒޭންއާއި ޔާނާއަށް ހަޤީޤަތް އެނގުމުން ހަފިއްތައާ މެދު ހަމްދަރުދީއެއްނުވާނެ، އެހެންވިޔަސް މިއަދު ތި ދެކުދީން އެކުގައި އައީތީ ތި ދެކުދީންނަށް ވެސް ހުރިހާ ހަޤީޤަތެއް ކިޔައިދޭނަން. ޣާފިލުކަމުގައި ހުރެ ކުރެވުނު ނުބައި ޢަމަލު ކިޔައިދޭނަން... ޒޭން! ޒޭންގެ މަންމައަކީ ޠޯހިރު ހިތެއްލިބިފައިވާ މާތް އަންހެނެއް، އޭނައަށް ލިބިފައި އެވާ ރިވެތި އަޙްލާގާ މަޑުމޮޅި ކަމަކީ އޭނަ އަމިއްލައަށް ލިބިގަތް ސިފަތަކެއް، މަންމައަށް އަހަރުމެން އެއްވެސް ކުއްޖަކަށް ރީތި އަދަބުތަކެއް ދަސްކޮއްދޭކަށް ވަގުތެއް ނުލިބުނު... މަންމައަކީ އަބަދުވެސް އަމިއްލަ އެދުން ކުރިއަށް ނެރޭ އަންހެނެއްކަން އަހަރެން ވެސް ޤަބޫލުކުރަން" ހައިފާ މިންނުގެ ވާހަކަތައް ކިޔާދިނުން ހުއްޓާލާފައި މޭޒުމަތީގައި ހުރި ސައިތަބަކަށް އިޝާރާތްކުރިއެވެ. ވާހަކަ ދައްކާނީ ހަމަޖެހިގެން ކަމުގައި ބުނެ ސައިބޯން ފަށަން އެދުނެވެ.
ޔާނާ ކުރިމަތީގައި ހުރި މޭޒުމަތިން ސައިޖޯޑެއް ނަގާ ހަކުރުއަޅާ ގިރާލުމަށްފަހު ޒޭންއަށް ދިއްކޮއްލިއެވެ. އަދި ދެން ހުރި ސައިޖޯޑު ނަގަމުން އަކީލް ސައިނުބޮންތޯ އަހާލިއެވެ. އޭނަ ހިނިތުންވުމާއިއެކު ސައިބުއީ ވަރަށް ފަހުން ކަމުގައި ބުންޏެވެ. އޭރު ޒޭން އިނީ ހައިފާގެ ވާހަކަތައް އަޑުއެހުމަށް ކެތްމަދުވެފައެވެ. އެހެންވާހަކަތަށް ދެކެވެން ފެށުމުގެ ކުރިން ޒޭން ހައިފާގެ ވާހަކަ ކުރިއަށް ގެންދިއުމަށް އެދުނެވެ.
"އަހަރެންގެ ވާހަކައަކީ، އަހަންނާއި ސުހާއަށް ލިބުނުވަރަށް ވެސް މިންނުއަށް މަންމަގެ ލޯތްބެއް ނުލިބުނޭ، އެކަމުގެ ސަބަބުން އެ ކޮއްކޮވަނީ މަންމަގެ ލޯތްބާ އަޅާލުމުން މަހުރޫމުވެފަ، ނަމަވެސް މިންނު ބޮޑުވަމުން އައިއިރު އޭނަވީ ރީތި ސިފަތަކެއްގެ ވެރި ކުއްޖަކަށް، އޭނަގެ ރީތި އިސްތަށިގަނޑާ އެ ރީތީ ނޫކުލައިގެ ދެލޯ އަހަރެންގެ ހިތުގައި ރުޅިވެރިކަމުގެ ހުޅުރޯކުރޭ، އޭރު ވެސް އޭނައާ ދޭތެރޭ ކަންތައްތައް ކުރެވުނީ ވަރަށް އިހާނެތިކޮށް، އަހަންނަށް މިންނުއަށް ޓަކައި ސުހާ ފަދަ ރަނގަޅު ދައްތައަކަށް ނުވެވުނު، އެއަށްވުރެ އަހަރެން މިންނުއަށް ނަފުރަތުކުރިން، އެކަމަކު ކިތަންމެ އަވަހަށް ކަމެއްކޮއްދޭން ބުންޏަސް އެކުއްޖާ އެކަމެއް ކޮއްދިނުމަށް ފަހެއްނުޖެހޭ، އަހަރެން އޭނައާ އަނގައިން ބުންޏަސް ގިނަފަހަރަށް ބުނަނީ އަހަރެންގެ އަމިއްލަ ބޭނުމެއް އޮވެގެން. މިންނުއަށް ދުވަހަކުވެސް ރަނގަޅު ގޮތެއް މެދުވެރިވާކަށް އަހަރެން ނޭދެން، އަހަންނަށް މިންނުގެ ހުރިހާ ވެސް އުންމީދަކީ އަޒާންކަން އެނގުމުން އެ ދެމީހުން ދުރުކުރުވަން އަހަންނަށް ކުރެވުނުކަމެއް ކުރަން ނިންމީން، އޭރު އެނގުނީ ހައިކަލް އެހާ ގިނައިން އަހަރުމެން ގެއަށް އަންނަނީ މިންނު ބޭނުންވެގެންކަން، އޭނަގެ އަތުން އަހަރެން ފައިސާ ހޯދީ މިންނު އޭނައަށް ހޯދަދޭނަމޭ ބުނެ، ހައިކަލްއަށް އަޒާން ނޫންމީހާކާ މިންނު ރައްޓެއްސެއްނުވާނެކަން އެނގުމުން އޭނައަށް ގޮތްހުސްވީ. އެ ދެ މީހުންގެ ދެމެދުގައި ހިނގާ ހުރިހާ ކަމެއް އަހަރެން އައީ ވަރަށް ގާތުން ބަލަމުން. ހައިކަލްގެ ޢަމަލުތައް ހުންނަ ގޮތުން މިންނު ހިތްހަމަނުޖެހޭކަން އަހަންނަށް އެނގޭ. ހައިކަލް މާޔޫސްވުމުން އެވަގުތުގެ ބޭނުން އަހަރެން ނިކަން ރަނގަޅަށް ހިފިން، އެއީ އަހަރެން ބޭނުންވިފަދަ ފުރުޞަތެއްކަން އެނގުނީމަ، އަހަރެން ހައިކަލްގެ ބޮލަށް އެރި އެ ނުބައި ކަންތައް ކުރުމަށް ވިސްނާދިނިން، ފުރަތަމަ އެކަން ކުރަން ހައިކަލް ފަސްޖެހުނު، ނުކުރާނަމޭ ވެސް ބުނި، އެކަމަކު އޭނައަށް މިންނުއާއި ނުލާ ނޫޅެވޭނެކަން އެނގުމުން އޭނަ ހުރީ އަހަރެން ބުނި ކޮންމެގޮތެއް ހަދައިގެން ވެސް މިންނު ހޯދަން، އަހަރެން އޭނާއަށް ވިސްނައިދިނިން މިންނުއާ ގާތްވަނިކޮށް ހައިކަލްގެ މައްޗަށް ހިތް ލެނބިދާނޭ. ފުރަތަމަ ދެކޮޅު ހެދިޔަސް ފަހުން ރުހޭނެއޭ. އޭރުން ހައިކަލް ބޭނުން ގޮތަކަށް މިންނު ގެންގުޅެވޭނެއޭ. ދެ މީހުންނަށް އެހާތަނުން ކައިވެނިކުރެވޭނެއޭ. އޭރުން މިންނު އަމިއްލައަށް އަޒާންއާ ދުރަށް ހިނގައިދާނެއޭ. އަހަރެން ހީކުރިވަރަށްވުރެ ހައިކަލްގެ ސިކުނޑިއަށް އެރެން ފަސޭހަވި. ސުހާ މަންމަ ގާތަށް ފުރުވާލުމަށް ވެސް ބުނީ އަހަރެން، ބޭނުމަކަށްވީ މިންނު އެކަނިކޮއްލުން... އޭރުން ހައިކަލްއަށް ޖެހިލުމެއްނެތި މިންނުއާ ދިމާކުރެވޭނެތީ، އެކޮޓަރީގެ ތަޅުދަނޑި ހައިކަލްއާއި ހަވާލުކުރީ ވެސް ހަމަ މި ދެއަތުން، އެއްފަހަރު ވެސް ހިތަށްނޭރި މިއުޅެނީ އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮގެ އިއްފަތްތެރިކަން ނަގާލަންކަމެއް، މީހާ މަގުފުރެދިފައިވީ އިންތިހާއަށް، އެ ކޮއްކޮގެ ދިރިއުޅުން ހަލާކުކޮއްލާއިރު އޭނައެކަމާއި ކަރުނަ އަޅާނެވަރު އިހްސާސް ވެސް ކޮށްނުލެވުނު، ހަމައެކަނި އޮތް އެދުމަކީ ދުނިޔޭގެ ކުރިމަތީ އޭނަ ފަޟީހަތްކޮށް ބޭޒާރުކޮއްލުން، އުފަލޭކިޔާ އެއްވެސް އެއްޗެއް އޭނައަށް ހާޞިލްވިޔަ ނުދިނުން، އަހަރެންފަދަ ނުބައިމީހަކު އަޅެ ހުންނާނެތަ... އަހަރެން ބޭނުންވި ކަންތައް ފުރިހަމަވި. ހައިކަލްއަށް އެންގި ގޮތަށް އޭނާ ކަންތައް ކުރިކަން އޭނާ ނުބުންޏަސް އަހަންނަށް އެނގުނު. އެކަމުގެ ސަބަބުން ހައިކަލް ވެސް ބަދަލުވެއްޖެ. އޭގެ ފަހުން ހައިކަލް އަހަންނާ ވާހަކަ ނުދައްކާ ތަނުގަ ފެނުމުން ބަލާ ވެސް ނުލާ، އަހަންނަށް މިންނު ފެނުމުން އެނގުނު އޭނަގެ މުޅިދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލެވިއްޖެކަން، ދިރިހުއްޓާ އެ ހަށިގަނޑުން ފުރާނަ ދަމައިގަނެވިއްޖެކަން. އެކަމާ އުފާ ވެސް ކުރިން... ހައިކަލްއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިން. އެކަމަކު އޭނާ އަހަންނަށް ބަލަން ފެށީ ނުރުހުމާއި ނަފުރަތުގެ ނަޒަރުން. ދެން އިވުނީ ހައިކަލްއާއި މިންނުގެ ކައިވެނި އިއުލާން ކުރި ޚަބަރު، އޭގެ ފަހުން އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭ، ފުރަތަމަ އަހަންނަކީ ދަރިންލިބުމުން މަހުރޫމުވެފައިވާ އަންހެނެއްކަން ޑަކްޓަރުން ޔަގީންކޮށްދިން، ދެން އަހަރެންގެ ހަށިގަނޑަށް ކެންސަރު ޖެހުނީ... އިރާދަކުރެއްވީތީ އަހަންނަށް މިވަނީ ހެޔޮވިސްނުންލިބިއްޖެ، އަހަންނަށް މިންނުގެ ގާތުން މަޢާފަށް އެދެންވީ ވަގުތު ފާއިތުވެއްޖެ، އެހެންނަމަވެސް މި ބަދުނަސީބު ދައްތައަށް މާފުކޮއްދިނުމަށް މި އެދެނީ ތިޔަދެކުދީންގެ ފަރާތުން... ހައިކަލްއަކީ އޭނާގެ ގޮތުގައި ހުންނާނޭ މީހެއްކަން އަހަންނަށް އެނގޭ. އޭނާއާ ބައްދަލުކުރާން އަހަރެން މަސައްކަތްކުރީން. އެކަމަކު އޭނާ ވަނީ ބުނެފައި. ދުވަހަކު ވެސް އަހަރެންގެ މޫނު ދުށުމަށް އޭނާ ބޭނުންނުވާކަން" ހައިފާ ފެންކަޅިވެފައިވާ ހާލުގައި ޒޭންއާއި ޔާނާއަށް ބަލާލިއެވެ.
ތުނބުގައި ސައިޖޯޑު ޖައްސާލަން ވެސް ނޭގިފައި އިން ޒޭންއަށް ހައިކަލްއާއި ސުހާ ހަފިއްތަދެކެ އެހާ ހިތްހަމަނުޖެހެންވީ ސަބަބެއް އެނގިގެން ހިގައްޖެއެވެ. އޭނާގެ މޭގައި ވެސް ރިހުމެއް އުފެދުނެވެ. އޭނާގެ މަންމައަކީ ކެތްތެރި އަންހެނެކޭ ހިތަށް އެރިއެވެ. އެހެން މީހުންގެ އަނިޔާތަކަށް ކެތްކުރުމަށްފަހު ވެސް އެ މަންމަގެ ދިރިއުޅުމަށް އުފާވެރިކަން މިންވަރުކުރެއްވީތީ ﷲއަށް ހިތުގެ އަޑިން ޝުކުރުވެރިވެވުނެވެ. ހިފަހައްޓާލައިގެން އިން ސައިޖޯޑު ތަބަކުގެ ތެރޭ ބަހައްޓާފައި ހައިފާގެ އަތްތިލާގައި ޒޭން ހިފާލިއެވެ.(ނުނިމޭ)