ރިޕޯޓް

ވީޑިއޯ: ޓެބްލެޓް ބަހުސް ނިމޭނީ ކޮން ހިސާބަކުން؟

ކިޔަވައި ދިނުމުގެ އިންގިލާބީ ބޮޑު ބަދަލާއެކު މިއަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒް ކުރާނެ އެވެ. މި ބޮޑު ބަދަލާއެކު ޓެކްސްތް ފޮތުގެ ބަދަލުގައި ދަރިވަރުން ބޭނުން ކުރާނީ ޓެބްލެޓެވެ. މި ނިންމުން ސަރުކާރުން އާންމު ކުރުމާއެކު އާދަވެ ހުރިހާ ކަމެއްގައި ވެސް ހިޔާލު ކަފިވާ ގޮތަށް މީހުން ވަނީ ދެ ބަޔަކަށް ބެހިފަ އެވެ. އެއް ބަޔަކަށް ސަރުކާރުގެ އެ ނިންމުން ރަނގަޅެވެ. އަނެއް ބަޔަކަށް އެއީ މައްސަލައެކެވެ. މިއީ މިހާރުގެ އެންމެ ބޮޑު އެއް ބަހުސެވެ.

ބަހުސް ދިގުލައި ދިޔައަސް މި އަހަރުގެ ފުރަތަމަ ސެމިސްޓާގެ ފަހުބައިގައި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ސަރުކާރުން ޓެބްލެޓް ޓެކްސްޓް ފޮތް ވައްދާނެ އެވެ. އެ ޕްރޮޖެކްޓް މިހާރު ވަނީ މެކްސްކޮމް ޓެކްނޮލޮޖީޒްއާ ހަވާލުކޮށްފަ އެވެ.

ދެހާސް އަށާރައިގައި ދިވެހިން ވަދެގެން އަންނަ މި ބަދަލަށް ހިޔާލު ކަފިވެފައިވާއިރު ބައެއް އާއްމުން ހިޔާލު ހުރި ގޮތް އަދިވެސް ބަލައިލަން ޖެހެ އެވެ. ސަބަބަކީ މި ނިންމުމާ ގުޅިގެން އެކި ފަންތީގެ އާންމުން ދެކޭ ގޮތް އެނގެން އާންމު އެންމެންވެސް އަދި އިދާަރާތަކުގެ ވެރިން ވެސް ބޭނުންވާނެތީ އެވެ.

ޓެކްސްޓް ފޮތް ގެންގުޅުމަކީ އެންމެނަށް ގަބޫލު ކުރެވޭ ކަމަކަށް ނުވާނެ އެވެ. ހަމަ އެހެން ޓެބްލެޓްގައި ހިފުމަކީ ވެސް އެންމެނަށް ރުހެވޭނެ ކަމަކަށް ނުވާނެ އެވެ. އެހެންނަަމަވެސް ޒަމާނަށް އަންނަ ބަދަލުތަކާއެކު ކަންކަން ޓެކްނޮލޮޖީގެ ތެރެއަށް ގެންދާނެ ކަމީ ގަބޫލު ކުރަންޖެހޭ ކަމެކެވެ. މި ބަހުސްގައި ކޮންމެ ގޮތަކަށް ވާހަކަ އޮތަސް މުހިންމު ކަމަކީ 254 މިލައަން ރުފިޔާގެ މި މަޝްރޫއިން އަންނަ ބޮޑު ބަދަލާއެކު ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދެން ދަރިވަރުން ނެރޭނެ ނަތީޖާ އެވެ.

މިއަހަރުގެ ފަހުޓާމުގައި ނުކުންނަ ނަތީޖާއާއި ކުރީ އަހަރުތަކުގެ ނަތީޖާއާ އަޅާ ބެލުމަށްފަހު ބަހުސްކުރެވެމުންދާ މި ބޮޑު ސުވާލުގެ ޖަވާބު އެންމެނަށް ސާފުވެގެންދާނެ އެވެ.