ސްކޫލް

ޔުނިފޯމާއި ފޮތް ދަބަހާ އެއްވަރު 10 ކަންތައް!

ކުދިން ސްކޫލަށް ފޮނުވަން ބޭނުންވާ ތަކެތި ހޯދައި ތައްޔާރު ކުރަން ބައެއް ބެލެނިވެރިން އަވަދި ނެތި ތެޅިފޮޅެނީ އެވެ. އަނެއްބައި މީހުން ޔުނިފޯމާއި ފޮތާއި ބޫޓާއި ހަމަކޮށް މިހާރު ނިންމާލައިފި އެވެ. އެކި ވައްތަރު ވައްތަރުގެ ރަބަރާއި ގަނޑު ގަނެ، ފޮތުގައި ލައި ނަންކޮޅު ހަދައި އެވެސް ފޮތްތަކުގައި ތަތްކޮށްފި އެވެ. ކުދިން ސުކޫލަށް ފޮނުވަން ބޭނުންވާ މިކަންކަން ނިމިފައި ވިޔަސް ކުއްޖާ ސްކޫލަށްދާން ފޮނުވުމުގެ ކުރިން މި ފާހަގަކޮށްލާ ކަންކަންވެސް ކޮށްލައިގެން ތިބުން ވަރަށް މުހިއްމެވެ.

ސްކޫލުގައި "ބުލީ" ނުކުރުން، އެފަދަ ކަމެއްގައި ބައިވެރި ނުވުން

އެއްވެސް ކުއްޖަކު ގަސްދުގައި އަނެއް ކުއްޖަކު ދެރަވާފަދަ ބަހެއް ނުބުނުމަށައި ނުވަތަ ގަޔާ ނުވާ ނަމަކުން ނުގޮވުމަށާއި އެފަދަ ކަމެއް އެހެން ކުދި ބަޔަކު ކުރާ ކަމުގައިވިޔަސް އެއްވެސް ގޮތަކަށް އެފަދަ ކަމެއްގައި ބައިވެރިނުވާން ދަރިފުޅަށް ކިޔާދީފައި ސްކޫލަށް ފޮނުވުން ފޮތް ލިސްޓް ހަމަ ކުރުންހާ ނުވަތަ އެއަށްވުރެ ވެސް މުހިންމެވެ.

ހާއްސަކޮށް ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑްތަކުގައި އުޅޭ ކުދިންނަށް މި ވާހަކަތައް ކިޔަދީ، މިފަދަ ގޮތަކަށް ކުއްޖަކު ބުލީ ކޮށްފި ނަމަ އެ ކުއްޖާއަށް ކުރާނެ އިހްސާސްތަކާއި ވާނެ ދެރައިގެ މަތިން ހަނދާންކޮށްދީ އެފަދަ ކަމަކުން ދެރަވާނެ އިހުސާސެއް ކުރަން ދަރިފުޅު ނޭދެނަމަ އެހެން ކުއްޖަކަށް ވެސް އެހެން ވެގެން ނުވާނެކަން ވިސްނައި ދޭން ވާނެ އެވެ.

ސްކޫލުގައި އެއްވެސް ކުއްޖަކު ބާކީ ނުކުރަން ވިސްނައިދިނުން

ސްކޫލް މާހައުލަކީ ހުރިހާ ކުދިންގެ މާހައުލެކެވެ. ހުރިހާ ކުދިން ހަމަހަމަ މަހާއުލެކެވެ. އެ މާހައުލުގައި އެއްވެސް ކަމެއް ކުރާނަމަ އެއްވެސް ކުއްޖަކު އެކަހެރި ނުވާނެ ގޮތަށް ކަންކަން ކުރަން ދަސްކޮށްދީ ދަރިފުޅަށް އެކަން ވިސްނައި ދޭށެވެ.

ކްލާހުގައި ހާއްސަ އެހީގެ ކުއްޖެއްވާނަމަ ސަމާލުކަން ދިނުން

ކްލާހުގައި ހާއްސަ އެހީއަށް ބޭނުންވާ ފަދަ ކުއްޖަކު އިނދެދާނެ އެވެ. އެހެން ވެއްޖެ ނަމަ، އެ ކުއްޖާގެއަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ޓީޗަރުގެ ހުއްދަ ހޯދައި އެކަން ކުރެވިދާނެކަން ދަސްކޮށްދީ ކިޔައި ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ޝެއާ ކުރުމުގެ ރީތި އާދަ

ކުއްޖަކަށް އެއްޗެއް ހަނދާން ނެތިގެން ނުވަތަ ނުލިބިގެން ނުގެނެވިއްޖެ ހާލަތެއްގައި އަތުގައި އޮންނަ އެއްޗެއް އެހެން ކުދިންނާއި ޝެއާ ކޮށްލުމަކީ ރީތި ގޮތެކެވެ. އެ އާދަ ހިފަހައްޓަން ދަސްކޮށްދީ އެގޮތުގައި ދެމި ހުރުމަށް ހަނދާން ކޮށްދޭން ވާނެ އެވެ.

އާ ރަހުމަތްތެރިން ހޯދުން

ސްކޫލް ދައުރަކީ ރަހުމަތްތެރިން ހޯދަން ރަނުގެ ފުރުސަތެކެވެ. ރަހުމަތްތެރި ކަމަކީ އުމުރަށް ދެމިގެންދާ ކަމެއް ކަން ކުއްޖާއަށް ކިޔާދިނުން މުހިއްމެވެ. ސްކޫލް މާހައުލަކީ އެއް އުމުރުފުރައެއްގެ ކުދިން އެއްތަނަކުން ދިމާވެ، ކުދިންނާއި ގުޅި ވާހަކަދައްކާލަން ލިބޭ ފުރުސަތެއް ކަމުގައިވާތީ އެވެ.

އިހްތިރާމް ކުރުން

ސްކޫލްގައި ގަވާއިދުތަކާއި އުސޫލުްތައް ހުންނާނެ އެވެ. ދޮށީ މީހުންނާއި ޓީޗަރުން ވެސް ތިބޭނެ އެވެ. އެ އުސޫލުތަކާއި ގަވައިދުތަކާއި ބޭފުޅުންނަކީ އިހުތިރާމް ލިބިގެންވާ ކަންކަމާއި ފަރާތްތަކެވެ. މީހުންނާއި އުސޫލު ގަވައިދަށް އިހްތިރާމް ކުރުމުގެ މުހިއްމުކަން ވެސް ކުއްޖާއަށް ވިސްނައި ދެވިދާނެ އެވެ.

ވާދަވެރިކަން އިންތިހާއަށް ނުގެންދިއުން

ކުދިންގެ މެދުގައި ކިޔެވުމުގަ އާއި ކުޅިވަރުތައް ކުޅުމުގައި "އެންމެ މޮޅު" ހޮވުމަށާއި އޮންނަ ވާދަވެރިކަން އިންތިހާއަށް ނުގެންދިއުމަށް ބެލެނިވެރިން ސަމާލުވާން ވާނެ އެވެ. ހުރިހާ ކުދިންނަކީ އެއްވަރަކަށް މޮޅުވާނެ ކުދިން ނޫން ކަމާއި އެކި ކުދިން ގެ ހުނަރާއި ގާބިލިއްޔަތު ހުންނަނީ އެކިވަރަށްކަން ކުދިންނަށް ވިސްނައި ދެވިދާނެ އެވެ.

ކެރިގެން ކަންކަމަށް އިސްނެގުން

ސްކޫލަށް ދަނީ ކަންކަން ދަސްކުރުމަށެވެ. ކިޔަވައި އުނގެނޭށެވެ. އޭގެ ތެރޭގައި މީހުންނާއި ކަންކަމާއި ކެރިގެން ކުރިމަތިލައި އިސްނެގުމުގެ މުހިއްމުކަން ވެސް ހިމެނެ އެވެ. ސްކޫލަށް ދިއުމުގެ ކުރީން ކުރިމަތިލުމާއި އިސް ނެގުމުގެ މުހިންމު ކަމާ ގުޅޭގޮތުން ވެސް ކުދިންނާއި ވާހަކަ ދެއްކިދާނެ އެވެ.

އިތުރު ހަރަކާތްތަކުގައި ބައިވެރިވުން

ކުއްޖާގެ ޝައުގުވެރިކަން ހުންނަ މިންވަރަކުންނާއި ވަގުތު އޮތް ވަރަކުން، ވީހާވެސް ގިނަ އިތުރު ހަރަކާތެއްގައި ވެސް ކުއްޖާ ބައިވެރިކޮށް ތަފާތު އެކި ހުނަރު ދަސްކޮށްދޭން މަސައްކަތް ކުރެވިދާނެ އެވެ.

ކޮންމެ ދުވަހަކުވެސް އާ އެއްޗެއް އުފަލާއެކު ދަސްކުރުން

ސުކޫލަށް ދަނީ ރަނގަޅު ތައުލީމެއް ލިބިގަތުމަށް ކަމުގައިވާތީ ކޮންމެ ދުވަހަކުވެސް އާ އެއްޗެއް ދަސް ކޮށްލުމުގެ މުހިއްމުކަން ވިސްނައި ދޭން ވާނެ އެވެ.