ހަބަރު

ޓެކްސްޓް ބުކް ޓެބްލެޓް: ބަހުސެއް ބޭނުންވޭތަ؟

ބޮޑު ޗުއްޓީ ނިމި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިގަންނަން ދެ ހަފުތާއަށް ވެއްޖެ އެވެ. އާ އަހަރަށް ތައްޔާރުވާން ސްކޫލުތަކުގެ އާބާތުރަފިލުވައި ކުލަ އާކޮށް ނިމުމަކާވެސް މިހާރު ގާތްވެދާނެ އެވެ. ކުރިއަށް އޮތީ ޝައުގުވެރި ދިރާސީ އަހަރެކެވެ. ޓެކްސްޓް ފޮތުން ނެއްޓި، ޑިޖިޓަލް ޓެބްލެޓް ކްލާސްރޫމަށް ވައްދަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ގިނަ ދަރިވަރުން ތިބޭނީވެސް އެ އިންތިޒާރެއްގައިކަން ޔަގީނެވެ. ނަމަވެސް ޑިޖިޓަލައިޒްޑް ތައުލީމީ ނިޒާމަކަށް މުޅި ރާއްޖެ ބަދަލުކޮށްލުމާ ދޭތެރޭ ބެލެނިވެރިން އިއްވާ އަޑަކީ އެއަށް އެއްވެސް ވަރެއްގެ ކަންފަތެއް ނުދީ ދޫކޮށްލައިގެންވާނެ އަޑުތަކެއް ނޫނެވެ.

ސްކޫލް ކުދިންނަށް ޓެކްސްޓް ފޮތްތަކުގެ ބަދަލުގައި ޓެބްލެޓްދޭން ނިންމި ނިންމުމަކީ ތައުލީމީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމެކެވެ. އެކަން ހަގީގަތަކަށް ހެދުމަށް އާ އަހަރަށް އެކުލަވާލި ބަޖެޓުގައި 154 މިލިއަން ރުފިޔާ ހިމަނައި އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވެސް ވަނީ މިނިސްޓްރީއަށް މަރުހަބާގެ ކޮމެންޓެއް ކުރައްވާފައެވެ.

"ކުދިން އުފުލަންޖެހޭ ބަރު ޓެކްސްޓް ފޮތްތައް ދޫކޮށް ލުއި ޓެބްލެޓަކަށް ބަދަލު ކުރުމުން ހުރިހާ ދަރިވަރުންނަށް އޭގެ ފައިދާ ކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ޓެބްލެޓާ ގުޅިގެން ދެކަފިވެގެން އައީ ބެލެނިވެރިންގެ ޝުއޫރުތަކެވެ. އިންޓަނެޓާއި ރައްޓެހި ބެލެނިވެރިންގެ އުދާސްތައް ޓުވިޓަރާއި ފޭސްބުކުގައި ވަރަށް ތާޒާކޮށް އަދިވެސް އެބަހުއްޓެވެ.

"އަހަރެންގެ 10 އަހަރުގެ ދަރިފުޅަށް ކިޔަވަން ބޭނުންވާ ހުރިހާ އެއްޗެއް އަހަރެން އެބަ ހޯދައިދެން. އެކަމަކު 24 ގަޑިއިރު ޓެބްލެޓެއްގެ ތެރެއަށް ފީނިގަނެގެން އިންނާކަށް އަހަރެން ބޭނުމެއް ނޫން،" ޓުވިޓާގައި ބެލެނިވެރިއަކު ކުރި ޕޯސްޓެއްގައި ބުންޏެވެ. "މިހާރުވެސް ގޭގައި ޓެބްލެޓުން ލޯ ނެއްޓެނީ އުނދަގުލުން. ސްކޫލުގައި ވެސް ޓެބްލެޓް ބޭނުން ކުރަންވީމަ ދުނިޔެއަށް ސިކުނޑި ހުޅުވަން ލިބޭނީ ކޮން ފުރުސަތެއް،"

ގިނަ ބެލެނިވެރިންގެ ކަންބޮޑުވުންތައް ގުޅިފައިވަނީ ކުދިންގެ އާންމު ސިއްހަތާ އެވެ. ގޭގައި އާންމުކޮށް ބޭނުންކުރާ ޓެބްލެޓާއި ފޯނުގެ އިތުރަށް ސްކޫލުގައި ވެސް ޓެބްލެޓް ބޭނުން ކުރުމަކީ މުޅިން ޓެކްނޮލޮޖީގެ ދުނިޔެއަށް ކުދިން ފަރިތަވެދާނެ ކަމެއް ކަމަށް އެ ބެލެނިވެރިން ގަބޫލުކުރާ ގަބޫލު ކުރުމެވެ. އެއަށް ހިއްވަރު ލިބެނީ ކަރުދާސް ނުވަތަ ދިއްލޭ އަލި ނުހުންނަ ތަކެއްޗަށް ގިނަ އިރު ބެލުމަށް ވުރެ އަވަހަށް ލެޑް ނުވަތަ ލައިޓް އެމިޓިން ސްކްރީންތަކަށް ފޯކަސް ކުރުމުން ކުދިންގެ ލޮލުގެ ފެނުމަށް ގެއްލުންލިބޭ ކަމަށް ސިއްހަތާބެހޭ ބޭފުޅުން ވިދާޅުވާ ވާހަކަތަކުންނެވެ.

"އާންމުކޮށް ލިބޭ މައުލޫމާތަށްވުރެ ދަރިފުޅާ ބެހޭގޮތުން ކަމާގުޅޭ ޑޮކްޓަރަކު ދެއްވާ ނަސޭހަތުގެ އަޑު އެހުން ބުއްދިވެރި. އެއްދުރު މިނަކުން ފޮތް ކިޔުމުން، ނޫނީ ލެޑް ސްކްރީނެއް ބޭނުން ކުރުމުން ކުދިންގެ ލޮލަށް ގެއްލުން ވޭތޯ ޑޮކްޓަރާ ސުވާލުކޮށްލިންތަ؟ އާންމުގޮތެއްގައި ކަރުދާސް ނުވަތަ އީ- އިންކް ސްކްރީން އަށް ގިނަ އިރު ބެލުމުން ކުދިންގެ ލޮލުގެ ފެނުމަށް ކުރާ އަސަރަށްވުރެ ގަދަ އަލި ހުންނަ، ލެޑް ސްކްރީންތަކަށް ބެލުމުން ކުރާ ނޭދެވޭ އަސަރު ބޮޑު. އެއީ ފޯކަސް ކުރަން ލޮލަށް ބާރު އަޅާތީ،" ޓެބްލެޓާ ގުޅުވައިގެން ބެލެނިވެރިއަކު ކުރި ޓްވީޓަކަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ނިޔާފު ކޮމެންޓެއް ކުރައްވާފައި ވެއެވެ.

މިއާ ވިދިގެން އަންނަ ދެވަނަ ކަންބޮޑުވުމަކީ ބައެއް ބެލެނިވެރިންނަކީ ޓެބްލެޓާއި އެނޫންވެސް އެބާވަތުގެ ޑިޖިޓަލް ސާމާނާ އެހާ ރައްޓެހި ބަޔަކަށް ނުވުމެވެ. ހަމަ އެއާއެކު ހުރިހާ ގެއެއްގައި އިންޓަނެޓް ވެސް ނުހުންނާނެ އެވެ. އީ-ބުކް ބޭނުން ކުރާނަމަ ސްކޫލާއި ސްކޫލުން ބޭރުގައި ކުދިންނަށް ވައިފައި ބޭނުންވާނެ އެވެ. އެހެންކަމަށް ވާނަމަ އީ ބުކް ނިޒާމަކީ ވަކި ހަރަދުކުޑަ ނިޒާކަމަށް ވެސް ނުވާނެ އެވެ.

ގިނަ ބެލެނިވެރިންގެ ޝަކުވާތަކެއް ހުއްޓަސް ޓެކްސްޓްފޮތް ޓެބްލެޓް މަޝްރޫއަށް ތާއީދު ބެލެނިވެރިން ތިބީ ރާއްޖޭގެ ކިޔަވައިދިނުމުގެ ދާއިރާއަށް އަންނަން އުޅޭ ތަފާތު ބަދަލުގެ ނަތީޖާ ނުކުންނާނެ ގޮތެއް ބަލަން ބޭނުން ވެފައެވެ. މުޅިން ޑިޖިޓަލައިޒްޑް ތައުލީމީ ނިޒާމުތަކެއް އޮތީ ދުނިޔޭގެ ނިސްބަތުން ވެސް މަދު ގައުމުތަކެއްގަ އެވެ. އެމެރިކާގައި ވެސް ބައެއް ސްކޫލުތަކުގައި އީ ބުކް ނިޒާމް ކާމިޔާބެވެ. ނަމަވެސް އެ ލިސްޓަށް ރާއްޖެ ވަދެގެންދާއިރު އެއީ ހެޔޮ ބަދަލަކަށް ވެދާނެކަން ސީދާ އަދި ބުނަން ދައްޗެވެ.

އަންނަ އަހަރުގެ ކިޔެވުން ފަށައިގެން ވަކި ހިސާބަކުން ހުރިހާ ސްކޫލަކަށް ޓެބްލެޓް ތައާރަފް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވީ ނަމަވެސް ޓެބްލެޓް ދޫކުރާ އުސޫލަކާއި އެ ބޭނުން ކުރާނެ ގޮތުގެ ތަފްސީލެއް އެޑިއުކޭޝަން މިނިސްޓްރީން ދީފައެއްނުވެ އެވެ. އެވަރުގެ ބަދަލެއް ތައުލީމީ ނިޒާމަށް ގެންނަ އިރު ހަދަންޖެހޭ އެސެސްމަންޓްތަކާއި ޓީޗަރުންނަށް ދޭންޖެހޭ ތަމްރީންތައް ވެސް ހުންނާނެ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ވެސް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ. އެ މައުލޫމާތު ސާފުކުރަން މިނިސްޓްރީއަށް ގުޅުމުން ޖަވާބެއް ލިބޭ ގޮތެއްވެސް އަދި ނުވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، އަންނަ އަހަރުގެ ވަކި ހިސާބަކުން ޓެބްލެޓްތައް ބޭނުން ކުރަން ފެށި ނަމަވެސް ދަރިވަރުން ޓެބްލެޓްތަކަށް ހޭލުންތެރި ކުރުވުމުގެ މަސަައްކަތް ކުރިއަށްދާއިރު ބޭނުން ކުރާނީ މިހާރު ވެސް ގެންގުޅޭ ފޮތްތައް ކަމަށެވެ. މުޅި ނިޒާމް ޑިޖިޓަލައިޒް ވެގެން ދިޔުމަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލަން ޖެހޭ ބޮޑު މަސައްކަތަކަށް ވާތީ ކުއްލިއަކަށް އެ ނިޒާމަށް ބަދަލްކޮށްލުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށެވެ. ނަމަވެސް ސްކޫލް ހުޅުވެން މަދު ދުވަސްކޮޅަކަށްވެ، ބެލެނިވެރިންގެ ކަންބޮޑުވުން އިތުރުވަމުންދާއިރު މިއަށްވުރެ ތަފްސީލު ގޮތެއްގައި އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ފޯރުކޮށްދޭން ޖެހެއެވެ.