ކްރިމިނަލް ކޯޓް

"ގޮތް ކަނޑަނާޅަނީސް އިންސާފު ނުލިބޭ ވާހަކަ ނުދެއްކޭނެ"

ޝަރީއަތުން ގޮތެއް ކަނޑައެޅުމުގެ ކުރިން އިންސާފު ނުލިބޭ ވާހަކަ ދައްކަން ފުރުސަތު ނުލިބޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

މިއަދު އެ ކޯޓުގައި ބޭއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ޝަރީއަތުގެ އަޑު އެހުމުގައި އިންސާފު ނުލިބޭ ކަމަށް ވިދާޅުވެ ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހުން ފާޅުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ފާރިސް ވިދާޅުވީ، އޭނާއަށް އިންސާފު ލިބޭ ތަން ނުފެންނަ ކަމަށެވެ.

އެއާއެކު ގާޒީ އަލީ އާދަމް ވަނީ އިންސާފު ނުލިބޭ ކަމަށް ވިދާޅުވާ ވިދާޅުވުމުން އަމާޒު ވަނީ ކޮން ފަރާތަކާތޯ ސުވާލު ކުރައްވާފަ އެވެ. އެ ވާހަކަ ޝަރީއަތަށް އަމާޒު ކުރައްވާނަމަ އެކަން ނުކުރެއްވުމަށް ވެސް އެންގެވި އެވެ. ގާޒީ ވިދާޅުވީ، ޝަރީއަތުން މަސައްކަތް ކުރަނީ އިންސާފު ގާއިމު ކޮށްދިނުމަށް ކަމަށެވެ. މައްސަލާގައި ވަކި ގޮތެއް ކަނޑަނާޅަނީސް އިންސާފު ނުލިބޭ ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ގާޒީއަށް ޖަވާބު ދެއްވަމުން ފާރިސް ވިދާޅުވީ، ޝަރީއަތުން ކަންކަން ފަހި ކޮށްދެއްވަން މަސައްކަތް ކުރައްވާކަން ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަންކަން ހާސިލުވަމުން އެއްގޮތަކަށް ވެސް ނުދާ ކަމަށެވެ. އެގޮތުން ޝަރީއަތުން ވަކީލުންނާ ބައްދަލު ކުރުމަށް އިތުރު ފުރުސަތު ދިނުމަށް އަންގާފައިވީ ނަމަވެސް އެ ފުރުސަތު ވެސް ނުލިބޭ ކަމަށެވެ.

މިއަދުގެ މަޖިލީހުގައި ހިތްހަމަނުޖެހުމާއެކު، ފާރިސް ވާހަކަ ދައްކަވާފައިވެ އެވެ. އެއީ ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި، ފޮރެންސިކް ރިޕޯޓްގައި ކުށެއްވާ ކަމަށް ދައުލަތުގެ ވަކީލް އެންމެފަހު ވަގުތު ވިދާޅުވުމުންނެވެ. ލިޔެކިޔުމުގައި ކުށް ޖެހުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ދައުލަތުގެ ވަކީލް ވާހަކަ ދެއްކެވުމުން ފާރިސް ވިދާޅުވީ، ދައުލަތުގެ ހުރިހާ ބާރަކާއި ފާރިސްގެ ދިފާއުގައި ހުށަހަޅާ ލިޔެކިޔުންތަކާ އަޅާ ނުކިޔޭނެ ކަމަށެވެ.

"ދައުލަތުގެ ހުރިހާ ބާރެއް ލިބި އޮވެ، މިކަހަލަ ކުށްތައް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، އަޅުގަނޑު މި ހުންނަނީ ބަންދުގަ، ދިފާއު ތައްޔާރުކުރަން އެކަށީގެންވާ ވަގުތެއް ނުލިބޭ، އަޅުގަނޑުމެން ދިފާއު ތައްޔާރުކޮށް އެއަށް ވާހަކަ ދެއްކީމަ މި ބުނަނީ އެއީ ކުށެކޭ، ދެން ކުރިއަށް ވެސް އެހެން ނަހަދާނެ ކަމުގެ ޔަގީން ކަމެއް ނެތް، ދައުވާއާ ގުޅޭ ގޮތުން ވެސް ހ، ނޫނީ ށ ތޯ ޔަގީން ކުރަން ދައުލަތަށް ދެ ހަފުތާ ނެގި،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، ދައުލަތުގެ އަމަލުތައް އެހެން ހުރިއިރު އިންސާފު ލިބޭ ކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އޭނާއަށް އިންސާފު ނުލިބޭ ކަމަށެވެ. ފާރިސް އާއި އޭނާގެ ވަކީލުން ގެންދަވަނީ ތަކުރާރުކޮށް ހައްގުތައް ގެއްލިގެންދާ ކަމުގެ ވާހަކަ ދައްކަވަމުންނެވެ.

މީގެކުރިން މި މައްސަލާގައި ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލިއިރު ވެސް ލިޔެކިޔުމުގައި ގާނޫނީ މާއްދާ ނުބައިކޮށް ލިޔެވިފައިވެ އެވެ. އެކަން ފަހުން ޕީޖީިއިން އިސްލާހު ކުރި އެވެ.