ވިޔަފާރި

ބޭރުގެ

Dec 19, 2014
4

ޓޫރިޒަމް ދާއިރާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވިފައިވާ ދޮރެކެވެ. މި ދޮރުން ވަދެ ރާއްޖޭގެ ގިނަ ބަޔަކު ދަނީ ވިޔަފާރި ކުރަމުންނެވެ. މިފަދަ އެއް ބަޔަކީ ދިވެހި ފޮޓޯގްރާފަރުންނެވެ. މި މަސައްކަތުގައި ދިވެހި އެތައް ހުނަރުވެރިންނެއް މަސައްކަތް ކުރެ އެވެ. ނަމަވެސް މި ހުނަރު ވެރިންގެ ދުވެލި މިހާރު ދަނީ މަޑު ޖެހެމުންނެވެ. މީގެ އެއް ސަބަބަކީ ރާއްޖޭގެ ގާނޫނާ ހިލާފަށް މަސައްކަތް ކުރާ ބޭރު މީހުންނެވެ.

މަސައްކަތު ވިސާ ނެތި ރާއްޖެ އެތެރެވެ މަސައްކަތް ކުރަމުން ގެންދާ "ވަގު" ފޮޓޯގްރާފަރުންނެވެ.

"މިހާރު މި މަސައްކަތުގެ އަގެއް ނެތް. ރާއްޖޭގައި ވޯކް ވިސާނެތި މަސައްކަތް ކުރާ ބޭރު މީހުން މަސައްކަތުގެ އަގު ވައްޓާލައިފި،" ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފޮޓޯގްރާފަރު ކަމުގައިވާ އަލީ ނިޝާން (މިލްޒީރޯ) ބުނީ މިހެންނެވެ.

ފޮޓޯ ގްރާފަރުންގެ ދާއިރާއަކީ ބިދޭސީންގެ ސަބަބުން އެންމެ ބޮޑަށް ޒަހަމް ވަމުންދާ އެއް ދާއިރާކަން ޔަގީނެވެ. ވަރަށް ގިނަ ދިވެހި ޒުވާނުންތަކެއްގެ އުއްމީދުތަކާ ގުޅިފައިވާ ދާއިރާއެކެވެ.

ނަމަވެސް އެމީހުންގެ ކާމިޔާބީ އާއި އާމްދަނީ އަށް މި ވަނީ ފަރަންޖީ ނުރައްކަލެއް ކުރިމަތިވެފަ އެވެ. ކުރިން ދިވެހި ފޮޓޯގްރާފަރުންނަށް ރިސޯޓް ފޮޓޯ ސެޝަނަކުން 800 ޑޮލަރު ލިބުނަސް އެ ނަފާގެ ދޮރު މިހާރު ވަނީ ގާތްގަނޑަށް ބަންދުވެފަ އެވެ.

ރިސޯޓުތަކުގައި ފޮޓޯގްރެފީގެ މަސައްކަތް ކުރުމަށް ބޭރުގެ ގިނަ ބަޔަކު މިހާރު އެބަތިއްބެވެ. ނަމަވެސް މިއީ ރާއްޖޭގެ ގާނޫނާ ކަނޑެޅިގެން ހިލާފު ކަމެކެވެ. ސަބަބަކީ މީގެ ތެރެއިން ގިނަ ބައެއްގެ އަތުގައި ވޯކް ވިސާ ނެތުމެވެ. މި މީހުން ހަދާ ގޮތަކީ ވިސާ ހަމަވާން ކައިރިވުމުން ސްރީލަންކާ ނުވަތަ އެފަދަ ކޮންމެ ވެސް ގައުމަކަށް ދަނީ އެވެ. ބިދޭސީ މި ފޮޓޯގްރާފަރުންގެ ފަހަތުގައި ތިބީ "ބައިއަޅާ" ދިވެހިންގެ ބައެކެވެ.

ބިދޭސީ ފޮޓޯގްރާފަރު ނަގާ ކޮންމެ ފޮޓޯ ސެޝަނަކުން އޭނާގެ ދިވެހި އެކުވެރިޔާ އަށް "ކަޓު" ލިބެ އެވެ. އެހެންވީމަ ދިވެހި މީހާގެ "ވާޖިބަކަށް" ވެފައި އޮންނަނީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ޔޫރަޕް މީހާ ހިމާޔަތްކުރުމެވެ.

ފޮޓޯގްރެފީގެ މަސައްކަތުގައި ހަރަކާތެރިވާ ޕްރޮފެޝަނަލް ފޮޓޯގްރާފަރެއް ބުނި ގޮތުގައި ވޯކް ވިސާނެތި ބޭރުން އައިސް މަސައްކަތް ކުރާ ބިދޭސީން މަސައްކަތް ކުރަނީ ބޮޑެތި އެޕާޓްމަންޓްތައް ވެސް ތަންތަނުން ހިފައިގެން ވަރަށް ވެސް "ހައިބަތުގަ" އެވެ.

"ހުޅުމާލެ އާއި މާލޭގެ އެޕާޓްމަންޓްތައް ނަގައިގެން އެ މީހުން އެބަ މަސައްކަތް ކުރޭ. އެމީހުންގެ އެބަ އުޅޭ ބޮޑެތި ރިސޯޓްތަކުގެ ކޮޓަރި ހިފައިގެން. އެ މީހުން ބޮޑަށް މި ނަގަނީ ރިސޯޓްތަކުގެ ފޮޓޯ. ލޯކަލް ވެޑިން ވެސް މިހާރު އެބަ ނަގާ. ބައެއް މީހުން އެބަ ނަގާ ދޭ 1500ރ. ވަރަށް. މީގެ ސަބަބުން ދިވެހިންގެ މަސައްކަތުގެ އަގު ވެއްޓެނީ،" ފޮޓޯގްރާފަރެއް ބުންޏެވެ.

މި ގޮތަށް ޓޫރިސްޓު ވިސާގައި އައިސް ރާއްޖޭގައި މަސައްކަތް ކުރާ ފޮޓޯގްރާފަރުންގެ "ވަގު" މަސައްކަތް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހި ފޮޓޯގްރާފަރުން ދަނީ މަސައްކަތް ވެސް ކުރަމުންނެވެ.

ވިސާނެތި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމުގެ ކެމްޕޭނެއް ވެސް ދިވެހި ފޮޓޯގްރާފަރުންގެ "ފޮޓޯ ކައުންސިލް" އިން ވަނީ ފަށައިފަ އެވެ. އެއީ ދިވެހި ފޮޓޯގްރާފަރުންތަކެއްގެ މައްޗަށް އެކުލެވޭ ޖަމިއްޔާ އެކެވެ.

އެމީހުންގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފައިވާ ބައެއް މައުލޫމާތުތަކުން އެނގޭ ގޮތުން ޗައިނާ އާއި ރަޝިއާ އާއި ޔޫކްރެއިން ފަދަ ގައުމުތަކުގެ "ފޮޓޯ ކުންފުނިތަކުން" ވެސް ރާއްޖޭގެ ރިސޯޓްތަކުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް އެބަ ކުރެ އެވެ. މިފަދަ ކުންފުނިތަކުގައި ރާއްޖޭގެ ބޮޑެތި ރިސޯޓްތަކުގެ މަތީ މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބިކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ރާއްޖޭގައި އެއްވެސް ވިޔަފާރިއެއް ކުރެވޭނީ އެ ވިޔަފާރިއެއް ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނެވެ. އެ ކަމަށް ބަލައި ސަރުކާރުން މި އަހަރުގެ މެއި މަހު "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު" ގެ ނަމުގައި ގާނޫނެއް އެކުލަވާލާފައިވެ އެވެ. މި ގާނޫނުގައި ވާ ގޮތުން ބިދޭސީންނަށް ނުކުރެވޭނެ ވިޔަފާރިތައް ވެސް ބުނެދީފައިވެ އެވެ.

އެ ގާނޫނުގައި ވާ ގޮތުގައި ބިދޭސީއަކު ކުރަމުން އަންނަ ވިޔަފާރިއެއްގެ ސަބަބުން ދިވެހި ވިޔަފާރިއަކަށް ނޫނީ މަސްލަހަތަށް އަސަރު ކުރާނަމަ ޝަރުއީ މަރުހަލާގެ ތެރެއިން އެކަމެއް ހުއްޓުވުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބެ އެވެ. މީގެ އިތުރުން ބިދޭސީ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރެވޭނީ އެއްލައްކަ ޑޮލަރުގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓައިގެން ކަމަށް ވެސް ބުނެފައި އެބައޮތެވެ.

އަދި އެ ގަވާއިދުގެ ދަށުން، އެއްވެސް ވިޔަފާރިއެއް ކުރެވޭނީ އެ ވިޔަފާރިއެއްގެ ނަމާއި ބާވަތް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެންނެވެ.

މީގެ ބޭނުމަކީ ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމެވެ. ފޮޓޯގްރާފީގެ ދާއިރާއަކީ ވެސް ދިވެހިން ކުރަމުން އަންނަ މުހިންމު ވިޔަފާރި އެކެވެ. އެހެންވީމަ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި، ހުއްދަ ނުނަގައި މިކުރާ ވިޔަފާރި ނުހުއްޓުވެނީ ކީއްވެގެން ހެއްޔެވެ؟

މިއީ ވަރަށް ގިނަ ޒުވާނުންތަކެއްގެ މުސްތަގުބަލާ ގުޅިފައިވާ ކަމެކެވެ. ހުނަރުވެރި ފަންނުވެރިންގެ އަގު ޒަވަންކުރުމުގެ ސަގާފަތެއް ރާއްޖޭގައި ނޯންނަކަން އެންމެނަށް ވެސް އެނގެ އެވެ. ނަމަވެސް ފޮޓޯގްރެފީ ފަދަ ހުނަރުވެރި މަސައްކަތްތަކުން ވަރަށް ގިނަ ދިވެހި ޒުވާނުން ދިރިއުޅުމުގެ ދެ ވަނަ ފުރުސަތެއް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.

އެހެންކަމުން މި މަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅުން ކޮޅަށް ނަގަން މަސައްކަތްކުރާ ދިވެހިންނަށް ސަރުކާރުގެ ބާރު ހިނގާ އަތެއްގެ ބޭނުން މި އޮތީ ޖެހިގަ އެވެ. ސަރުކާރު ތެރެއިން މި ފޮޓޯގްރާފަރުންނަށް އެހީވާނީ ކާކުތޯ އެވެ؟