ހަބަރު

މަސް ދޯނިތަކުގައި ވިހަ ގޭސް ބޭނުންކުރުން ހުއްޓާލަން އެއްބަސްވެއްޖެ

މަސްވެރިކަމުގެ ދާއިރާގައި ގެންގުޅޭ ފިނިކުރާ ނިޒާމްތަކުން ކްލޯރޯ ފްލޯރޯ ކާބަން (އެޗްސީއެފްސީ) ބޭނުންކުރުން ހުއްޓާލުމަށް އެފަދަ ގޭސް ބޭނުންކުރާ އިކްއިޕްމަންޓްތައް ތިމާވެއްޓާ ރައްޓެހި ތަކެއްޗަށް ބަދަލުކުރަން އެންވަޔަރަމަންޓް މިނިސްޓްރީން މިފްކޯ އާ ހަވާލުކޮށްފި އެވެ.

ކްލޯރޯފްލޯރޯ ކާބަންއަކީ އާންމުކޮށް ބޭނުންކުރާ ރެފްރިޖަރޭޓާ އަދި އޭސީ ފަދަ ތަކެތީގައި ހުންނަ އޯޒޯން ފަށަލައަށް ގެއްލުންދޭ ވިހަ ގޭހެކެވެ.

މަސްވެރި އުޅަނދުތަކުން ސީއެފްސީ ނައްތާލުމާބެހޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިއަދު ސޮއިކުރެއްވީ ސްޓޭޓްމިނިސްޓަރު އަބްދުﷲ ޒިޔާދެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދްލީ އިސްމާއީލެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން މިނިސްޓްރީން މިއަދު ބުނީ، އޯޒޯންފަށަލަ ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވެފައިވާތީ އެ މުއާހަދާގެ ދަށުން އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާގައި މި ގޭސް ބޭނުން ކުރުން ހުއްޓާލުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓްރީ އާއި މިފްކޯ އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މަސްވެރި އުޅަނދުތަކުގައި ހުންނަ ސީއެފްސީ ބޭނުންކުރާ އިކުއިޕްމަންޓްގެ ބަދަލުގައި ތިމާވެށްޓާ ރައްޓެހި ތަކެތި ގަންނަން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އެގޮތުން 2.4 މިލިއަން ދިވެހި ރުފިޔާ މާލީ އެހީގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީއަށް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޕްރޮޖެކްޓް ހިންގަނީ މަލްޓިލެޓެރަލް ފަންޑް ގެ ހިލޭގެ އެހީގެ ދަށުންނެވެ.