ބޮލީވުޑް

"ޕަދްމާވަތް" ރާޖަސްތާނުގައި ރިލީޒްކުރުން މަނާ

ސެންސަރު ބޯޑުގައި ތާށިވެފައި އޮތް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތް" އެންމެފަހުން މި މަހުގެ 25 ވަނަ ދުވަހުގެ ރިލީޒްކުރުމުގެ ހުއްދަ ސެންސަރު ބޯޑުން ވަނީ ދީފަ އެވެ.

ރާޖަސްތާނަށް ނިސްބަތްވާ ކަރްނީ ސެނާ ކިޔާ ހިންދޫ ގްރޫޕަކުން މި ފިލްމާ ދެކޮޅަށް ކުރަމުން އައި މުޒާހަރާތަކުގެ ސަބަބުން ފިލްމު ރިލީޒްކުރަން ކަނޑައެޅި ތާރީހު، އެކެއް ޑިސެމްބަރުގައި ވަނީ ރިލީޒްނުކުރެވިފަ އެވެ.

މުޒާހަރާތަކާ ގުޅިގެން ސެންސަރު ބޯޑުން ފާސްނުކޮށްދީ އޮތް މި ފިލްމު މިދިޔަ މަހުގެ ތެރޭގައި ފާސްކޮށްދޭން ނިންމީ ފިލްމުގެ ނަން "ޕަދްމާވަތް" އަށް ބަދަލުކޮށް ބައެއް މަންޒަރުތަކުގެ ނަންތައް ބަދަލުކުރުމަށެވެ.

ސެންސަރު ބޯޑުގެ ހުއްދަ އާއެކު މި ފިލްމު މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރުވަމުން އަންނައިރު، ރާޖަސްތާނު ފިޔަވައި އިންޑިއާގެ އެހެން ހުރިހާ ސަރަހައްދެއްގައި ފިލްމު ރިލީޒްކުރާނެ އެވެ.

ރާޖަސްތާނުގެ ސަރުކާރުން ވަނީ އެ ސްޓޭޓުގެ ރައްޔިތުންގެ އިހްސާސްތަކާ ކުޅުމަށްފަހު ފިލްމު ރިލީޒްކުރުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. އެހެންކަމުން އެ ފިލްމު އެ ސްޓޭޓުގައި ރިލީޒްކުރުމުގެ ހުއްދަ ނުދޭނެ ކަމަށެވެ.

"ރާނީ ޕަދްމިނީގެ ގުރުބާނީ މުޅި މި ސްޓޭޓުގެ ރައްޔިތުން ފަހުރުވެރި ކަމާއެކު ބަލައިގަނޭ، އޭނާ އަކީ މުޅި ސްޓޭޓުގެ ފަހުރެއް. އެއީ ތާރީހީ ގޮތުން ހަމައެކަނި ބަލައިގަންނަ ޝަހުސިއްޔަތެއް ނޫން އެއީ އަހަރުމެންގެ ފަހުރެއް، ރާނީ ޕަދްމިނީގެ ގަދަރާ އިއްޒަތަށް އުނިކަން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ،" ރާޖަސްތާނުގެ ސަރުކާރުން ބުނެފައިވެ އެވެ.

ސެންސަރު ބޯޑުން ހުއްދަ ލިބުނަސް މި ފިލްމަށް ކަރްނީ ސެނާއިން ކުރަމުން އަންނަ ދުއްތުރާތައް ހުއްޓޭ ގޮތެއް ނުވެ އެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިނގައި މި ފިލްމު އަމާންކަމާ އެކު ރިލީޒްކުރެވިދާނެ ކަމާ މެދު ޝައްކެވެ.

"ޕަދްމާވަތް" އާއި އަކްޝޭ ކުމާރު ލީޑްރޯލުން ފެނިގެންދާ "ޕެޑްމޭން" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އެއް ދުވަހެއްގަ އެވެ.