އަހުމަދު ނިހާން ހުސައިން މަނިކު

ސެކިއުރިޓީ މައްސަލާގައި ނިހާންއަށް ޔުމްނާގެ ރައްދެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސެކިއުރިޓީ ވަރުގަދަ ކުރީ ސިޔާސީ ބޭނުމެއް އޮވެގެން ނޫން ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވުމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރައްދު ދެއްވައިފި އެވެ.

ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުމެއްދޭން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ސިފައިން މ. އެނދެރިމާގޭގައި ސެކިއުރިޓީ ވަރުގަދަކޮށް، ގެއަށް ވަންނަ މީހުންގެ ނަންނޯޓު ކުރަމުންދާތީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ސިފައިންގެ އެ ފިޔަވަޅަކީ ރައީސް މައުމޫން ސިޔާސީ އެއްވެސް ބައްދަލުވުންތަކަށް ދިޔުމަށް ހުރަސް އަޅަން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނުން ލާޒިމް ކުރާތީ އަޅާ ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް އެކަމަށް ރައްދުދެއްވައި، ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން ރައީސް މައުމޫންއަށް ލިބިދޭން ޖެހޭ ސެކިއުރިޓީ ކުއްލިއަކަށް ކަނޑާލި ކަމަށެވެ. އަދި އެއީ ވެސް ސިޔާސީ ކަމެއް ނޫންތޯ ޔުމްނާ ސުވާލު އުފެއްދި އެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓު -

ޔުމްނާ އެ އިޝާރާތް ކުރެއްވީމިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރައީސް މައުމޫން ރާއްޖެއިން ބޭރަށް ވަޑައިގެންނަން އެއާޕޯޓަށް ވަޑައިގެން ފަހުން އެމަނިކުފާނުގެ ސެކިއުރިޓީން ދަތުރުކުރަން އެމްއެންޑީއެފް އިން މަނާކުރި މައްސަލައަށެވެ. މައުމޫނާއެކު ސިންގަޕޫރަށް ފުރުމަށް ތައްޔާރުވި ދެ ސެކިއުރިޓީން ނުފުރައި އަނބުރާ މާލެ އަންނަން އެމްއެންޑީއެފް އިން އެނގި ސަބަބެއް ސިފައިން ވިދާޅެއް ނުވެ އެވެ. ނަމަވެސް އެކަމާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

ރައީސް މައުމޫންގެ ހަށިކޮޅަށް ގެއްލުން ދޭން އުޅޭ ކަމަށް ބުނެ އެމްއެންޑީއެފް އިން އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވީ ނަމަވެސް އެކަމުގެ ތަފްސީލެއް ވެސް އެމްއެންޑީއެފް އިން ހާމައެއް ނުކުރެ އެވެ. އަދި ނުރައްކަލެއް ވާނަމަ އޭގެ ތަފްސީލު ހާމަ ކުރަން އެދި ރައީސް މައުމޫން ވަނީ އެމްއެންޑީއެފްއަށް ސިޓީ ވެސް ހުށަހަޅާފަ އެވެ.