ސިއްހަތު

އޮފީހުގައި ގަސް ބަހައްޓާ، ބަލިތަކުން ދުރުވެ، ސްޓްރެސް ފިލާނެ!

އޮފީސް މާހައުލުގައި ގަސްގަހާގެހި ހުރުމުން ކުދި ބަލިތައް ޖެހުމުން ދުރުކޮށްދީ، ސްޓްރެސް ފިލުވައިދޭން އެހީތެރިވެދޭ ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. ތަޖުރިބާކާރުން މިހެން ބުނެފައިވާނީ ތަފާތު ދިރާސާތައް ޝާއިރުކުރާ ނޫހެއް ކަމަށްވާ އޮސްޓުރޭލިއާގެ ދަ ކޮންވަޒޭޝަންގަ އެވެ.

އުސް އިމާރަތްތަކުގައި އޮފީސް ހުންނަ މީހުނަށް މިއީ ކުރުން ރަނގަޅުކަމެކެވެ. އެއީ އާންމުކޮށް މިފަދަ އިމާރަތްތަކުގައި ސާފު ވައި ނުލިބުމާއި، އޮފީސްގައި ހުންނަ ފަރުނީޗަރުތަކުގެ ބޭނުންކޮށްފައި ހުންނަ ކެމިކަލްތަކުގެ ސަބަބުން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވާތީ އެވެ.

ތަޖުރިބާކާރުން ބުނި ގޮތުގައި އޮފީހުގައި ގަހެއް ހުރުމުން އެ މާހައުލެއްގެ ވައިގައި ހުރި ނުސާފުކަން ގަހުގެ އެހީގައި ސާފުކޮށްދެ އެވެ. އޮފީސް ފަރުނީޗަރާއި، އޮފީސް ސާފުކުރުމަށް ބޭނުންކުރާ އެކި ކަހަލަ ކެމިކަލްތަކުން އުފެދޭ ވިހަ މާއްދާތައް ގަހުން ދަމައިގަނެ، ސާފު ވައިގެ ގޮތުގައި މާހައުލަށް ބޭރުކޮށްލަ އެވެ.

އޮފީސްތަކުގައި މިގޮތައް ބަހައްޓާ ގަސްތަކުގެ އަޑީގައި ވެސް ވިހަ މާއްދާތައް އުފައްދާ ބެކްޓީރިއާތައް އުޅެ އެވެ. އެހެންނަމަވެސް މި ގޮތައް ގަސްގަހާގެހިން އުފެދޭ ބެކްޓީރިއާތަކަކީ އޭގެން ފައިދާތަކެއްވެސް ކުރާނެ އެއްޗެއްކަމަށް މި ތަޖުރިބާކާރުން ދެކެ އެވެ. ސަބަބެއް ކަމަށް ވަނީ ގަސްގަހާގެހިން އުފެދޭ ބެކްޓީރިއާއިން ފަންގައި އަދި ޕެރެސައިޓްފަދަ ނުރައްކާތެރި މާއްދާތަކުން އުފެދޭ ބަލިތައް ޖެހުމުން ސަލާމަތްކޮށްދޭތީ އެވެ.

އާންމުކޮށް މިގޮތައް އޮފީހުގައި ބެހެއްޓުން ރަނގަޅީ ފެހިކުލަ ގަދަ ގަސް ކަމަށް ތަޖުރިބާކާރުން ބުނެފައިވެ އެވެ. ކުދި ރުއް، އެލޯ ވެރާ، އިންގްލިޝް އައިވީ، އަދި ޕީސް ލިލީއަކީ މިގޮތައް ބަހައްޓަން އެންމެ ރަނގަޅު ވައްތަރުތަކުގެ ގަހެވެ.

އޮފީސް މާހައުލު ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހުރުމުން އޮފީހުގައި މަސައްކަތްކުރާ މީހުނަށް ހިތްހަމަޖެހިގެން މަސައްކަތްކުރެވޭނެ ކަމަށް އެހެން ދިރާސާތަކުން ވެސް ޔަގީންކޮށްދީފައިވެ އެވެ.

ތަޖުރިބާކާރުންގެ މި ބުނުމަށް މީގެ ކުރިން ނާސާގެ ސައިންޓިސްޓުންތަކެއް ހަދާފައިވާ ދިރާސާއަކުން ބާރު ދެ އެވެ. އެ ދިރާސާގައި ބުނެފައިވަނީ އެކި ކަހަލަ ގަސްގަހާގެހި ގޭގެ މާހައުލުގައި ހުރުމުން އެކި ކަހަލަ ސިއްހީ މައްސަލަތަކުން ރައްކާތެރިކޮށްދޭ ކަމަށެވެ.