ޓެރަރިޒަމާއި ހައްދު ފަހަނަ އެޅުމާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކާބެހޭ ފުރިހަމަ މައުލޫމާތު ޖަރުމަނު ސަރުކާރާ ހިއްސާކޮށްފިއެވެ. ޓެރަރިޒަމާއި ހައްދުފަހަަނައެޅުން ހުއްޓުވަން ރާއްޖޭން ކުރާ މަސަކަތް ރާއްޖޭގެ ފަރާތުން ޖަރުމަނު ސަރުކާރާ ހިއްސާ ކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
އެ މައުލޫމާތު ހިއްސާކުރެއްވީ ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖެން ރޮޑާއާ އެކު މިނިސްޓަރު ބޭއްވެވި ބައްދަލުވުމެއްގައެވެ.
ބައްދަލުވުން އޮތީ ބަންޑާރަކޮށީގައި މިއަދު ހެނދުނުއެވެ. އެ ބަައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުން ހުއްޓުވަން ދެގައުމު ގުޅިގެން ކުރެވިދާނެ މަސަައްކަތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ބުނީ އެ މަސައްކަތް ކުރުމަށް ގާއިމް ކޮށްފައިވާ ވަަސީލަތްތަކާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖެއާ ޖަރުމަނާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތް ފަހަކަށް އައިސް ވަނީ އިތުރުކޮށްފައެވެ. އެ މަސައްކަތް ކުރުމަށް ހާއްސަ ސެންޓަރެއް ވެސް ޑިފެންސް މިނިސްޓްރީން ވަނީ އުފައްދާފައެވެ.