ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތަކުގެ ލިސްޓް ހާމަކުރުމުން ލިބޭނެ ފައިދާއަށްވުރެ ނުރައްކާ ބޮޑުވެދާނެ ކަމަށާއި ކުރީ ސަރުކާރުގައި ވެސް އެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު، މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
ޓެރަރެރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތައް އާންމު ނުކުރަން ކުރީގެ ސަރުކާރުން ނިންމީ، އެކަމުން އިތުރު ނުރައްކާތަކެއް ދިމާވެދާނެ ކަމެއް ކަމަށް ސަލާމަތީ ބާރުތަކަށް އޭރު ގަބޫލު ކުރެވުމުން ކަމަށެވެ.
"ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް އާންމު ކޮށްފިނަމަ ލިބޭނެ ގެއްލުން ބޮޑުވާނެކަމަށް އޭރު ސަލާމަތީ ހިދުމަތްތަކުގައި ތިއްބެވި ބޭފުޅުން ވިދާޅުވި، އޭރު ގަބޫލުކުރެވުނީ ލިސްޓެއް އާންމު ކުރުމަކީ އެ ޖަމާއަތްތަކުގެ ނުރައްކާ ރާއްޖެއަށް އިތުރަށް ބޮޑުވެދާނެ ކަމަކަށް، އެހެންވެ އެ ލިސްޓު އާންމު ކުރުމަށްވުރެ ސިއްރު ކޮށްގެން ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބައްލަވަން ބޭނުންވާނަމަ ބެލޭނެ ގޮތަށް ގާނޫނު އޮތުން މުހިއްމު،" ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ޝަރީފު ވިދާޅުވި އެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ނަންތައް ހާމަކުރުމުން ނުރައްކާ ބޮޑުވެެދާނެ ކަމަށް ބެލެވޭތީ މިދިޔަ ސަރުކާރުން އެ ޖަމާއަތްތަކުގެ ލިސްޓް އާންމު ނުކުރީ ކަމަށް ޝަރީފް ވިދާޅުވިއިރު، ޓެރަރިސްޓް ޖަމާއަތްތައް ކަމަށް މި ސަރުކާރަށް ގަބޫލު ކުރާ 17 ޖަމާއަތެއްގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާމަ ކުރައްވައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް ހާމަ ކުރަން ސަރުކާރުން ނިންމީ އެ ޖަމާއަތްތަކީ ކޮބައިކަން ނޭނގި އެ ޖަމާއަތްތަކުގައި ބައިވެރިވުނަސް އާންމުންނަށް އެކަން ނޭނގިދާނެތީ ކަމަށާއި އެއީ ކޮންމެ ރައްޔިތަކަށް ވެސް އެނގެން ޖެހޭ މައުލޫމާތެއް ކަމަށެވެ.