ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދާ މައްސަލަތަކުގައި ސަރުކާރުން މިހާރު ގެންގުޅެނީ ރާއްޖެ ބަދުނާމުވާނެ ސިޔާސަތުތަކެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި އާދަމް ޝަރީފް ވަނީ ޓެރަރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ޓެރަރިޒަމާއި ހައްދުފަހަނަ އަޅާ ދިއުމުގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅެނީ ރާއްޖެ ބަދުނާމުވާނެ ސިޔާސަތުތަކެއް ކަމަށާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ހުށައަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުުރުމަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ.
"ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ހުށައަޅާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅު ކުރުމަށް ހުރަސް އެޅޭނެ. މިކަމާ އިންތިހާއަށް ކަންބޮޑުވޭ." މެންބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މީހާ ނޫން އެހެން މީހަކަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ރަހީނުކޮށް ފޮރުވުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނޫނީ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން ހިމެނެ އެވެ.
ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތެއް ނުރައްކަލެއް ކުރިމަތި ކުރުމުގެ އިތުރުން އުމްރާނީ ވަސީލަތަކަށް ގެއްލުން ދިނުމާއި އާންމު އަސާސީ ހިދުމަތެއް ގަސްދުގައި މެދުކަނޑާލުން ވެސް ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވެ އެވެ. ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާ ކުރަނިވި މާއްދާ ހިމެނޭ އެއްޗެއް އުފެއްދުމާއި އެ ތަކެތީގެ ވިޔަފާރި ކުރުމަކީ ވެސް ޓެރަރިޒަމް ކުށެކެވެ.
ޓެރަރިޒަމް ކުށްތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވާ ކުށްތަކުގެ އަދަބަކީ 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުން ކަމަށް އެ ބިލުގައިވާއިރު އެ ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް އަދި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭ ގޮތަށް ހިމަނާފައި ވެއެވެ.
އަދި ކޯޓު އަމުރެއް ނެތި ޓެރަރިޒަމްގެ އެފަދަ ބޮޑެތި ކުށްތަކަށް ތުހުމަތު ކުރެވޭ މީހާއާއި އޭނާއާ ގުޅުން ހުރި ތަންތަނަށް ވަދެ ބަލައި ފާސް ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިދޭއިރު ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރެވޭ މީހުންނަށް ގާނޫނު އަސާސީގައިވާ ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ އެވެ.
މީގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި އެފަދަ ޖަމާއަތަށް ތާއީދުކޮށް ހިޔާލު ފާޅު ކުރުން ފަދަ ކަންކަން ވެސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ބިލުގައި ހިމަނައިފަ އެވެ.
ޓެރަރިޒަމް ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބައެއް އިސްލާހުތަކާމެދު އިދިކޮޅު ޕީޕީއެމާއި ކޮންގްރެސްފެ އިސް ބޭފުޅުން ގެންދަވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.