ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ރައީސް ޔާމީނާ މެދު އޯގާތެރިވާން އެދެފި

Apr 13, 2021
1

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ބަދަލު ހިފުމުގެ ރޫހުގައި ކަންކަން ކުުރުމުގެ ބަދަލުގައި އޯގާތެރިކަން އިސްކުރަން އިދިކޮޅު ޕީޕީއެމް / ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ގޮވާލައިިފި އެވެ.

ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިކަމަށް ގޮވާލައްވާފައި މިވަނީ މިއަދު ރޯދަ މަސް ފެށުނު އިރުވެސް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދީފައި ނުވާތީ އެވެ.

އާދަމް ޝަރީފް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވައި ދެވަނަ ރޯދަ މަހެއް ހޭދަކު ރައްވަން ޖެހިވަޑައިގަތުމަކީ ސަރުކާރާއި ކޯލިޝަންގެ ވެރިންގެ ހިތުގައި ބަދަލު ހިފުމާއި އަނިޔާވެރިކަމުގެ ހުޅު ރޯވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

"ރޯދަ މަހަކީ އޯގާތެރިކަމާއި މާފު ކުރުމާއި ހަމްދަރީގެ މައްސަރަކަށް ވިޔަސް މި ސަރުކާރުން ފެންނަނީ އަނިޔާ އާއި ބަދަލު ހިފުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ ބަދަލުހިފުމާއި އަނިޔާވެރިވުން ހުއްޓާލައި، އޯގާތެރިކަން އިސްކޮށް، ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ފޮނުއްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ވެސް ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމުގެ ވާހަކަތައް ދެކެވުނު ކަމަށެވެ. އެހެންކަމުން ކަމާ ގުޅޭ އިދާރާތަކާއި މަޝްވަރާކޮށް، އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށްވެސް ދެރަ ގޮތެއް ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށެވެ. އަދި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހެއްދެވުމަށް ޑޮކްޓަރު ލަފާ ދެއްވި ނަމަވެސް ބޭރަށް ވަޑައިގަތުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާ ކަމަށެވެ. ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ މައްސަލަތައް މެޑަމް ފާތުމަތު އިބްރާހިމް ފޮނުއްވާފައިވި ސިޓީގައި ތަފްސީލު ކޮށްދެއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ލަސްތަކެއް ނުވެ އިރާދަ ކުރެއްވިއްޔާ އެކަމުގައި އަޅުގަނޑު ގޮތްތަކެއް ނިންމާނަން،" އުއްމީދެއް ދެއްވަމުން ރައީސް ވިދާޅުވި އެވެ.

ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ބަދަލު ނުކޮށް ހިފަހައްޓާނަމަ އިދިކޮޅުގެ މުޒާހަރާތައް ވަރުގަދަ ކުރާނެ ކަމަށް އިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.